ޚަބަރު

އޮކްޓޯބަރު 7ގެ ޙަމަލާ ހުއްޓުވުމަށް ނުކުޅެދުނު ކަމަށް ޔަހޫދީން އެއްބަސް ވެއްޖެ


2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފިން ޔަހޫދީ ދައުލަތަށް ދިން ކުއްލި ޙަމަލާ ހުއްޓުވުމަށް ޔަހޫދީން ނުކުޅެދުނު ކަމަށް ޔަހޫދީން އިޢުތިރާފު ވެއްޖެއެވެ.

އޮކްޓޯބަރު 7ގައި ޙަމާސުން ޔަހޫދީންނަށް ދިން ޖިހާދީ ޙަމަލާ ވެގެން ދިޔައީ ޔަހޫދީންނަށް ސިހުން ގެނުވައިލި ވަރުގަދަ ޙަމަލާއަކަށެވެ. ފަލަސްޠީނުގެ މުސްލިމުންނަށް ޔަހޫދީން ދެމުންދިޔަ ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން ޙަމާސުން ދިން އެ ޙަމަލާގައި ޔަހޫދީންގެ 1,139 މީހުން ވަނީ މަރުވެފައެވެ. އެ ދުވަހު ޙަމާސުން ވަނީ ޔަހޫދީންގެ 250އަށްވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. އެ ޙަމަލާއާ ގުޅިގެން ޔަހޫދީން ވަނީ ޙަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށައިފައެވެ. 15 މަހަށް ދެމިގެންދިޔަ އެ ޙަމަލާތަކުގައި ޔަހޫދީން ވަނީ ފަލަސްޠީނުގެ 48,000އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލައިފައެވެ.

އޮކްޓޯބަރު 7ގެ ޙަމަލާއާ ގުޅޭގޮތުން ޔަހޫދީ އަސްކަރިއްޔާއިން ހިންގި ތަހުޤީޤަކަށް ފަހު އަސްކަރިއްޔާއިން ވަނީ ޙަމާސްގެ ޙަމަލާތައް ހުއްޓުވުމުގައި އަސްކަރިއްޔާއިން ނާކާމިޔާބު ވެފައިވާކަމަށް އެއްބަސްވެފައެވެ. ޙަމާސްގެ އާރާއި ބާރު މިންކުރުމުގައި އެތައް އަހަރެއް ވަންދެން ޔަހޫދީންނަށް މާ ފަސޭހަ ކޮށްލެވުނު ކަމަށާއި ޙަމާސްގެ ހަޤީޤީ ޤާބިލުކަން މާ އިތުރު ކަމަށް ވެސް ޔަހޫދީ އަސްކަރިއްޔާއިން ވަނީ އެއްބަސްވެފައެެވެ. ޔަހޫދީ ދައުލަތަށް ނިސްބަތްވާ ރައްޔިތުން ދިފާޢު ކުރުމަށް އަސްކަރިއްޔާއިން ނުކުޅެދުނު ކަމަށް ވެސް ތަހުޤީޤާ ގުޅޭ ރިޕޯޓެއްގައި އަސްކަރިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.

އަސްކަރިއްޔާގެ ތަހުޤީޤުގައި އިތުރަށް ފާހަގަ ކުރި ގޮތުގައި ޔަހޫދީންނަށް ޤަބޫލުކުރެވިފައި އޮތީ ޙަމާސުން ދިގު ހަނގުރާމައެއް ކުރަން ބޭނުން ނުވާނެ ކަމަށެވެ. އަދި ޙަމާސުން ޔަހޫދީންނަށް ޙަމަލާއެއް ދޭނަމަ އެ ކަމަށް ތައްޔާރުވާނެ ވަގުތު ލިބޭނެ ކަމަށް ޔަހޫދީންނަށް ޤަބޫލު ކުރެވިފައި އޮތް ކަމަށެވެ. ޙަމާސުން ބޮޑު ޙަމަލާއެއް ނުދީ އެތައަ އަހަރެއް ފާއިތުވުމުން ޔަހޫދީން ތިބީ ޙަމަލާއަކަށް ހުށިޔާރު ވެގެން ނޫން ކަމަށް ވެސް ތަހުޤީޤު ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. ޙަމަލާއަކަށް ތައްޔާރުވެފައި ނެތުމުގެ ސަބަބުން ޙަމަލާ ދިނުމުން އޭގެ ބަދަލުގައި ވަގުތުން ވަރުގަދަ ޙަމަލާއެއް ޔަހޫދީންނަށް ދެވިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ޙަމާސަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޖާާސޫސް ކުރުމާއި އަސްކަރީ ޙަމަލާތައް ދިނުމުގައި ޔަހޫދީން ބޮޑަށް ސަމާލުކަން ދީފައި ވަނީ ލުބުނާނުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޙިޒްބުالله ފަދަ އެހެނިހެން ހަތިޔާރުއެޅި ޖަމާޢަތްތަކަށް ކަމަށް ވެސް ތަހުޤީޤަށް ވަނީ ފާހަގަވެފައެެވެ. ޔަހޫދީންނަށް އަމާޒު ވެދާނެ ޙަމަލާއަކުން ރައްކާތެރިވުމަށް ޖާސޫސީ ރިޕޯޓުތަކަށާއި އެކިކަހަލަ އަސްކަރީ ނިޒާމުތަކަށް މާ ބޮޑަށް ބަރޯސާ ވެވިފައި އޮތް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮކްޓޯބަރު 7ގެ ޙަމަލާއާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާއި އަސްކަރިއްޔާއިން އެ ޙަމަލާއާ މެދު ޢަމަލު ކުރި ގޮތާ ގުޅޭގޮތުން ވަނީ ޢާންމުން ސުވާލު އުފައްދާފައެވެ. އެ ހާދިޘާއާ ގުޅިގެން ނަތަންޔާހޫގެ އިސްތިޢުފާއަށް ވެސް ޔަހޫދީން ވަނީ ގޮވާލައިފައެވެ. އެ ހާދިޘާގެ ސަބަބުން ޔަހޫދީންގެ އޭރުގެ ޖާސޫސީ އިސްވެރިޔާ އަހަރޮން ހަލިވާ ވެސް ވަނީ 2024ވަނަ އަހަރުގެ ތެރޭގައި އިސްތިޢުފާ ދީފައެވެ. ޙަމާސްގެ ޙަމަލާއިން ޢާންމުން ދިފާޢު ނުކުރެވުނު ކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ބުނެ ޖަނަވަރީ މަހުގެ ތެރޭގައި އައިޑީއެފްގެ ޗީފް އޮފް ޖެނެރަލް ސްޓާފް ހާޒީ ހަލެވީ ވެސް ވަނީ އިސްތިޢުފާ ދީފައެވެ. އޭގެ އިތުރުން އައިޑީއެފްގެ ދެކުނު ކޮމާންޑު ޔަރޯން ފިންކެލްމަން ވެސް ވަނީ އިސްތިޢުފާ ދީފައެވެ.

ޔަހޫދީން ބުނީ ޙަމާސުން އޮކްޓޯބަރު 7ގެ ޙަމަލާ ދީފައި ވަނީ ތިން ރާޅަކަށް ކަމަށެވެ. ފުރަތަމަ ރާޅުގައި ޙަމާސްގެ އެންމެ ވަރުގަދަ ސިފައިންގެ 1,000އަށްވުރެ ގިނަ ހަނގުރާމަވެރިން ވަނީ ބަޑީގެ ޙަމަލާތަކުގެ ނިވަލުގައި ޔަހޫދީންގެ ސަރަޙައްދަށް ވަދެފައެވެ. އެ ހަނގުރާމަވެރިން ޔަހޫދީ އަސްކަރިއްޔާގެ މުވާސަލާތީ ނިޒާމުތައް ނިއްވާލާފައިވާ ކަމަށާއި ކޮމާންޑް-އެންޑް-ކޮންޓްރޯލް ސެންޓަރުތައް ވެސް ބޭނުން ނުކުރެވޭ ގޮތް ހަދައި ހަަލަބޮލުކަން އުފެއްދި ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ. ދެވަނަ ރާޅުގައި 2,000އެއްހާ ހަނގުރާމަވެރިން ބައިވެރިވި ކަމަށާއި ތިން ވަނަ ރާޅުގައި އެތައް ހާސް ޢާންމުންނާއި އެތައް ސަތޭކަ ސިފައިން ބައިވެރިވި ކަމަށް ޔަހޫދީން ބުނެއެވެ. ނަމަވެސް ޙަމާސުން ބުނަމުން ދަނީ ޙަމާސުން ދިން ޙަމަލާގައި ބައިވެރިވެފައި ވަނީ މަދު ޢަދަދެއްގެ މުޖާހިދުން ކަމަށެވެ.

މީގެ ކުރިން ކުރި ތަހުޤީޤަކަށް އެނގުނު ގޮތުގައި ޙަމާސުން ޙަމަލާ ދިން ވަގުތު ޔަހޫދީ އަސްކަރިއްޔާއިން އެ މީހުންނަށް ނިސްބަތްވާ ޢާންމުންގެ ގަޔަށް ބަޑި ޖަހަައި މަރާލާފައިވާ ކަމަށް ވެސް ބެލެވެއެވެ.