ޚަބަރު

ރެފްރީ ކޫޓް ޔޫއެފާ އިންވެސް ސަސްޕެންޑް ކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގެ ރެފްރީ ޑޭވިޑް ކޫޓް ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި މުބާރާތުގެ ގަވާއިދާއި ހިލާފުވެފައިވާ ފޮޓޯތަކެއް އާންމުވުމުން އެ މައްސަލަ ބެލުމަށް ޔޫއެފާ އިން އޭނާ ސަސްޕެންޑް ކޮށްފި އެވެ.

އުމުރުން 42 އަހަރުގެ ކޫޓްގެ މައްސަލަ ޔޫއެފާ އިން ބެލުމަށްފަހު ނިންމާފައިވަނީ 2026 ވަނަ އަހަރުގެ ޖޫން 30 ކުރިން ޔޫއެޔާއިން އިންތިޒާމު ކުރާ އެއްވެސް މުބާރާތެއްގައި އޭނާއަށް މެޗު އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

އަދި ކޫޓްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އޭނާގެ ސަބަބުން ފުޓްބޯޅައިގެ އިތުރުން ޔޫއެފާއަށްވެސް ލަދުވެތިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ޔޫއެފާ އިން ކޫޓް ސަސްޕެންޑް ކޮށްފައިވާއިރު މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ވަނީ ލިވަޕޫލް އާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕްއަށް އަމާޒުކޮށް ކޫޓް ބަދުބަސްތަކެއް ބުނެފައިވާ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން، އެ މައްސަލަ ބެލުމަށްފަހު އޭނާ ރެފުރީކަމުން ވަކިކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ޕީޖީއެމްއޯއެލް އިން ކޫޓްގެ މައްސަލަ ބަލަން ފެށުމާއިއެކު މިދިޔަ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ވަގުތީ ގޮތުން ކޫޓް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ކޫޓްގެ އިތުރު މައްސަލަތަކެއް އޭގެ ދެ ދުވަސް ފަހުން ފެންމަތިވުމާއެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭނާގެ މައްސަލަ ޕީޖީއެމްއޯއެލް އިން ވަނީ ބަލަން ފަށާފަ އެވެ.

އުމުރުން 42 އަހަރުގެ ކޫޓް 2020 ވަނަ އަހަރު ލިވަޕޫލް އާއި ބާންލީ ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކްލޮޕް ވަނީ ރެފްރީ ކޫޓަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އެކަމާއި ގުޅޭގޮތުން ކޫޓު ލިވަޕޫލް އާއި ކްލޮޕްއަށް އޮތް ނަފުރަތު ހާމަވާ ގޮތަށް ދައްކާފައިވާ ވާހަކަ ތަކާއި ގުޅިގެންނެވެ.

ޕްރިމިއާ ލީގުގެ ގަވާއިދު ބުނާ ގޮތުން ލީގުގެ މެޗުތައް ރެފްރީކަން ކުރާ ފަރާތްތަކުން އެ ރެފްރީން ސަޕޯޓް ކުރާ ޓީމުތައް އަންގާ ރިޕޯޓް ކުރަން ޖެހެއެވެ. އަދި ކޫޓޭ އަންގާފައިވާ ގޮތުގައި އޭނާއަކީ ނޮޓްސް ކައުންޓީގެ ސަޕޯޓަރެކެވެ. އެހެންކަމުން އޭނާއަށް ކޮޓްސް ކައުންޓީ އާއި ނޮޓީންހަމް ފޮރެސްޓްގެ އެއްވެސް މެޗެއްގައި ރެފްރީ ކަމެއް ނުކުރެވޭނެ އެވެ.

ކޫޓް އެންމެ ފުރަތަމަ ޕްރިމިއާ ލީގުގެ މެޗެއްގެ ރެފްރީކަން ކޮށްފައިވަނީ 2018 ވަނަ އަހަރު ވެސްޓްބްރޮމް އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލު ކުރި މެޗެއްގަ އެވެ.