ޚަބަރު

ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓުން ޑޮލަރު މާރެއް ނުކުރޭ!


  • 78% ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށްގެންގޮސްފައިވޭ

  • ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ %90 ނަގަނީ އެމްއެމްއޭއަށް

ބޭރު ފައިސާގެ ގާނޫނުގެ ދަށުން އެއްވެސްގޮތަކަށް ބޭރުފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން އާންމުކޮށްފިއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތައް، އެއްވެސްގޮތަކަށް ބޭރުފައިސާ މާރުނުކުރުމުގެ ސަބަބުން ބައެއް ރިސޯޓުތަކުގެ ނަންތައް ވަނީ އާންމުކޮށްފައެވެ.

އެމްއެމްއޭއިން ވިދާޅުވީ ޤާނޫނުގެ ދަށުން އެއްވެސް ގޮތަކަށް ޑޮލަރު މާރު ނުކުރާ ދެ ރިސޯޓެއް އެބައޮތްކަމަށާއި، އެއީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސްކަމަށެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން ވިދާޅުވީ، ގިނަ ރިސޯޓުތަކުން ގާނޫނާ އެއްގޮތަށް ބޭރުފައިސާ މާރުކުރަމުންދާ ކަމަށެވެ. އެގޮތުން، އެމްއެމްއޭއިން އާއްމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާގޮތުގައި %78 ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް %20 ރިސޯޓުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި %20 ތެރެއިން ގިނަ ރިސޯޓްތަކުން އެކި ސަބަބުތަކާ ގުޅިގެން ކޮންސެޝަނެއް ދިނުމަށް އެދިފައިވީ ނަމަވެސް އެ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

މަރުކަޒީ ބޭންކުން އާންމުކުރި ރިޕޯޓުގެ ކެޓަގަރީ ބީ އަށް ބަލާއިރު އެ ކެޓަގަރީގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް އެސްޓެބްލިޝްމަންޓުގެ ތެރެއިން %48 ތަންތަނުން ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން ކުރިއަށް ނުގެންދަނީ %15 ފަރާތްތަކެވެ. އަދި %37 ތަންތަނުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައިނުވާކަންވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކާއި ހޯމްސްޓޭ ފަދަ ތަންތަނެވެ. މި ތަންތަނަކީ ޖުމްލަގޮތެއްގައި މެދު ފަންތީގެ ވިޔަފާރިތަކަށް ވުމާއެކު، މި ފަރާތްތަކަށް ގާނޫނުގެ ތެރެއިން އިތުރު ފުރުސަތުދީ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށްޓަކައި އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ކެޓަގަރީ ސީގައި ހިމެނެނީ އަހަރެއްގެ މައްޗަށް 15 މިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކެވެ. މި ކެޓަގަރީގައި ހިމެނޭ ތަންތަނުގެ ތެރެއިން %38 ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުން ކުރިއަށް ނުގެންދަނީ %33 ވިޔަފާރިން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައި މި ކެޓަގަރީގައި ހިމެނޭ %29 ތަންތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައިނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މި ވިޔަފާރިތަކުންވެސް ވަނީ ކޮންސެޝަން ހޯދުމަށް އެދިފައިވާއިރު، މި ވިޔަފާރިތަކާމެދު ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ %90 ނަގަނީ އެމްއެމްއޭ އަށެވެ. މީގެ ތެރެއިން %30 އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރެއެވެ. އަދި މިގޮތަށް ދޫކުރުމުގައި އިސްކަންދެނީ ދިވެހި ބޭންކްތަކަށެވެ. ބޭންކުތަކަށް އަނބުރާ ދެވޭ މި %30 ބޭނުންކުރަން ޖެހޭ ވަކި ކަންތައްތަކެއްވެސް ހުރެއެވެ. އޭގެތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރުން ހިމެނެއެވެ.

މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެވެއެވެ. އެހެންކަމުން ރިސޯޓްތަކުން މާރުކުރެވޭ ޑޮލަރުގެ ސީދާ ފައިދާ އާއި ލާބަ ވިޔަފާރިތަކާއި ރައްޔިތުންނަށް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އެމްއެމްއޭގައި ބަހައްޓާ ޑޮލަރުގެ ތެރެއިންވެސް ބޮޑުބައި ހޭދަކުރަނީ ގައުމަށް ބޭނުންވާ އަސާސީ މުދަލާއި ގޭހާއި ތެލާއި ބޭސްފަދަ ބާވަތްތައް އިމްޕޯޓްކުރުމަށެވެ.