ޚަބަރު

ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، އާމްދަނީ ހޯދަން ޕްލޭންތައް އެކުލަވާލަނީ


  • ބޮޑުތިލަދުންމަތީގައި ބޮޑުތަކުރުފާނުގެ ހަނދާންތަކާ ގުޅިފައިވާ ގިނަ ތަރިކަތަކެއް ހުރޭ

  • ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ފަތުރުވެރިން ޝައުޤުވެރިވާނެ ގޮތަށް ހުށައެޅޭނެ

ބޮޑުތިލަދުންމައްޗަކީ ރާއްޖެއިން ފެންނަ އެންމެ ޤަދީމީ އާސާރީ ތަރިކަތައް ހުންނަ އެއް ސަރަޙައްދެވެ. ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ޤައުމީ އަބުޠާލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމް، މަޝްހޫރު ނަމުންނަމަ ބޮޑު ތަކުރުފާނާ ގުޅިފައިވާ އެތައް ތަރިކައެއް މި ސަރަހައްދުގައި ހުރެއެވެ.

1558 ވަނަ އަހަރު ރާއްޖެ އަޅުވެތިކޮށް، މި ޤައުމުގެ މައްޗަށް އަތްގަދަކުރި ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި ރާއްޖެ މިނިވަންކޮށްދެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދާ ގުޅިފައިވާ އާސާރުތަކާއި ތަރިކަތައް މި ސަރަހައްދުގައި ހުރެއެވެ. ޚާއްސަކޮށް އެ ތަކުރުފާނުގެ އުފަން ރަށް ހއ. އުތީމާއި އެ ރަށާ ކައިރީގައި އޮންނަ ބާރަށާއި ތަކަންދޫގައި ހުރި ތަރިކަތައް ފާހަގަކޮށްލެވެއެވެ.

ޒަމާންތަކެއް ވަންދެން މި ތަރިކަތައް ބަލަހައްޓަމުން އައީ އެ ރަށްރަށުގައި ދިރިއުޅުނު ދިވެހިންނެވެ. ނަމަވެސް އެކަށީގެންވާ އަޅާލުން ނުދެވި ޤަދީމީ ބައެއް ތަރިކަތައް ވަނީ ނެތިގޮސްފައެވެ. ތަރިކައަކީ ބައެއްގެ އާދަކާދައާއި ތާރީޚު ބުނެދޭ މުހިންމު އެއްޗަކަށްވާއިރު، އިޤުތިޞާދީ ނަޒަރަކުން ބަލާނަމަ ތަރިކައަކީ އާމްދަނީވެސް ހޯދޭނެ އެއްޗެކެވެ. އެހެނީ އެކި ޤައުމުތަކުގައި ހުންނަ ތަރިކަ ބެލުމަށް ޤައުމުތަކަށް މިލިޔަނުން ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

އިޤުތިޞާދު ސިންދަފާތުކުރުމާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ތަރިކައިގެ ފަތުރުވެރިކަމެއް ކުރުމަކީ އެމަނިކުފާނު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. މި ސިޔާސަތު ޙާސިލުކުރުމަށްޓަކައި މި ވަގުތު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މިހާރު ހުރި ތަރިކަތައް ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ބަލަހައްޓައި އަދި ހަލާކުވެފައިވާ ބައެއް ތަރިކަ އިޢާދަކުރުމުގެ މަސައްކަތްކަން ކަށަވަރެވެ.

މިގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވަނީ ޣާޒީ ބަންޑާރައިންގެ އަސަރުތަކާ ގުޅިފައިވާ ގިނަ އަދަދެއްގެ ތަރިކަ ހުރި ހއ. އުތީމާއި ބާރަށާއި ތަކަންދޫއަށް ޒިޔާރަތްކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ދިވެހިބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، ތަރިކައިން އާމްދަނީ ހޯދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ތަރިކަ ޙިމާޔަތްކޮށް އާމްދަނީ ހޯދުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިމަނާފައިވަނީ އުތީމާއި ތަކަންދޫއާއި ބާރަށް ކަމަށެވެ. އެހެންކަމުން މި ދަތުރުފުޅުގެ ތެރެއިން މި ރަށްރަށުގައި ހުރި ތަރިކަތަކުގެ ހާލަތާއި އެ ތަކެތި ފަތުރުވެރިން ޝައުޤުވެރިވާނެ ގޮތަކަށް ހުށައެޅުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު އެއްކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ރަށްރަށުގެ ކައުންސިލްތަކާވެސް ބައްދަލުކުރިން. ބައްދަލުވުންތަކުން އެނގުނީ ޙަޤީޤަތުގައި ތަރިކައިން ވަރަށް ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަން. ތަރިކަ އިޢާދަކުރުމުގެ މަޝްރޫޢު ފެށްޓެވީ ތަރިކަތަކަށް އިހުމާލުވެފައިވާ ދަނޑިވަޅެއްގައިކަން. އަދި އިޢާދަކުރުމަށާއި ތަރިކަ ޙިމާޔަތްކުރުމަށް މިހާރު ހުރި ގޮންޖެހުންތައްވެސް ދެނެގަނެވުނު." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދަތުރުފުޅުގެ ތެރެއިން ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް ތަރިކަ ޙިމާޔަތްކޮށް ދެމެހެއްޓުމުގެ އިތުރުން ފަތުރުވެރިން ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ތަރިކަތައް ދައްކާލުމަށްޓަކައި އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ފެށޭނެ ކަމަށެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިހާތަނަށް ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖޭގައި 400 އެއްހާ ތަރިކަ އެބަހުއްޓެވެ. އަދި ފަސްޖެހި ވަޅުލެވިފައިވާ ބިމު އަޑީގައި ހުރި ތަރިކަތައް ހިމެނޭހެން ރާއްޖޭގައި ހުރި ތަރިކަތަކުގެ އަދަދު 2000އާ ގާތްކުރާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.