ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބިގެން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަންޖެހިދާނެ ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުން ރިޕޯޓްކުރާ ރަށްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ މާލެ ސަރަހައްދުން ކ.ހުރާއާއި ގުރައިދުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، އެ ދެރަށުން އެހީތެރިކަމަށް އެދިފައިވާކަމަށެވެ. އަދި އެކަމަށް އިޖާބަދިނުމުގެ ގޮތުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފެން ހިންދާ ވަސީލަތްތަކާއި، އެހީތެރިކަން މިހާރު ފޯރުކޮށްދެމުންދާކަމަށެވެ.
ހިސާން ވިދާޅުވީ ކުރިއާލާ ވެލިބަސްތާ ޖެހުމުގެ ސަބަބުން މާލޭގެ އެއްވެސް ގެއަކުން މީހުން ބަދަލުކުރަންޖެހޭފަދަ ރިޕޯޓެއް ނާންނަކަމަށެވެ. ނަމަވެސް ހުއްޓާނުލާ ބޯކޮށް ވާރޭވެހެމުންދާތީ އެފަަދަ ހާލަތަކަށް ތައްޔާރަށް އޮތްކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެ އިދާރާގެ އެމެންޖެންސީ ރެސްޕޮންސް ޓީމްތަކުން މިހާރުވެސް ޙާލަތު ދެނެގަތުމަށް، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.
"އެހީތެރިކަން ދިނުމުގެ އިންތިޒާމްތައް މިތިބީ ތައްޔާރުވެ. އަޅިގަނޑުމެންގެ ޓިމްތައް މެދުނުކެނޑި ދަނީ ހަރަކާތްތެރިވަމުން. އަދި މިހާތަނަށް އެފަދަ ރިޕޯޓެއް ނުލިބެ." ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ކުރި ވިއްސަރާގައި އެންމެ ދެކުނުގެ 4 އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެގެން ރިޕޯޓްކުރިކަމަށެވެ. މީގެތެރެއިން އައްޑޫސިޓީގައި، މޫސުންގޯސްވެ ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލުމުގެ ޙާދިސާތައް ހިނގާފައިވާކަމަށާއި، އަދި އެފަދަ ހާދިސާތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ހިސާން ވިދާޅުވިއެވެ.
އެންޑީއެމްއޭއިން ވަނީ ކުއްލި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެންޑީއެމްއޭއަށް ރިޕޯޓްކުރުމަށް އެދިވަޑައިގެންފައެވެ.