ޚަބަރު

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައި: ވަޒީރު ތާރިޤު


  • މާލޭގެ 6 ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން

  • ބަރު އުޅަނދު ނުދުއްވުމަށް ކަމާޢިބެހޭ އިދާރާތަކުން އިރުޝާދު ދޭ.

ވިއްސާރާގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވަޒީރު ތާރިޤު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިމާވެއްޓާބެހޭ ވަޒީރު ތާރީޤު ވިދާޅުވީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އިދާރާތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިވަގުތު މޫސުން ލަފާކުރެވޭ ގޮތުން ކުރިއަށް އޮތް ގަޑިތަކުގައިވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ، އިދާރާތަކުން ކެނޑިނޭޅި ފެންހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވެސް އިރުޝާދު ދެއްވާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ވަރަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރައްވަނީ. ހިސާބުގަނޑުގައި އުޅުއްވާ ބޭފުޅުންގެ އެހީއާއެކު މިކަން ކުރަނީ. ރައީސް އޮތީ އިރުޝާދު ދެއްވާފައި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް، މަސައްކަތް ކުރުމަށް" ވަޒީރު ތާރިޤު ވިދާޅުވިއެވެ.

ރައްޔިތުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާއިރު، މާލެ ސަރަހައްދުގައި ހުރި ހުރިހާ ޕަމްޕްތަކެއް ފެން ހިންދުމުގެ މަސައްކަތުގައި މިހާރުވެސް ބޭނުން ކުރަމުންދާ ކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

"އެހެންނަމަވެސް އެއްވަގުތަކާ ވަރަށް ބޯކަށް ވެހިލީމަ ޕަމްޕުތަކަށްވެސް ނުކަތާ ދަނީ. މާލޭގެ މިހުރި ހުރިހާ ޕަމްޕެއްވެސް ވަނީ ޖެއްސިފައި. ޤަބޫލުކުރަނީ ވިއްސާރަ ހުއްޓާލީމަ ފެން ހިނދޭނެކަމަށް މި ޤަބޫލުކުރަނީ. ކުރިއަށްވެސް އޮތީ ވިއްސާރަ އަންނަން އެހެންވީމަ ހުރިހާ ފަރާތްތަކުންވެސް ތައްޔާރަށް ތިބުން މުހިންމު" ވަޒީރު ވިދާޅުވިއެއެވެ.

މާލެ ސަރަހައްދުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްއެންޑީއެފްއިން ވަނީ މިހާރުވެސް މާލޭގެ 6 ސަރަހައްދެއްގައި 12 ޕަމްޕް ބަހައްޓައިގެން ފެން ހިންދުމަށް މަސައްކަތް ކުރައްވަމުންދާކަން ހާކުރައްވާފައެވެ.