ޚަބަރު

މިދިޔަ ހަފްތާގައި 302 ދޯންޏަކުން ކިރުވި މަހަށް 26 މިލިޔަން ރުފިޔާ ދޫކުރި


  • މިދުވަސްވަރު މުޅި ރާއްޖެއަށްވެސް މަސްވެރިކަން ރަނގަޅު

  • ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ޖަމާކޮށްދެމުން

މިދިޔަ ހަފްތާގައި 302 މަސް ދޯންޏަކަށް މިފްކޯއިން 26 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 302 މަސް ދޯންޏަކުން މަސް ކިރުވާފައިވެއެވެ. އެ ދޯނިތަކަށް 26،014،249 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ ޖުމްލަ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޑިސެންބަރުމަހާއި އަޅާބަލާއިރު 122 އިންސައްތައިގެ އިތުރުވުމެކެވެ. ޑިސެންބަރުމަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

މަހަށް ނިކުންނަ ދޯނިތައް އިތުރުވެފައިވާއިރު، މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމުން ދޯނިތަކުން ފޭބި ޒުވާނުން ދޯނިތަކަށް އަނބުރާ އަންނަން ފަށާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްޤީ މިސަރުކާރުން ގެންނަވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިދާއިރާގައި ހުރި މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެކަމަށެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުން ދަނީ މިފްކޯއަށްވެސް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިފްކޯގެ ހިންގުމަށް ބަދަލުގެނެސް، މިފްކޯއަކީ ފައިދާވާ ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުން ހިމެނެއެވެ.