ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ދާއިރާ ތަރައްޤީކޮށް މާލީގޮތުން ބާރުވެރިވެފައިވާ ދާއިރާއަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ތަސައްވުރެކެވެ. މި ތަސައްވުރު ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު 2029ވަނަ އަހަރާ ހަމައަށް އެދާއިރާ މާލީ މިނިވަންކަން ލިބިފައިވާ ދާއިރާއަކަށް ވެގެންދާނެކަމުގެ އުއްމީދު ވަނީ ބޮޑުވެފައެވެ.
އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވުޒާރާއިން ވިދާޅުވެފައިިވާ ގޮތުގައި މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ ވަޤުފު މަޝްރޫޢުތަކާއެކު ސަރުކާރުގެ 2029ވަނަ އަހަރުގެ ތަސައްވުރު ހާސިލްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ. އެގޮތުން، އިސްތިރާޖީ ގޮތުން ކުރެވޭ ވަޤުފު އިންވެސްޓްމަންޓުތަކާއި ޒަކާތުގެ ގޮތުގައި ލިބޭ އާމްދަނީގެ ސަބަބުން އަހަރަކު 250 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
މި އާމްދަނީއާއެކު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ހިންގުމަށާއި އިސްލާމީ ކަންތައްތައް ކުރިއަރުވަން ކުރާ ހޭދަ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ބެލެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި ބަދަލާއެކު އެ ވުޒާރާއަށް މިހާރު ދައުލަތުގެ ބަޖެޓުން ކުރާ ހޭދައިގެ ތެރެއިން ކުރިއަށް އޮތްތަނުގައި ހޭދަ ކުރަންޖެހޭނީ ހަމައެކަނި މުވައްޒަފުންގެ މުސާރައަށް ކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހަމުންދާނީ ޝަރީޢާގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އަދި ވަޤުފް އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ބޭނުންކުރާނީ އެ ތަކެއްޗަށް ކަނޑައެޅިފައިވާ މަޤުޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރާއްޖޭގައި ހިންގާ ވަޤުފު މަޝްރޫއުތަކުގެ ތެރެއިން 8 މަޝްރޫޢުގެ މަސައްކަތް 2028ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މަޝްރޫޢުތައް ވެގެންދާނީ އެ ވުޒާރާއަށް މާލީ ގޮތުން ހަރުދަނާ އަދި ދެމެހެއްޓެނިވި ބިންގަލެއް ޤާއިމުކޮށްދޭނެ މަޝްރޫއުތަކަކަށް ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ މި އިސްނެންގެވުމަކީ ރާއްޖޭގެ އިސްލާމީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ދުރުރާސްތާގެ ޤާބިލުކަން ވަރުގަދަކުރުމުގެ މަޤްޞަދުގައި ކުރައްވަމުންދާ މަސައްކަތެކެވެ. އެގޮތުން، މިސްކިތް ބިނާކުރުމާއި މަރާމާތުކުރުމާއި އިސްލާމީ ތަޢުލީމާއި އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް އެއްބާރުލުން ދިނުމާއި ޤުރުއٰާން ދަސްކޮށްދިނުމުގެ ޕްރޮގްރާމުތަކާއި ދީނީ އަދި މުޖުތަމަޢުގެ ތަރައްޤީއަށް ހިންގޭ އެހެނިހެން ދެމެހެއްޓެނިވި ކަންކަން މި މަސައްކަތުގެ ތެރޭގައި ހިމެނޭކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މިއީ މާލީ މިނިވަންކަމާއި، ވަޤުފު ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށް އަދި އަންނަން އޮތް ޖީލުތަކަށް އިސްލާމީ ޚިދުމަތުގެ ދާއިމީ ފައިދާ ފޯރުކޮށްދިނުމަށް އެޅުނު އިންޤިލާބީ ފިޔަވަޅެއް ކަމަށެވެ.