ދިގު އިންތިޒާރަކަށް ފަހު އަނެއްކާ ވެސް ދުނިޔެ މި ވަނީ ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔައިފައެވެ. ކޮންމެ ޤައުމެއްގައި ވެސް ހިފާ ރޯދައިގެ ދިގުމުން ގުޅިފައި ވަނީ ޖޯގުރަފީގެ ގޮތުން އެ ޤައުމެއް އޮންނަ ސަރަޙައްދަށެވެ. ބައެއް ޤައުމުތަކުގައި 20 ގަޑިއިރުގެ ދިގު ރޯދަ ހިފަންޖެހޭއިރު ބައެއް ޤައުމުތަކުގައި 11 ގަޑިއިރުގެ ރޯދަ ވެސް ހިފައެވެ.
ޢަރަބި ޤައުމުތަކުގައި މި އަހަރު ޢާންމު ގޮތެއްގައި ރޯދަ ހިފަނީ 16 ގަޑިއިރާއި 17 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ. ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ވަގުތު ރޯދަ ހިފަނީ އަލްޖަޒާއިރުގައެވެ. އެ ޤައުމުގައި ފަތިސް ނަމާދަށް ބަންގި ގޮވުމާއި އިރުއޮއްސުމާ ދެމެދު 16 ގަޑިއިރާއި 44 މިނެޓު ހޭދަވެއެވެ. އޭގެ ބަދަލުގައި ސޯމާލިޔާގައި ރޯދަ ހިފަނީ އެންމެ 13 ގަޑިއިރަށެވެ.
ނަމަވެސް ސްކެންޑިނޭވިއާ ފަދަ އާކްޓިކް ސާކަލް,ނުވަތަ ދުނިޔޭގެ އެންމެ އުތުރު ޕޮއިންޓާ ކައިރި ސަރަޙައްދުތަކުގައި ރޯދަ ހިފަންޖެހޭ ވަގުތު ނިސްބަތުން ދިގެވެ. އެއީ ‘މެންދަމުގެ އިރު’ ކިޔާ ޙާލަތެއް އެ ސަރަޙައްދުގައި މެދުވެރިވާތީއެވެ. އެ ޙާލަތުގެ ސަބަބުން އާކްޓިކް ސާކަލްގެ ކައިރި ސަރަޙައްދުތަކަށް ދުވާލުގެ ވަގުތު އާދަޔާ ޚިލާފަށް ދިގުވެގެން ދެއެވެ. އޭގެ ސަބަބުން ސްވީޑަންއާއި ނޯވޭއާއި ފިންލޭންޑް ފަދަ ޤައުމުތަކުގެ ބައެއް ސަރަޙައްދުތަކުގައި 20 ގަޑިއިރަށްވުރެ ދިގުކޮށް ވެސް ރޯދަ ހިފަން ޖެހެއެވެ. އެ ގޮތުން ސްވީޑަންގެ ކިރުނަ ކިޔާ ސިޓީއެއްގައި އިރު އޮއްސެނީ މަދު މިނެޓު ކޮޅަކަށެވެ. އިރު އޮއްސޭތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް އިރު އަރައެވެ. ސްވީޑަންގެ އުތުރުގެ ބައެއް ސަރަޙައްދުތަކުގައި އެއްގޮތަކަށް ވެސް އިރު ނުވެސް އޮއްސެނީއެވެ.
ގްރީންލޭންޑުގެ ނޫކްގައި ވެސް 20 ގަޑިއިރަށް ރޯދަ ހިފަންޖެހެއެވެ. އައިސްލޭންޑުގައި ވެސް 19 ގަޑިއިރާއި 59 މިނެޓަށް ރޯދަ ހިފާއިރު ފިންލޭންޑުގައި 19 ގަޑިއިރާއި 9 މިނެޓަށް ރޯދަ ހިފައެވެ.
އުތުރުގެ ބައެއް ސަރަޙައްދުތަކުގައި ވެސް ކަން އޮންނަނީ މިހެންނެވެ. އެ ގޮތުން ކެނެޑާއާއި އަލަސްކާގައި ވެސް ރޯދަ ހިފަންޖެހޭ ވަގުތު ވަރަށް ދިގެވެ. އެ ސަރަޙައްދުތަައް އޮންނަނީ ނޯތު ޕޯލާ ކައިރީގައި ކަމަށް ވާތީ ދުވާލުގެ ވަގުތު އެ ސަރަޙައްދުތަކުގައި ވަރަށް ދިގެވެ. އެއާއެކު އެ ޤައުމުތައް ވެސް ހިމެނެނީ އެންމެ ދިގުކޮށް ރޯދަ ހިފާ ޤައުމުތަކުގެ ތެރޭގައެވެ.
އޭގެ ބަދަލުގައި ސަދަން ހެމިސްފިޔަރގައި އޮންނަ ޤައުމުތަކުން ރޯދަ ހިފަން ޖެހޭ ވަގުތު ކުރެވެ. އެއީ އެ ސަރަޙައްދުގެ ޤައުމުތަކުގައި ދުވާލުގެ ވަގުތު ކުރުވުމުންނެވެ. ބްރެޒިލްގެ ބްރެސީލިޔާއާއި ޒިމްބާބްވޭގެ ހަރާރޭ އަދި ޕާކިސްތާނުގެ އިސްލާމްއާބާދުގައި ރޯދަ ހިފަންޖެހެނީ 12 ނުވަތަ 13 ގަޑިއިރެވެ. ދެކުނު އެފްރިކާގެ ޖޮހަނަސްބާގާއި ކޭޕް ޓައުން, ޕެރަގުއޭގެ ސިއުދާދް ދެލް އެސްތޭ, އަދި އުުރުގުއޭގެ މޮންތެވިދޭޔޯގައި ރޯދަ ހިފަނީ 11 ނުވަތަ 12 ގަޑިއިރެވެ. އޭގެ އިތުރުން އާޖެންޓީނާގެ ބުއެނޮސް އާރެސް އަދި ނިއުޒިލޭންޑުގެ ކްރައިސްޓްޗަރޗްގައި 12 ވަރަކަށް ގަޑިއިރު ރޯދަ ހިފައެވެ. ޗިލީގެ ކިންގް ސްކޮޓް ހިމެނެނީ އެންމެ ކުރުކޮށް ރޯދަ ހިފާ އެއް ޤައުމުގެ ގޮތުގައެވެ. އެއީ 11 ގަޑިއިރާއި 12 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ.