ޚަބަރު

އައިޓީބީ ފެއަރގައި ބައިވެރިވެވަޑައިގެންނެވުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ފުރާވަޑައިގެންފި


  • އިންޑަސްޓްރީ ޕާޓްނަރުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާނެ

  • ފަތުރުވެރިކަމުގެ އެއް ނަންބަރު މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރާނެ

  • މިފަހަރުގެ ފެއަރ ކުރިއަށްދާނީ މިމަހުގެ 4 އިން 6 އަކަށް

ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއަރ "އައިޓީބީ ބާލިން" ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ.

މިއަހަރުގެ އައިޓީބީ ފެއަރ ކުރިއަށްދާނީ މިމަހުގެ 4 އިން 6 އަކަށް ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި ހުންނަ ބާލިން އެކްސްޕޯސިޓީ ސެންޓަރުގައެވެ. ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންޑަސްޓްރީ ޕާޓްނަރުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.


އައިޓީބީ ފެއަރއަކީ ރާއްޖެއިންވެސް ކޮންމެ އަހަރަކު ވަރަށް ބޮޑަށް ތައްޔާރުވާ ފެއަރއެކެވެ. އެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރްސީ އިސްވެ އޮވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު މި ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރަމުންދެއެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ފެއަރގައިވެސް ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާނެކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިދިޔަ 2024 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވަރަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު މި އަހަރު ސަރުކާރުން އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަކާއެކު މި ރިކޯޑު އައުކުރުމަށެވެ.