ޚަބަރު

ފަތުރުވެރިންނަށް ކެއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެދިއްޖެ


  • ސަރުކާރުން ކަނޑައަޅާފައިވާ އުޞޫލުތަކާއި، މިންގަނޑުތަކާ ޚިލާފު ނުވާ ގޮތަށް، ޢަމަލު ކުރުމަށް ވަނީ އެދިފައި

  • ރައްޔިތުންނަށް ނުފެންނާނެ ގޮތަކަށް، ޚިދުމަތް ދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އެދިފައި

ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ފަތުރުވެރިންނަށް ކެއުމުގެ އިންތިޒާމްޔތައް ހަމަޖެއްސުމުގައި އާންމު ޤަވާއިދުތަކާ އެއް ގޮތަށް ޢަމަލު ކުރެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ލޯކަލް ޓުއަރިޒަމާއި، ލޯކަލް ގެސްޓް ހައުސް ހިންގާ ރަށްރަށުގައި، ރަމަޟާން މަހު ފަތުރުވެރިންނަށް ކެއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އުޞޫލުތަކާއި، މިންގަނޑުތަކާ ޚިލާފު ނުވާ ގޮތަށް، އެ ރަށެއްގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް ނުފެންނާނެ ގޮތަކަށް، ޚިދުމަތް ދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން މުޙިއްމު ކަމަށެވެ.

ރަށު ފަތުރުވެރިކަން މުޅި ރާއްޖެއަށް އާންމުވެފައިވާ އިރު، ސަރުކާރުން އެކުލަވައިލައިފައިވާ އުޞޫލުތަކާ އެއް ގޮތަށް ފަތުރުވެރިންނަށް ފޯރުކޮށްދެއްވަމުން އަންނަ ޚިދުމަތްތައް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޚާއްޞަކޮށް ރޯދަ މަހު، މި ފަދަ ޝަކުވާތައް މަދުން ނަމަވެސް ފެންމަތިވުމަކީ އެ ރަށްރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.