ޚަބަރު

ޔޫކްރެއިން ހަނގުރާމަ އެއް މަސް ދުވަހަށް މެދުކަނޑައިލަން ވިލާތުން ހުށަހަޅައިފި


ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު އެއް މަސް ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ހުށަހަޅައިފިއެވެ. 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ވިލާތުގެ ދެ ޤައުމަކުން ގުޅިގެން މަސައްކަތް ފަށާފައި މި ވަނީ، އެ ކަމާ ގުޅޭ ގޮތުން އެމެރިކާއިން ރަޝިޔާއާ އެކު މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި، އެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ މަންޒަރު ފެންނަމުންދާ ވަގުތެެއްގައެވެ.

ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮނާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރއާ ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ލެންކެސްޓަރ ހައުސްގައެވެ. އެއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮންޖެއްސެވުމުގެ ގޮތުން މެކްޚްރޮނާއި ސްޓާމަރ ބާއްވަވާފައިވާ ބައްދަލުވުމެއްގެ ގޮތުގައި ރަޝިޔާއިން ވަނީ ސިފަ ކޮށްފައެވެ.

މެކްޚްރޮން ވިދާޅުވީ، އެއް މަސް ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ހުށަހަޅާފައިވާނެ ކަމުގައެވެ. ނަމަވެސް، ހަނގުރާމައިގެ ހުރިހާ މައިދާނެއްގައި އެ ކަމަށް އަމަލު ކުރަން ނުޖެހޭނެއެވެ. މި ގޮތުން، އެއްގަމުގައި ތިބި ސިފައިންގެ މެދުގައި ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ހުށަހަޅާފައި ނުވި ނަމަވެސް، ވަޔާއި ކަނޑުމަގުން ދޭ ޙަމަލާތަކުގެ އިތުރުން ދެ ޤައުމުގެ ހަކަތަ އުފައްދާ ވިއުގައަށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް ހުށަހަޅާފައިވާނެ ކަމުގައި މެކްޚްރޮން ވިދާޅުވިއެވެ.

"ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލައިފި ނަމަ، ހަނގުރާމައިގެ ކުރީ ސަފުގައި ކަން ހިނގަމުންދާ ގޮތް ކަށަވަރު ކުރުމަށް ވަރަށް ދަތިވާނެ،" ފަރަންސޭސިވިލާތުގެ ނޫހެއް ކަމުގައިވާ ލު ފިގާރޯއަށް ދެއްވި ބަސްދީގަތުމެއްގައި މެކްޚްރޮން ވިދާޅުވިއެވެ. ހަނގުރާމައިގެ ކުރީ ސަފުގެ ދިގުމިން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާއި ހަންގެރީގެ ވެރިރަށް ބުދަޕެޝްތާ ދެމެދުގެ ދުރުމިނާ އެއްހަމަ ވާނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މެކްޚްރޮނާއި ސްޓާމަރއާ ދެމެދު މަޝްވަރާތައް ބާއްވަވާފައި މި ވަނީ، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެމެރިކާއަށް ވަޑައިގަންނަވައި، ރައީސް ޓްރަމްޕާ އެކު ބައްދަލުވުމެއް ބާއްވަވާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މީޑިޔާގެ ހާޒިރުގައި ބޭއްވި ބައްދަލުވުން ހޫނުވެ، ދެ ބޭފުޅުން ވަނީ މީޑިޔާގެ ކުރިމަތީގައި އަރައިރުންވެ ވަޑައިގަންނަވާފައެވެ. އެ ހާދިސާއަށް ފަހު ވިލާތުގެ ގިނަ ޤައުމުތަކަކުން ވަނީ ޔޫކްރެއިނާ އެކު ދެމިއޮންނާނެ ކަން ހާމަކޮށްފައެވެ.

ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ހުށަހެޅުމުގެ ދަށުން ވިލާތުގެ ޤައުމުތަކުގެ ސިފައިން ޔޫކްރެއިނަށް ފޮނުވުމަށް ވެސް ވަނީ ނިންމާފައެވެ. ނަމަވެސް، މެކްޚްރޮން ވިދާޅުވީ، ޔޫކްރެއިނަށް ސިފައިން ފޮނުވާނީ އެއްބަސްވުމުގެ ދެވަނަ މަރުޙަލާގެ ދަށުން ކަމުގައެވެ. "ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ވިލާތުގެ ސިފައިން ޔޫކްރެއިނަށް ފޮނުވުމުގެ އެއްވެސް ވިސްނުމެއް ނެތް،" އޭނާ ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ހަރުދަނާ މަޝްވަރާތަކެއް ބޭއްވުމަށް ވެސް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ވިލާތުގެ ޤައުމުތަކުން ދިފާޢީ ދާއިރާއަށް ކުރާ ހޭދަ އިތުރު ކުރުމާ ގުޅޭ ގޮތުން ވެސް މެކްޚްރޮނާއި ސްޓާމަރ ވަނީ މަޝްވަރާ ކުރައްވާފައެވެ. މެކްޚްރޮން ވިދާޅުވީ، ފަރަންސޭސިވިލާތުގެ ދިފާޢީ ދާއިރާއަށް ކުރާ ހޭދަ %3ން %3.5ށް އިތުރު ކުރުމަށް ނިންމާފައިވާ ކަމުގައެވެ. އަދި، މި ފަދައިން އަމަލު ކުރުމަށް އޭނާ ވަނީ ވިލާތުގެ އެހެން ޤައުމުތަކަށް ވެސް ބާރު އަޅުއްވާފައެެވެ.