ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ގުޅުން އޮތް ބަޔަކު ބަޑީގެ ޙަމަލާތަކެއްދީ އެ ޤައުމުގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލެއް މަރައިލައި، އިތުރު މީހަކު ޒަޚަމު ކޮށްލުމުން ވެރިރަށް ދިމިޝްޤުގައި ހަމަނުޖެހުންތަކެއް ހިނގައިފި އެވެ. އަޙްމަދު އަލް-ޚަޠީބަށް ޙަމަލާދީ މަރައިލާފައި ވަނީ ދިމިޝްޤުގެ ޖަރަމާނާ އަވަށުގައި ޖަހާފައިވާ ޗެކްޕޮއިންޓެއް ކައިރީގައެވެ. އެ ޙަމަލާއާ ގުޅިގެން އެ ސަރަޙައްދުގައި ހަމަނުޖެހުން ހިންގަން ފަށާފައިވާއިރު، ހަމަނުޖެހުންތައް ކޮންޓުރޯލު ކުރުމަށް ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ އިތުރު ސިފައިން ފޮނުވާފައެވެ.
ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ އަސްކަރިއްޔާއިން ބުނީ، ޚަޠީބު މަރައިލުމަށް ދީފައިވާ ޙަމަލާގެ ފަހަތުގައި ވަނީ އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދަށް ވަފާތެރި ހަތިޔާރު އެޅި ބަޔެއް ކަމުގައެވެ. އަދި، އެ މީހުން ދެނެގަނެ، ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމުގައިވާ ލެފްޓިނެންޓް ކާނަލް ޙުސާމް ޠައްޙާން ބުންޏެވެ.
ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސްގެ ހަނގުރާމަވެރިން ދިމިޝްޤަށް އަރައި އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ފައުޖުތައް ދިމިޝްޤަށް އެރުމާ އެކު، އަސަދު ވަނީ އޭނާގެ ޢާއިލާއާ އެކު ފިއްލަވައިގެން ރަޝިޔާއަށް ދަތުރު ކުރައްވާފައެވެ. އަދި، މޮސްކޯގެ ޙިމާޔަތަށް އެދިވަޑައިގަންނަވާފައެވެ.
ޠައްޙާން ބުނީ، ޖަަރަމާނާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެ ސަރަޙައްދުގައި ނުޤަވާޢިދުން ޗެކްޕޮއިންޓު ޖަހައި، ކުށުގެ އަމަލުތައް ހިންގަމުންދާ ކަމުގައެވެ. އަދި، އެ ސަރަޙައްދުގައި މީހުން މެރުމާއި، ރަހީނު ކުރުމުގެ އިތުރުން ހަތިޔާރު ބޭނުން ކޮށްގެން ވައްކަން ކުރުމުގެ ކުށްތައް އިތުރުވެފައިވާ ކަމުގައެވެ. ޚަޠީބަށް ޙަމަލާ ދިން މީހުން އަސްކަރިއްޔާއާ ޙަވާލު ކުރަން ޖަރަމާނާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދެކޮޅު ހަދަމުންދާ ކަމުގައި ވެސް އޭނާ ބުންޏެވެ.
ޖަރަމާނާއަށް އެޗްޓީއެސުން އިތުރު ސިފައިން ފޮނުވާފައިވާއިރު، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ޖަހާފައިވާ ޗެކްޕޮއިންޓުތައް ރޫޅައިލުމުގެ މަސައްކަތް އެ މީހުން ވަނީ ފަށާފައެވެ. ޠައްޙާން ބުނީ، އިތުރު ސިފައިން ފޮނުވަން ފެށުމާ އެކު، އެ ސަރަޙައްދުގައި ހިނގަމުން ދިޔަ ހަމަނުޖެހުންތައް ކޮންޓުރޯލުވެ، ހަމަޖެހުން ޤާއިމު ކުރެވެން ފަށާފައިވާ ކަމުގައެވެ. ހަމަޖެހުން ޤާއިމު ކުރުމަށް އެ ސަރަޙައްދުގައި ދިރިއުޅޭ ޢާއިލާތަކުގެ ވެރިންނާއި އެ ޤައުމުގެ ދާޚިލީ ވުޒާރާއިން މަޝްވަރާ ކުރަމުންދާ ކަން ވެސް އޭނާ ހާމަކުރިއެވެ.
ޖަރަމާނާއަކީ ޢާންމު ގޮތެއްގައި ދްރޫޒީ ދަރިކޮޅާއި ނަޞާރާދީނުގެ މީހުން ދިރިއުޅޭ ސަރަޙައްދެކެވެ. އިސްލާމްދީނުން ވަކިވެގަނެފައިވާ ދްރޫޒީން ޢާންމު ގޮތެއްގައި ދިރިއުޅެނީ ސޫރިޔާއާއި ލުބްނާންގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުގައެވެ. އިސްރާއީލުގައި ދްރޫޒީ ނަސަބުގެ 140,000ށްހާ މީހުން ދިރިއުޅެއެވެ. އިސްރާއީލުން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސްބިންތަކަކީ ވެސް ދްރޫޒީ ނަސަބުގެ ބޮޑު މުޖުތަމަޢެއް ދިރިއުޅޭ ސަރަޙައްދެކެވެ. އެއީ، ޖަރަމަނާއާ 100ށްހާ ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ވެސް ދްރޫޒީ ދަރިކޮޅުގެ 18,000ށްހާ މީހުން ދިރިއުޅޭ ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ.
ޖަަރަމާނާގައި ދިރިއުޅޭ ދްރޫޒީންނާ ދެކޮޅަށް އެޗްޓީއެސްގެ ސިފައިން އަސްކަރީ ހަރަކާތައްތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، އެ ކަން ހުއްޓުވާނެ ކަމަށް ބުނެ، ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިންޒާރު ދީފައެވެ. އޭނާގެ އޮފީހުން ބުނީ ދިމިޝްޤުގައި ދިރިއުޅޭ ދްރޫޒީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައްޔާރަށް އޮތް ކަމުގައެވެ.