ޚަބަރު

ޖަނަވާރުން ގެންގުޅުމުގެ ޤާނޫނެއް މުހިންމު، ތަޖުރިބާކާރުންގެ ލަފާ އިތުރަށް ބޭނުންވޭ: މެންބަރުން


  • ޖަނަވާރުންނަށް ބައެއް މީހުން އިހުމާލުވާ މައްސަލަ ހައްލުވާނެ

  • ދޫނި ސޫފާ ސޫތްޕާއި ޖަނަވާރުން އެކްސްޕޯޓް ކުރެވިދާނެ

ޖަނަވާރު ގެންގުޅުމާއި ރައްކާތެރިކަމުގެ ޤާނޫނެއްރާއްޖެއަށް މުހިންމު ކަމަށާއި، މިހާރު ހުށައަޅާފައިވާ ބިލަށް ތަޖުރިބާކާރުންގެ ލަފާ ބޭނުންކޮށްގެން އިތުރަށް ދިރާސާކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. ރާއްޖެއަށް ގެނެވޭ އަދި ރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އަދި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށްޓަކައި ބޭސްފަރުވާ ކުރުމުގެ އުސޫލުތައް މި ބިލުގެ ދަށުން ކަނޑައަޅާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ޖަނަވާރާއި ޖަނަވާރުގެ ބައިތަކާއި ކާނާއާއި ބޭސް އެތެރެކުރުމުގެ އުސޫލުތައްވެސް ކަނޑައަޅާނެއެވެ.

ބިލަށް ވާހަކަ ދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ ރާއްޖޭގައި ގެންގުޅޭ ޖަނަވާރުތަކާއި އާންމުތަންތަނުގައި އުޅޭ ޖަނަވާރުތަކަށް މީހުން އިހުމާލުވާ ކަމަށާއި، މި ބިލު ޤާނޫނަކަށްވުމުން އެފަދަ ޖަނަވާރުތަކަށްވެސް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި އެހެން ޤައުމުތަކަށް އެކްސްޕޯޓް ކުރެވޭނެ ބާވަތްތަކުގެ ޖަނަވާރުތައްވެސް އެބަހުރި ކަމަށާއި މިހާތަނަށް އެކަން ނުކުރެވިފައިވާ ސަބަބުތައް ދެނެގަންނަންޖެހޭ ކަމަށްވެސް މެންބަރު އިބްރާހީމް ދީދީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެބަހުރި ދުނިޔޭގެ ބާޒާރުގައި ހަމަ ބޭނުންކުރެވޭނެ އަދި ގަންނާނެ އަދި ވިއްކާލެވޭނެ ވަރަށްގިނަ ދޫނިސޫފާސޫފި. މިއީ ރާއްޖެއަށް އާމްދަނީއެއް ލިބޭގޮތަށް ބަލާލާއިރުވެސް އެންމެ ރަނގަޅު ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މިކަން މިހާތަނަށް ނުވެފައި އަތްދަށުން ގޮސްފައި އޮތީ ކީއްވެގެންކަމެއް އަޅުގަނޑަކަށްނޭނގޭ ދަންނަވާކަށް." ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވިއެވެ.

މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ވިދާޅުވީ ބުޅަލުގެ މައްސަލައަކީ ދާދިފަހުން ފެންމަތިވި މައްސަލައެއް ކަމަށާއި ނަމަވެސް ރަނގަޅު އުސޫލެއްގެ ތެރެއިން އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. އަދި ހުށައަޅާގައިވާ ބިލުގެ ސަބަބުން ކަންކަން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް ގެނެވޭ ޖަނަވާރު ސްކްރީންކޮށް ކަރަންޓީންކުރުމަށާއި ދިވެހިރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ތެރެއިން ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ކިބައިން އަތުލައިގަނެވޭ ޖަނަވާރުތައް ބޭތިއްބުމަށް ބޭނުންވާ މަރުކަޒުތަކަކީ ކޮންމެހެން ބޭނުންވާ ތަނެއްކަން އަޅުގަނޑަށް މި ބިލު ކިޔާލުމުން ފާހަގަކުރެވޭ. އެހެންވީމަ މިކަންކަން ފުރިހަމަވެގެން މި ބިލު ޤާނޫނަކަށްވެގެން ތަންފީޒުކުރެވެގެންދާ ހިސާބުން މި ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަން." މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު ވިދާޅުވީ ރާއްޖޭން އެކި މުއާހަދާތަކުގައި ސޮއިކޮށްފައިވާއިރު ޖަނަވާރުތަކަށް ހިމާޔަތްދޭން ޖެހޭކަމަށެވެ. ނަމަވެސް އެކަމަށް ޤާނޫނެއް ނެތުމުން އެކަން މިހާތަނަށް ކުރަމުން އައީ ހިތުހުރި ގޮތަކަށް ކަމަށާއި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލު ޤާނޫނަކަށް ވެގެންދިއުމުން ހުރިހާ ފަރާތްތަކަށްވެސް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުމެންގެ ޒުވާނުން ވަރަށް ގިނަ އަދަދެއްގެ ދޫނި ސޫފާސޫފި އަދި ބައެއް ބާވަތްތަކުގެ ޖަނަވާރު ގެނެސްގެން އެބަ ގެންގުޅޭ މާލޭގައާއި ރާއްޖެތެރޭގައި. އެއްވެސް ހަމައެއް ލަމައެއް ނެތި. އުސޫލުތަކެއް ނެތި، ޤާނޫނެއް ނެތި މިހެން އުޅެން ޖެހުމުގެ ސަބަބުން ހިތުހުރި ގޮތަކަށް ކަންކަން ކުރަން ފުރުސަތު ދީފައި އޮންނަނީ ސަރުކާރުން. ބައެއް ފަހަރު މައްސަލަތައް ކުރިމަތިވީމަ ހައްލުކުރާނެ ގޮތެއްވެސް ނޯވޭ،" ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދު ވިދާޅުވިއެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލަށް ބަހުސްކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ މި ބިލާ ގުޅޭގޮތުން ފުންކޮށް ދިރާސާކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ދިރާސާ ކުރުމުގެ މަރުހަލާގައި ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާ ހޯދަންޖެހޭ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

މި ބިލު މަޖިލީހަށް ވަނީ ބަލައިގެން، ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ. މި ބިލު ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.