18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު އިއުލާންކޮށްފިއެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ރައިން މުޙައްމަދާއި، އައިމިނަތު ލުހުޔާ އަޙްމަދާއި، ޒީކު އަޝްރަފް ރަޝީދާއި، އަހުނަފު ރައްޔާން ފަހުމީ އަދި ޔޫސުފް ނައިކް ވަޖީހެވެ.
މި މުބާރާތް އޮންނާނީ ސައުދީ އަރަބިއްޔާގެ ދައްމާމުގައި އޭޕްރީލް 15 އިން 18 އަށެވެ. މި މުބާރާތަށް އަންނަ މަހު ރާއްޖޭގެ ޓީމު ސައުދީ އަރައްބިއްޔާއަށް ދާނެއެވެ.
މި ފަހަރުގެ މުބާރާތުގެ ޓްރެކް އެންޑް ފީލްޑް އިވެންޓުތަކުގެ ތެރޭގައި 100 މީޓަރާއި، 200 މީޓަރާއި، 400 މީޓަރާއި، 800 މީޓަރާއި، 1500 މީޓަރު އަދި 3000 މީޓަރު ދުވުމާއި، 110 މީޓަރު އަދި 400 މީޓަރު ހާޑްލްސް އާއި، 2000 މީޓަރު ސްޓީޕްލްޗޭސް ހިމެނެއެވެ. މީގެ އިތުރުން 5000 އަދި 10000 ރޭސް ވޯކިން އިވެންޓް އޮންނާނެއެވެ.
އެންމެ ފަހުން 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2023 ވަނަ އަހަރު އުޒްބެކިސްތާނުގައެވެ. އެ މުބާރާތުގައި ރާއްޖޭގެ އަހުނާ ނިޒާރާއި ޒީވާ މޫސާ ވަނީ ވާދަކޮށްފައެވެ.