ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ގުޅުން އޮތް ބަޔަކު ބަޑީގެ ޙަމަލާތަކެއްދީ އެ ޤައުމުގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލެއް މަރައިލައި، އިތުރު މީހަކު ޒަޚަމު ކޮށްލުމުން، އެ ޙަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދަން އަސަދަށް ތާޢީދު ބޮޑު ސަރަޙައްދުތައް ބަލައި ފާސްކުރަން ފަށައިފިއެވެ.
ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ އަސްކަރިއްޔާއިން މި އޮޕަރޭޝަން ހިންގަމުންދަނީ ސޫރިޔާގެ ލަތާކިޔާ ސަހަރުގައެވެ. އަސަދުގެ ވަފާތެރި މީހުން ގިނަ ލަތާކިޔާ ވަނީ ސަލާމަތީ ގޮތުން އެޗްޓީއެސަށް ބޮޑު ބޮލުރިހުމަކަށްވެފައެވެ.
އެ ސަހަރުގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ޗެކްޕޮއިންޓުތަކަށް އަމާޒުކޮށްދޭ ޙަމަލާތައް ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ އިތުރުވެފައެވެ.
އަދި އެ ސަރަޙައްދުގައި މީހުން މެރުމާއި، ރަހީނު ކުރުމުގެ އިތުރުން ހަތިޔާރު ބޭނުން ކޮށްގެން ވައްކަން ކުރުމުގެ ކުށްތައް އިތުރުވެފައިވާ ކަމަށް އެޗްޓީއެސުން ވަނީ ބުނެފައެވެ.
އަޙްމަދު އަލް-ޚަޠީބަށް ޙަމަލާދީ މަރައިލާފައި ވަނީ ދިމިޝްޤުގެ ޖަރަމާނާ އަވަށުގައި ޖަހާފައިވާ ޗެކްޕޮއިންޓެއް ކައިރީގައެވެ.
އެޗްޓީއެސްގެ އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަނުގައި ކުރިމަތިލުންތައް ހިނގައި ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ.
ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސްގެ ހަނގުރާމަވެރިން ދިމިޝްޤަށް އަރައި އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ފައުޖުތައް ދިމިޝްޤަށް އެރުމާ އެކު، އަސަދު ވަނީ އޭނާގެ ޢާއިލާއާ އެކު ފިއްލަވައިގެން ރަޝިޔާއަށް ދަތުރު ކުރައްވާފައެވެ. އަދި، މޮސްކޯގެ ޙިމާޔަތަށް އެދިވަޑައިގަންނަވާފައެވެ.