ޚަބަރު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަމަޟާން މަސް ފާހަގަ ކުރާ ތަފާތު ގޮތްތައް


އިސްލާމީ ކަލަންޑަރުގެ އެންމެ ޚާއްޞަ މަސް ކަމަށްވާ ބަރަކާތްތެރި ރަމަޟާން މަސް މި ވަނީ މުސްލިމުންނަށް މަރުޙަބާ ކިޔައިފައެވެ. ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ރަމަޟާން މަަހަކީ މުސްލިމުންނަށް އަންނަ އަޅުކަމާއި ތަޤްވާވެރިކަމުގެ މަހެކެވެ. ހުރިހާ ޤައުމެއްގައި ވެސް ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމާ ހަމައަށް ކެއިން ބުއިމުން ދުރުހެލިވެ އެންމެހާ މުންކަރާތްތަކާއި ގޯސް ޢަމަލުތަކުން ސަލާމަތްކަން ހޯދައެވެ. ހުރިހާ ޤައުމެއްގައި ވެސް ދުވާލު ގަޑީގައި ރޯދަ ހިފުމަށްޓަކައި ފަތިސްވުމުގެ ކުރިން ހާރު ވެސް ކައެވެ. ރަމަޟާން މަސް ނިމި ޢީދު އައުމުގެ ކުރިން ޒަކާތް ވެސް ނެރެއެވެ. ނަމަވެސް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދެ ބިލިޔަނަށް ވުރެ ގިނަ މުސްލުލިމުން ދިރިއުޅޭއިރު ކޮންމެ ޤައުމެއްގައި ވެސް ރަމަޟާން މަހު ކުރާ އެ ޤައުމަކަށް ޚާއްޞަ ކަންތައްތަކެއް ހުރެއެވެ. އެ ގޮތުން ކާބޯތަކެތީގައި ހުންނަ ތަފާތުތަކާއި ރަމަޟާން މަހަށް ޤައުމު ޒީނަތްތެރި ކުރާ ގޮތް އޭގެ ތެރޭގައި ހިމެނެއެވެ.

ތުރުކީވިލާތް

ތުރުކީވިލާތުގައި ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން އެ ޤައުމުގެ ސިޓީތައް ބޮކިފަތިން ދިއްލާލައެވެ. އެ ޤައުމުގެ މިސްކިތްތަކުގައި މަހްޔާއޭ ކިޔައި ބޮކިތަކެއް އެލުވައެވެ. އެ ބޮކިތަކުގައި ޤުރުޢާނުގެ އާޔަތްތައް ލިޔެފައި ހުރެއެވެ. ދެ މުންނާރު ދޭތެރެ ޒީނަތްތެރި ކޮށްފައި ހުންނަނީ މި ބޮކިތަކުންނެވެ.

ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ރަސޫލާ ސއވގެ ސުންނަތާ އެއްގޮތަށް ރޯދަ ވީއްލުމަށް ބޭނުން ކުރަނީ ކަދުރެވެ. އެއީ އަވަހަށް ހަކަތަ ލިބޭ މީރު މޭވާއެކެވެ. ނަމަވެސް ތުރުކީވިލާތުގައި ކަދުރުން ރޯދަ ވިއްލުމަށް ފަހު ވަގުތުން ކަނީ ރަމަޟާން މަހަށް ޚާއްޞަ ރޮއްޓެކެވެ. ރަމަޟާން ޕިދެސީ ކިޔާ މި ރޮއްޓަކީ އާދައިގެ ރޮއްޓެއް ނުވަތަ ޕާނެއް ނޫނެވެ. ޕާނަކާ ބޮޑަށް ވައްތަރު މި ރޮށީގައި ވަށިގަނޑެއްގައި ފެންނަ ކަހަލަ ރީތި ވިޔުމެއް ހުރެއެވެ. އޭގެ މައްޗަށް އަޅާފައި ހުންނަނީ ތިލެޔޮ އޮށެވެ. މިއީ ސޫޕު ނުވަތަ އެއްގަމުމަހާއެކު ކާލަން ވަރަށް ބަރާބަރު ރޮއްޓެކެވެ.

ފިޠުރު ޒަކާތް ނެރުމުގެ އިތުރުން ތުރުކީވިލާތަށް ޚާއްޞަ އެހެން ސަޤާފަތެއް ވެސް އޮވެއެެވެ. އަސްކިޑާ އެކްމެކް ކިޔާ މި ސަޤާފަތުގައި ތުރުކީވިލާތުގެ ރައްޔިތުން ފިހާރައިން ދެ ޕާން ގަނެއެވެ. ދެ ޕާން ގައިން ނަމަވެސް ގެއަށް ގެންދަނީ އެންމެ ޕާނެކެވެ. ދެވަނަ ޕާނަކީ ޕާން ނުގަނެވޭ ފެންވަރުގެ މީހަކު ގެއަށް ގެންދިޔުމަށްޓަކައި ކުރިޔާ ދުރާލާ ފައިސާ ދައްކާފައި ބޭކެރީގައި ބަހައްޓާފައި ދާ ޕާނެކެވެ. މިއީ ދީލަތިކަމުގެ ލާމަސީލު މިސާލެކެވެ.

މުޅި ދުވަހު ރޯދައަށް ތިބުމަށްފަހު ރޯދަ ވިއްލާގަޑިއަށް ޚާއްޞަ ބާވަތްތައް ތައްޔާރު ކުރުމަކީ ތުރުކީވިލާތުގައި ވެސް ކުރާ ކަމެކެވެ. ކުޅި ބާވަތްތަކާއި ފޮނި ބާވަތްތައް ވެސް ތައްޔާރު ކުރެއެވެ. ފިނިފެންމާ ފެނުގައި ހަދާ ގުއްލަކު ކިޔާ ފޮނި އެއްޗެއް ވެސް ތުރުކީވިލާތުގައި އާދަވެގެން ތައްޔާރު ކުރެއެވެ. ގުއްލަކު ތައްޔާރު ކުރުމަށް ފިނިފެންމާ ފެނުގެ އިތުރުން ބޭނުން ކުރަނީ ޕޭސްޓްރީއާއި ކިރާއި އަންނާރެވެ.

ދެން މި ހުރިހާ ކެއުމެއް ކެއުމަށް ފަހު ނިދާފައި ހާރުކާން ހޭލެވޭނެބާއެވެ. ތުރުކީވިލާތުގައި އެ ކަމާމެދު ހާސްވާކަށް ނުޖެހެއެވެ. ހާރުކާން ގޮވުމަށް ތުރުކީވިލާތުގެ މަގުތަކުގައި ހިނގަނީ ބެރުޖަހާ މީހުންނެވެ. އެ މީހުން ހެދުން އަޅާފައި ހުންނަނީ ވެސް އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު މީހުން ހެދުން އަޅައި އުޅުނު ގޮތަށެވެ. މިއީ އުޘްމާނީ ޚިލާފަތުގެ ދުވަސްވަރުން ފެށިގެން ވެސް ތުރުކީވިލާތުގައި އޮންނަ ސަޤާފަތެކެވެ.

މިޞްރު

މިޞްރަކީ އެންމެ ކުލަގަދަކޮށް ރަމަޟާން މަސް ފާހަގަކުރާ އެއް ޤައުމެވެ. ރަމަޟާން މަހަށް މިޞްރުގެ މަގުތައް ފާނޫޒު ބައްތިތަކުން ދިއްލައިލައެވެ. ބުނެވޭ ގޮތުގައި 10ވަނަ ޤަރުނާއި 12 ޤަރުނާ ދެމެދު އެ ސަރަޙައްދުގައި އޭރު ވެރިކަން ކުރެއްވި ޚަލީފާ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މިޞްރުގެ ޤާހިރާއަށް ޒިޔާރަތް ކުރެއްވިއެވެ. އެ ދުވަހު ޚަލީފާއަށް މަރުޙަބާ ކިޔުމަށް ފާނޫޒު ބައްތިތައް ހިފައިގެން ޢާންމުން މަގުތަކަށް ނިކުއިން ކަމަށް ވެއެވެ. ރަމަޟާން މަހަށް މިޞްރުގެ މަގުތައް ފާނޫޒު ބައްތިން ދިއްލާ ޒީނަތްތެރި ކުރަން ފެށީ އޭގެ ފަހުން ކަމަށް ބުނެވެއެވެ.

މިޞްރުގައި ރޯދަ ވިއްލަން ކަދުރުގެ އިތުރުން އެކިކަހަލަ ހިކި މޭވާއާއި ނަޓްސްގެ ބާވަތްތައް ބޭނުން ކުރެެއެވެ. ފޮނި އެއްޗެއްގެ ގޮތުގައި އާންމުކޮށް ކައި އުޅެނީ އަތަޔެފް ކިޔާ ނަޓާއި ކްރީމް އަޅައިގެން ތައްޔާރުކުރާ އެއްޗެކެވެ.

އެކުވެރި ޢަރަބި ޢިމާރާތް

އެކުވެރި ޢަރަބި ޢިމާރާތުގައި ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ޝައުބާން މަހުގެ 15ވަނަ ދުވަހު ހައްޤު އަލްލައިލާ ކިޔާ ދުވަހެއް ފާހަގަ ކުރެއެވެ. އެ ދުވަހު އެ ޤައުމުގެ ކުޑަކުދިން ކުލަކުލައިގެ ރީތި ހެދުންތައް ލައިގެން މަގުތަކަށް ނިކުމެއެވެ. އަދި އަވަށްޓެރި ގޭގެއަށް ޒިޔާރަތް ކޮށް މެޓަޔާއި ނަޓު ފަދަ ތަކެތި އެއްކުރަމުން ދެއެވެ. މިއީ އެކުވެރި ޢަރަބި އިމާރާތުގެ ސަޤާފަތުގެ ވަރަށް ބޮޑު ބައެކެވެ. އެ ޤަައުމުގައި ނޫނަސް ގަލްފުގެ ގިނަ ޤައުމުތަކުގައި މި ސަޤާފަތް އޮވެއެވެ.

އެކުވެރި ޢަރަބި ޢިމާރާތުގައި ވެސް ރޯދަ ވިއްލުމަށް ތަފާތު ވައްތަރުތަކުގެ ކާނާ ތައްޔާރު ކުރެއެވެ. އެންމެ ފާހަގަ ކޮށްލެވޭ އެއް ކެއުމަކީ ހަރީސް ކިޔާ ކެއުމެކެވެ. އެއީ ފެނުކެއްކި ގޮދަނާއި އެއްގަމު މަސް އަޅައިގެން ތަައްޔާރު ކުރާ ބަތްޕެނެކެވެ. އެއީ އެ ޤައުމުގެ ރައްޔިތުންނަށް ވަރަށް ކަމުދާ ކެއުމެކެވެ.

މަޣްރިބް

ތުރުކީވިލާތެކޭ އެއްގޮތަށް މަޣްރިބްގައި ވެސް ހާރު ކާ ގަޑިއަށް ޢާންމުންނަށް ގޮވުމަށް ނަފަރުންނޭ ކިޔާ ބަޔަކު ތިބެއެވެ. މުޅި ރަމަޟާން މަހު ޢާންމުންނަށް ގޮވުމުގައި ނަފަރުން ކުރި ބުރަ މަސައްކަތަށް ރަމަޟާން މަހުގެ ފަހު ދުވަހު އެ މީހުންނަށް ޢާންމުން އުޖޫރަ ދެެއެވެ. ތުރުކީވިލާތާ ޚިލާފަށް މަޣްރިބްގެ ނަފަރުން ޢާންމުން ހޭލައްވަން ދަނީ އުޘްމާނީ ޚިލާފަތުގެ ހެދުން އަޅައިގެންނެއް ނޫނެވެ. އެ މީހުން ލަނީ މަޣްރިބްގެ ސަޤާފީ ހެދުމެވެ. މަގުތަކުގައި ބެރު ޖަހަމުން ހިނގުމުގެ އިތުރުން މަދަހަ ޘަނާ ވެސް އެ މީހުން ކިޔައެވެ.

މަޣްރިބްގައި ކަދުރާއި ކޮންމެވެސް އެހެން ލުއި ކާނާއަކުން ރޯދަ ވިއްލުމަށްފަހު ދެން ޢާންމުކޮށް ކައި އުޅެނީ ހަރީރް ކިޔާ ކެއުމެކެވެ. އެއީ މުގާއި ޓޮމާޓޯއިން ހަދާފައި ހުންނަ ސޫޕެކެވެ. އެއާއެކު ފެނުކެއްކި ބިހާއި އެކި ކަހަލަ ކުޅި ހެދިކާއާއި ތެލުލި މަސް މަޣްރިބްގެ ރައްޔިތުން ކައި އުޅެއެވެ.

ލުބުނާން

މެދުއިރުމަތީގެ ޤައުމުތަކުގައި ރަމަޟާން މަހުގެ ސަޤާފަތްތައް ވަރަށް އެއްގޮތެވެ. ލުބުނާނާއި މެދުއިރުމަތީގެ އެހެން ޤައުމުތަކުގައި ރަމަޟާން މަހު ކުރާ އެއް ކަމަކީ މިފްދާ އަލް އިފްތާރް ކިޔާ ބަޑިއެއް ޖެހުމެވެ. އެއީ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ވެސް އިރު އޮއްސިއްޖެކަން ޢާންމުންނަށް އަންގައި ރޯދައަށް ތިބެންޖެހޭ ވަގުތު ނިމުމަކަށް އައި ކަން އަންގައިދިނުމެވެ. މިއީ އެންމެ ފުރަތަމަ މިޞްރުގައި ކުރަން ފެށި ކަމެއް ކަމަށް ބުނެވެއެވެ. އެއީ އެ ޤައުމުގެ ވެރިޔަކަށް އޮޅުމަކުން އިރުއޮއްސުމުން ބޮޑު ބަޑިއަކުން ބަޑިޖެހިގެން ހިނގި ހާދިޘާއެއް ކަމަށް ބުނެވެއެވެ. ނަމަވެސް މިއަދު އެ ކަން މި ވަނީ އާދަކާދައިގެ ތެރެއަށް ވަދެފައެވެ. މިއަދު ލުބުނާނުގައި މި ކަމަށް ޚާއްޞަ ބޮޑުބަޑި ވެސް ހުރެއެވެ.

ބަޙްރައިން

ބަޙްރައިންގައި ރަމަޟާން މަހުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ކުޑަ ޢީދެއް އާދެއެވެ. އެއީ ރަމަޟާން މަހުގެ 14ވަނަ ދުވަހުގެ ރޭގަނޑު ފާހަގަ ކުރާ ގެރްގައޫންއެވެ. އެ ރޭ ހުރިހާ ކުޑަކުދިން އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން އަވަށްޓެރި ގޭގެއަށް ގޮސް މެޓާ އެއްކުރެއެވެ.

ބަޙްރައިނާއި ގަލްފުގެ ޤައުމުތަކުގައި އިނގިރޭސިވިލާތުގެ އުފެއްދުމެއް ކަމަށްވާ ވިމްޓޯއަކީ ރަމަޟާން މަހުގައި ވަރަށް މަޤުބޫލު ބުއިމެކެވެ. އެ ބުއިން ބަހްރައިނަށް އެންމެ ފުރަތަމަ އެތެރެކޮށްފައި ވަނީ 1927ވަނަ އަހަރެވެ. އޭރުން ސުރެން އެ ބުއިމަކީ އެ ޤައުމުގައި ޚާއްޞަކޮށް ރަމަޟާން މަހު ރޯދަ ވިއްލުމަށް ބޭނުން ކުރަމުން އަންނަ ބުއިމެކެވެ.

ޕާކިސްތާނު

މުސްލިމުންގެ އާބާދީ ބޮޑު ޕާކިސްތާނުގައި ރަމަޟާން މަހަކީ އެ ޤައުމުގެ ސަޤާފާތާއި އާދަކާދައިގެ ތެރެއަށް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ މައްސަރެކެވެ. އެ ޤައުމުގައި ރޯދަ ވިއްލުމަށް އާންމުކޮށް ބޮއެ އުޅެނީ ރޯސް ސިރަޕުން ހަދާ ރޫހު އަފްޒާ ކިޔާ ފިޔާތޮށި ކުލައިގެ ބުއިމެކެވެ. އެއީ ދިވެހިރާއްޖޭގައި ބޮއެ އުޅޭ ސަރުބަތާ ވަރަށް އެއްގޮތް ބުއިމެކެވެ. ރޯދަ ވިއްލާގަޑީގައި ކައި އުޅެނީ ސަމޯސާ ކިޔާ ތިން ކަން ބަޖިޔަލާއި ޕަކޯރާ ކިޔާ ތެލުލި ކަވާބެކެވެ. ރަމަޟާން މަހުގެ ނިމުން ފާހަގަ ކޮށް ޢީދަށް މަރުޙަބާ ކިޔުމަށް ޗާންދު ރާތު ވެސް އެ ޤައުމުގައި ފާހަގަ ކުރެއެވެ. އެއީ ޝައްވާލް މަހަށް ހަނދު ބަލައި ޢީދަށް މަރުޙަބާ ކިޔުމަށް އަންހެންވެރިން އަތުގައި ހީނާފަތް އަޅައި އެކިކުލަކުލައިގެ ތަނޑިއަޅާ ޒީނަތްތެރިވާ ރެއެވެ. އެ ރެއަށް ޚާއްޞަ ކޮށް ފިހާރަތައް ވެސް ޒީނަތްތެރި ކުރެއެވެ. އަދި ރީތި އެކި ޑިޒައިންތަކަށް ހީނާފަތް އަޅާދޭ ސްޓޯލްތައް ވެސް ޕާކިސްތާނުގެ މަގުތަކުގައި ޤާއިމް ކުރެއެވެ.