ކުޅިވަރު

ޔުނައިޓެޑާ ކުޅޭއިރު ފެވަރިޓުންނަކީ ސޮސިއެޑާޑް ކަމަށް ބުނާނީ މޮޔައިން: ކޯޗު


ޔުއެފާ ޔޫރޮޕާ ލީގުގައި މިރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭއިރު ފެވަރިޓުންނަކީ ރެއާލް ސޮސިއެޑާޑް ކަމަށް ބުނާނީ ފުޓްބޯޅަ ނޭނގޭ މޮޔަޔަކު ކަމަށް ކޯޗު އިމަނޯލް އަލްގުއަސިލް ބުނެފިއެވެ.

ސްޕެއިނުގެ މެޑްރިޑަށް ނިސްބަތްވާ ޓީމުގެ ކޯޗު މިހެން ބުނީ މި މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.

އޭނާ ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާ ދަށްވި ނަމަވެސް ޔޫރަޕުގެ މުބާރާތްތަކުގަ އާއި ހާއްސަކޮށް ނޮކްއައުޓް މެޗުތަކުގައި އެމީހުން ތަފާތު ކަމަށެވެ.

"ބަލަން ތިބޭތި. މިރޭގެ މެޗު ވަރަށް ތަފާތު ވާނެ. އެމީހުން ވަރަށް ވަރުގަދަ ވާނެ. ޔުނައިޓެޑް އޮއްވައި އަހަރުމެންނަކީ ފެވްރިޓުންނަކަށް ނުވާނެ. އެހެން ބުނާނީ ފުޓްބޯޅަ ނޭނގޭ މީހަކު. މޮޔަކަޔަކަށް ވެސް ވެދާނެ. އެމީހުންނަކީ ޔޫރަޕުގެ ފުޓްބޯޅައިގައި މުއްސަނދި ތާރީހެއް އޮތް ބައެއް. އެމީހުން ތަފާތުވާނެ،" ކޯޗު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އިދިކޮޅަށް ކޮންމެ ޓީމެއް އޮތް ކަމުގައިވީ ނަމަވެސް އަމިއްލަ ޓީމު މޮޅުވާނެ ކަމަށް ހިތުގެ އަޑިން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ.

"އެގޮތަށް ގަބޫލު ނުކުރާނަމަ އަހަރެން މި ތަނުގައި ކޯޗަކަށް ނުހުންނާނަން. އެމީހުން ވަރުގަދަވާނެ. އެކަމަކު އަހަރުމެންނަށް މޮޅުނުވެވޭނެ ވާހަކައެއްނޫން މި ދައްކަނީ. އަހަރެން ދެކޭ ގޮތުގައި ކޮންމެ ޓީމެއް ވެސް ބަލި ކުރެވޭނެ. އަދި މެޗަށް ނުކުންނަން ޖެހޭނީ ވެސް އެފަދަ އަޒުމަކާއެކު،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ދެ ޓީމުގެ ފެންވަރަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް ޔުނައިޓެޑްގައި ތިބި ކުޅުންތެރިން މޮޅު ކަމަށެވެ. އަދި ފުޓްބޯޅައިގައި ފެވަރިޓުން ކަމަށް ބަލާ އެއް ކަމަކީ ޓީމެއްގައި ތިބޭ ކުޅުންތެރިންގެ މޮޅު ދެރަމިން ކަމަށާއި އެ ގޮތުން ބަލާއިރު ވެސް މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ އޭނާގެ ޓީމަށްވުރެ ބޮޑަށް ޔުނައިޓެޑަށް ކަމަށެވެ.