28 އަހަރަށް ފަހު އެމެރިކާއިން ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތާ އެކު މަޝްވަރާ ކުރަން ފަށައިފިއެވެ. މިއީ، 1997ވަނަ އަހަރަށް ފަހު އެމެރިކާއިން ޙަމާސާ އެކު މަޝްވަރާތައް ބާއްވާފައިވާ ފުރަތަމަ ފަހަރެވެ. އެމެރިކާއިން ޙަމާސާ އެކު ސިއްރިޔާތުގައި މަޝްވަރާތަކެއް ބާއްވާފައި މި ވަނީ، އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ހުރިހާ އަސީރުން ވަގުތުން މިނިވަން ކުރުމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވައިލައްވާފައިވާ ދަނޑިވަޅެއްގައެވެ. މިއީ، އަސީރުން މިނިވަން ކުރުމަށް ޙަމާސަށް ދެވޭނެ އެންމެ ފަހު ފުރުޞަތު ކަމަށާއި، އެންމެ ފަހުގެ އިންޒާރު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޙަމާސާ އެކު އެމެރިކާއިން މަޝްވަރާ ކޮށްފައި ވަނީ، އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ކަމުގައެވެ. ވައިޓް ހައުސުން ބުނީ، އެ މައުޟޫޢަށް ޙަމާސާ އެކު މަޝްވަރާ ކުރުމުގެ ބާރު އެމެރިކާ ސަރުކާރުގެ އަސީރުންގެ ކަންތައްތަކާ ބެހޭ އިސް މަންދޫބު، އެޑަމް ބޮއެލަރއަށް ޓްރަމްޕް ދެއްވާފައިވާ ކަމުގައެވެ. ނަމަވެސް، ޙަމާސާ އެކު މަޝްވަރާތައް ބޭއްވުމުގެ ހުއްދަ ޓްރަމްޕް ދެއްވާފައި މި ވަނީ، އެ ޖަމާޢަތުގެ މެންބަރުންނާއި ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލާނެ ކަމުގެ އިންޒާރު ދިނުމާ އެކުއެކީގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
"މިއީ ކަލޭމެނަށް [ޙަމާސަށް] ދޭނެ ފަހުގެ އިންޒާރު! މިއީ، އެ ކަމުގެ ފުރުޞަތު އޮއްވައި [ޙަމާސްގެ] އިސްވެރިން ޣައްޒާއިން ފައިބަންވީ ވަގުތު. އަދި، ޣައްޒާގެ ރައްޔިތުންނަށް ދަންނަވާނީ، އަސީރުން މިނިވަން ކޮށްފި ނަމަ ކަލޭމެންގެ ކުރިމަގު އުޖާލާވާނެއޭ. އެހެން ނޫން ނަމަ، ކަލޭމެން އެންމެން މަރައިލާނަން،" ޓްރުތު ސޯޝަލްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ. އަސީރުން މިނިވަން ނުކޮށްފި ނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޙަމާސްގެ މެންބަރުންނާއި ޣައްޒާގެ ރައްޔިތުން ޝަހީދުކޮށްލާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވާފައި މި ވަނީ، ޙަމާސާ އެކު ސީދާ މަޝްވަރާތައް ފަށާފައިވާ ކަން އޭނާގެ އޮފީސް، ވައިޓް ހައުސުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ޤަބޫލު ކުރާ ގޮތުގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސަކީ ނިރުބަވެރި ޖަމާޢަތެކެވެ. އަދި، އެއްވެސް ނިރުބަވެރި ޖަމާޢަތަކާ އެކު މަޝްވަރާކޮށް، މުޢާމަލާތް ކުރުމަކީ އެމެރިކާގެ ސިޔާސަތެއް ނޫނެވެ.
ޓްރަމްޕް ބޭނުން ވަނީ އެމެރިކާއިން ޣައްޒާއަށް އަތްގަދަ ކުރުމަށެވެ. އަދި، އެއީ އެމެރިކާގެ ބިމަކަށް ހެދުމަށް ފަހު، އެ ތަން ފަތުރުވެރި ކަމަށް ތަރައްޤީ ކުރުމަށެވެ. އަދި، އޭގެ ނަފާ އެމެރިކާއިން ހޯދުމަށެވެ. އެ ކަން ކުރުމަށް ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ، ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެހެން ޤައުމުތަކަށް ބަދަލު ކޮށްގެންނެވެ. ރެފިއުޖީންނަށް ހަދައިލައިގެންނެވެ. އެ މީހުންނަށް އެނބުރި ޣައްޒާއަށް ދިޔުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"މަރުވެފައިވާ މީހުންގެ ހަށިތައް [ޙަވާލު ނުކޮށް] ހިފަހައްޓައިގެން ތިބޭނީ ވަރަށް ނުބައިނުލަފާ މީހުން. ކަލޭމެނަކީ [ޙަމާސްގެ މެންބަރުންނަކީ] އެ ފަދަ ނުބައިނުލަފާ ބަޔެއް. އެ ކަން [ޙަމާސް ނައްތައިލުމުގެ މަސައްކަތް] ފުރިހަމަ ކުރުމަށް އިސްރާއީލުން ބޭނުންވާނެ ހުރިހާ އެއްޗެއް [ހަތިޔާރެއް] އަޅުގަނޑު އެ މީހުންނަށް ފޯރުކޮށްދޭނަން، އެ ކަން ކޮށްފި ނަމަ ޙަމާސްގެ އެންމެ މެންބަރަކު ވެސް ސަލާމަތެއް ނުވާނެ،" ޙަމާސަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައިވާއިރު، ޔަހޫދީންގެ ޢުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ގިނަ އަަދަދެއްގެ ބަޔެއްގެ ހަށިތައް އެ މީހުން ވެސް ޙަވާލު ކޮށްފައެއް ނުވެއެވެ.
މި ފަދަ މޭރުމަކުން ޓްރަމްޕް މީގެ ކުރިން ވެސް ޙަމާސަށް އެތަކެއް ފަހަރަކު އިންޒާރު ދެއްވާފައިވެއެވެ. ނަމަވެސް، ޙަމާސުން ބުނަމުން ދަނީ، އަސީރުން މިނިވަން ކޮށް، މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަވާލު ކުރާނީ ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމާ އެއްގޮތަށް ކަމުގައެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހަކު މިނިވަން ކޮށްފައެވެ. އަދި، މަރުވެފައިވާ ބައެއް އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކޮށްފައެވެ.
ފުރަތަމަ މަރުޙަލާ ނިމުމާ އެކު އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޔަހޫދީން ކުރިން އެއްބަސްވެފައި އޮތް ނަމަވެސް، ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އޭނާ މިހާރު ބޭނުން ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރުމަށެވެ. އެ ކަމަށް ހުށަހަޅާފައި ވަނީ ޓްރަމްޕްގެ ރުހުމާ ވެސް އެކުގައެވެ.
މި ކަމަށް ޙަމާސުން އިންކާރު ކުރުމުން، ޖައްބާރު ނަތަންޔާހޫ ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ތަން ބަންދު ކޮށްފައެވެ. އަދި، ކާބޯތަކެއްޗާއި، އިންސާނީ އެހީގެ ސާމާނާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. ޣައްޒާގެ ރައްޔިތުން ކާބޯތަކެތިން މަހުރޫމު ކުރުވައި، ހައިހޫނުގައި ޖެއްސުމަކީ ޔަހޫދީންނަށް ހަނގުރާމައިގެ ހަތިޔާރެކެވެ. ޔަހޫދީންގެ މި އަމަލާ މެދު އެކުވެރި ދައުލަތްތައް (އދ)ގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023 އޮކްޓޫބަރު 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,700ށް އުފުލިފައެވެ. އަދި، 111,000ށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ދެ ދުވަސް ފަހުން ޔަހޫދީ ފައުޖުން ވަނީ ބަރުހަތިޔާރާ އެކު ހުޅަނގު އައްސޭރިއަށް އަރައި ލާއިންސާނީ ޖަރީމާތައް ހިންގަން ފަށާފައެވެ.