ޔޫކްރެއިނަށް ޖާސޫސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޖާސޫސީ މަޢުލޫމާތު ހިއްސާ ކުރުން އެމެރިކާއިން މެދުކަނޑައިލައިފިއެވެ. މި ކަން އިޢުލާނު ކުރައްވާފައި އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ ވެރިޔާ ޖޯން ރެޓްކްލިފެވެ. މިއީ، ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޔޫކްރެއިނަށް ބާރުއަޅައި، އެ ކަމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެމެރިކާއިން އަޅާފައިވާ ފިޔަވަޅެކެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އެ ހަނގުރާމަ ހުއްޓުމަކަށް ގެންނަވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި، އެ ކަން ހާސިލު ކުރުމަށް އޭނާގެ ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.
އެންމެ ފުރަތަމަ ޓްރަމްޕް އެޅުއްވި ފިޔަވަޅީ، ފެބުރުވަރީ 12ވަނަ ދުވަހު ޕުޓިންއަށް ފޯނުން ގުޅުއްވައި، ސުލްޙައިގެ މަޝްވަރާތަކަށް ދަޢުވަތު އެރުވުމެވެ. އޭގެ ހަ ދުވަސް ފަހުން، މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ބޭއްވިއެވެ. ވިލާތުގެ ޤައުމުތަކާއި ޔޫކްރެއިނަށް އެ މަޝްވަރާތަކުގައި ޖާގަދީފައެއް ނެތެވެ. އޭގެ ފަހުން ތުރުކީވިލާތުގައި ވެސް މަޝްވަރާތަކުގެ ދެވަނަ ބުރެއް ވަނީ ބާއްވާފައެވެ.
މާރިޗު 1ވަނަ ދުވަހު ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވާފައެވެ. ވޮޝިންގޓަނަށް ވަޑައިގަތުމަށް ޓްރަމްޕް ޒެލެންސްކީއަށް ދަޢުވަތު އަރުވާފައި ވަނީ ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، މީޑިޔާގެ ހާޒިރުގައި ޓްރަމްޕާއި ޒެލެންސްކީއާ އެކު ބޭއްވި ބައްދަލުވުން ހޫނުވެ، ދެ ބޭފުޅުން ވަނީ މީޑިޔާގެ ކުރިމަތީގައި އަރައިރުންވެ ވަޑައިގަންނަވާފައެވެ. ބައްދަލުވުން ނިމިގެން ދިޔައީ ދެ ޤައުމުގެ ގުޅުންތައް ހީނަރުވެގެންނެވެ.
ޔޫކްރެެއިނަށް ޖާސޫސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުން އެމެރިކާއިން މެދުކަނޑައިލާފައި މި ވަނީ، ޓްރަމްޕް ވިދާޅުވާ ގޮތަށް އަމަލު ކުރައްވަން ޒެލެންސްކީ ދެކޮޅު ހައްދަވާތީއެވެ. މި ކަމާ ގުޅިގެން ޔޫކްރެއިން ދިފާޢު ކުރުމަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާނެއެވެ. އަދި، ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިގެންދާނެއެވެ. ރަޝިޔާގެ މިސައިލް ޙަމަލާތައް ދިފާޢު ކުރުމުގައި ވެސް އެމެރިކާއިން ފޯރުކޮށްދޭ ޖާސޫސީ މަޢުލޫމާތު މުހިންމު ދައުރެއް އަދާކުރެއެވެ.
ޔޫކްރެއިނަށް ޖާސޫސީ މަޢުލޫމާތު ހިއްސާ ކުރުން މެދުކަނޑައިލާފައި މި ވަނީ، އެ ޤައުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން މެދުކަނޑައިލުމަށް ވެސް ޓްރަމްޕް ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، މިއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ބޭނުންވާ މިންވަރު ހާމަވާ ފިޔަވަޅުތަކެއް ކަމުގައެވެ. ނަމަވެސް، މި ފަދަ ފިޔަވަޅުތަކާ އެކު، އެމެރިކާއާއި ވިލާތުގެ ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް ވެސް ދަނީ ހީނަރުވަމުންނެވެ.
ޓްރަމްޕް ފިއްތުންތަކުގެ ސަބަބުން ޒެލެންސްކީގެ ޚިޔާލު ބަަދަލުވެފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މާރިޗު 4ވަނަ ދުވަހު ޓްރަމްޕް ވަނީ ޒެލެންްސްކީގެ ސިޓީއެއް ލިބިފައިވާ ކަން ހާމަ ކުރައްވާފައެވެ. އަދި، ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތް ކަމުގައި ޒެލެންސްކީ ވިދާޅުވެފައިވާ ކަން ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ.