ކުޅިވަރު

ޗެސް އެސޯސިއޭޝަނުގެ ރައީސް ހުސައިން ޝިޔާން މަގާމުން އިސްތިއުފާދެއްވައިފި


މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) ގެ ރައީސް ހުސައިން ޝިޔާން މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އޭނާ އެމަގާމުގައި ބެހެއްޓުމާއި މެދު މެމްބަރު ކުލަބުތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ މިދަނޑިވަޅުގައި، ޝިޔާން އިސްތިއުފާ ދެއްވާފައިވަނީ އެމްސީއޭގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ. މިޖަލްސާ ބާއްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

މި ޖަލްސާގައި ބައިވެރިވި ހަ ކުލަބުންވަނީ އޭނާ އެމަގާމުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް މައްސަލަ ހުށަހަޅާފައެވެ. ޗެސް އެސޯސިއޭޝަނުގެ ރައީސްކަމުގެ ދެވަނަ ދައުރެއް ޝިޔާން ފުރުއްވަމުން ގެންދެވިއިރު، މެމްބަރު ކުލަބުތަކުން ދަނީ އޭނާއާއި މެދު ގިނަ ހިތްހަމަނުޖެހުންތަކެއް ފާޅުކުރަމުންނެވެ. މިގޮތުން ޗެސް އެސޯސިއޭޝަންގެ ފައިސާ އަށް ޚިޔާނާތްތެރިވުމާއި އެސޯސިއޭޝަން ހިންގުމުގެ އެކިއެކި ކަންކަމުގައި އުސޫލާއި ޚިލާފަށް ކަންކަން ކޮށްފައިވާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އޭނާއަށްވަނީ ކުލަބުތަކުން އަމާޒުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ޝިޔާންގެ ބަހެއް ހޯދުމަށް ޕީއެސްއެމް ނިއުސްއިން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާއިރު، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްތިއުފާ ދެއްވި ސަބަބާއި ގުޅޭގޮތުން އޭނާ ވިދާޅުވެފައިވަނީ މިވަގުތު ދައްކާނެ ވާހަކައެއް ނެތްކަމަށެވެ.

މެމްބަރަކު މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހާލަތެއްގައި އެކަން ޗެސް އެސޯސިއޭޝަންއަށް ލިއުމުން އަންގަން އެސޯސިއޭޝަނުގެ ހިންގާ ގަވައިދު ލާޒިމްކުރެއެވެ. މިއާއި ޚިލާފަށް ޝިޔާން އިސްތިއުފާ ދެއްވާފައިވަނީ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ ކުރިއަށް ދަނިކޮށް އަނގަބަހުންނެވެ.