ޚަބަރު

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން އަންނަ ހަފްތާގައި އިތުރު ޖަނަރޭޓަރެއް ގެންދަނީ


  • އަންނަ ހަފްތާގައި ގެންދަނީވެސް 1.8 މެގަވޯޓުގެ ޖަނަރޭޓަރެއް

  • ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ރޯދަމަހުވެސް ދަނީ މަސައްކަތް ކުރަމުން

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަން ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވީ އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ބޭނުން ކުރަމުންދާ ޖަނަރޭޓަރުތައް ޤަވާއިދުން މަރާމާތު ނުކުރުމުގެ ސަބަބުން ކަމަށް ފެނަކައިން ވިދާޅުވެއެވެ. މިމައްސަލަ ހައްލުކުރުމަށް ފެނަކައިން ވަނީ މީގެ ކުރިންވެސް އައްޑޫ ސިޓީއަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް މިދިޔަ މަހުގެތެރޭގައި ގެންގޮސްފައެވެ. ނަމަވެސް އިތުރު ޖަނަރޭޓަރުތަކުގައި މައްސަލަ ޖެހި ކަރަންޓު ލޯޑު ނުހިފެހެއްޓުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.

މިކަމާއި ގުޅޭގޮތުން އައްޑޫ ސިޓީގައި ހުންނަވައި ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވީ، މިމައްސަލަ ހައްލު ކުރުމަށް އަންނަ ހަފްތާ ތެރޭގައި އިތުރު ޖަނަރޭޓަރެއް އައްޑޫ ސިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ދިމާވި މައްސަލައަކީ ސްޕެއަރ ނެތިގެން ދިމާވި މައްސަލައެއް ނޫން ކަމަށެވެ.

"ހުރިހާ ޖަނަރޭޓަރުތަކުގެ ސްޕެއަރ އެހެރީ އައްޑޫގައި. ޖަނަރޭޓަރަށް ދިމާވި މައްސަލަތަކެއް އެ ދިމާވީ. ދެން ސްޕެއަރ ހުރެގެން މަރާމާތު ކުރަމުން މިދަނީ. ކުރީގައި މިދެންނެވި ޓައިމް ޕީރައަޑަށް ހުރިހާ ސްޕެއަރ ހުންނާނީ އައްޑޫގައި. އޭރު ވާހަކަ ދެކެވުނު ގޮތަށް އިތުރު ޖަނަރޭޓަރުތަކެއް އައްޑޫއަށް އެބަގެންދަން. ދެން އިތުރު ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އެބަގެންދަން. އިތުރަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް މިފެށޭ ހަފްތާ ތެރޭގައި ގެނެވޭތޯ މަސައްކަތް ކުރަމުން މިދަނީ." ނަޖާހު ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހު ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިދަތުރުގެ ތެރެއިން ދާއިމީ ހައްލެއް ހޯދުމަށް ބަލަންޖެހޭ ކަންކަން ބަލައި މިއަހަރު ތެރޭ އެހައްލު ހޯދުމަށް ކަމާއި ގުޅުންހުރި އިދާރާތަކަށް ޕްރޮޕޯސަލް ހުށަހަޅުއްވާނެކަމަށް ވިދާޅުވިއެވެ.

ނަޖާހް ވިދާޅުވީ މިހާރު އިތުރުވާ ދެ ޖަނަރޭޓަރާއެކު، މިހާރު ކަރަންޓު ކެނޑޭ މައްސަލަ ހައްލުވެގެންދާނެކަމަށެވެ. އަދި އޭގެ ފަހުން މިހާރު ހުރި އިންޖީނުތައް އޯވަރހޯލް ކުރުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށް ނަޖާހު ވިދާޅުވިއެވެ.

"މިހާރު ހަލާކުރެވިފައި ހުރި އެއްޗެއްސަށް ބޭނުންވާ ސްޕެއަރވެސް އެބަހުރި. ދެން އިންޖީނުތައް އޯވަރހޯލް ކުރުމުގެ މަސައްކަވެސް އަޅުގަނޑުމެން ފައްޓާނަން. އަޅުގަނޑުމެން [އޯވާހޯލް] ކިޓްތައް ލިބޭ ވަރަކުން މި މަސައްކަތް ކުރަމުން ދާނީ. ރޯދަމަހަށް ޖަނަރޭޓަރުތަކެއް ޑައުންކޮށްފިއްޔާ ރައްޔިތުންނަށް ތަކުލީފުތަކެއް އައިސްދާނެ. އަޅުގަނޑުމެން މިބަލަނީ އައު ދެ ޖަނަރޭޓަރާއެކު ނުކަނޑާ މަސައްކަތް ކުރިއަށްގެންދެވޭ ގޮތަކަށް މިރާވަނީ. ޖަނަރޭޓަރު ލިބުނީމަ އެމަސައްކަތް ފަށާނަން." ނަޖާހު ވިދާޅުވިއެވެ.

ފެނަކައިން އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެ ސިޓީގައި 32 މެގަވޮޓްގެ ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ދިގުމުއްދަތެއްވަންދެން ހުއްޓިފައި އޮތް އެމަސައްކަތްވެސް އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިސަރުކާރުން ގެންދަވަނީ އަޅުއްވަމުންނެވެ.