ޚަބަރު

ކުއާޓާ ފައިނަލުން ޖާގަ ހޯދުމަކީ ފަސޭހަކަމެއް ނޫން: އަލޮންސޯ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި، ނަމަވެސް ބޭނުމީ ކުރިއަށް އޮތް މެޗު ކާމިޔާބުކުރަން ކަމަށް ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފިއެވެ. އަލޮންސޯ މިހެން ބުނެފަވަނީ ބުދަ ދުވަހުގެރޭ ބަޔާން މިއުނިކާ ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މެޗުން 0-3 ގެ ނަތީޖާއަކުން ލެވަކޫސަން ބަލިވެފައިވާއިރު، މުޅި މެޗު ކޮންޓްރޯލްކޮށްފަވަނީ ވާދަވެރި ބަޔާން މިއުނިކުންނެވެ. މި މެޗުގައި އިނގިރޭސި ފޯވާޑް ހެރީ ކޭންގެ ދެ ލަނޑު ފެނިފައިވާއިރު، އޭނާވަނީ ކޮންމެ ހާފެއްގައި ލަނޑެއް ޖަހާފައެވެ. މީގެ އިތުރުން ލެވަކޫސަންގެ މެތިއު ކޮވާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބަޔާން މިއުނިކުގެ ޖަމާލް މުސިއާލާވެސް ވަނީ ޔޫރަޕުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ.

މިމެޗުގެ ނަތީޖާގެ ސަބަބުން ލެވަކޫސަންގެ ސަޕޯޓަރުންނަށްވެސް ވަނީ ވަރަށް ބޮޑަށް މާޔޫސްކަން ލިބިފައެވެ. ސަބަބަކީ މިއީ އަލޮންސޯ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލެވަކޫސަނާ ހަވާލުވުމަށްފަހު، އެ ޓީމު ބަޔާން އަތުން ބަލިވި ފުރަތަމަ މެޗަށްވުމެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން އަލޮންސޯ ބުނީ ލެވަކޫސަންގެ ކުޅުން މިއަށްވުރެ ރަނގަޅުކުރަން ޖެހޭ ކަމަށާއި، މެޗުގެ ކޮންޓްރޯލް ހޯދުމަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

"ހެދޭ ގޯސްތައް ދެނެގަންނަންވީ. ކުދިކުދި ގޯސްތައްވެސް ހޯދައިގަނެ، އެކަންކަންވެސް މުހިންމު ކަމެއްގެ ގޮތުގައި ދެކި ރަނގަޅުކުރަންވީ. ކޮންމެ އަކަސް މިއަދަކީ އަހަރުމެންނަށް ހިތި ދުވަހެއް. ހަމަ އެންމެ ގޯލެއް ޖެހުނު ނަމަވެސް މެޗުގައި ތަފާތެއް ދެއްކުނީސް" މެޗުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އަލޮންސޯ ބުންޏެވެ.

ފުޓްބޯޅައަކީ ހީވެސް ނުކުރާ ފަދަ ނަތީޖާތައް ނުކުންނަ ކުޅިވަރެއް ކަމަށާއި، ނަމަވެސް މެޗުން މޮޅުވުމަކީ މިހާރު ކުރާ އެންމެ ބޮޑު އުއްމީދުކަމަށް އަލޮންސޯ ފާހަގަކުރިއެވެ. އަދި އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗު ކާމިޔާބުކުރުމަށް ކުރެވުނުހާ މަސައްކަތެއް ކުރާނެކަމަށްވެސް އަލޮންސޯ ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ލެވަކޫސަނާއި ބަޔާން މިއުނިކް ބައްދަލުކުރަން ހަމަޖެހިފައިވާ ދެވަނަ މެޗު ތާވަލުކޮށްފަވައިނީ އަންނަ އަންގާރަ ދުވަހުގެ ރެއަށެވެ. އެ މެޗު ކުޅޭނީ ލެވަކޫސަންގެ ދަނޑު "ބޭ އެރީނާ" ގައެވެ.