ކޮތަރު މަރުވަމުންދަނީ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުންކަމަށާއި، އިންސާނުންނަށް އޭގެ އެއްވެސް ނުރައްކަލެއް ނެތްކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިކަމާ ގުޅޭ ބަޔާނެއް ނެރެފައިވަނީ މާލޭގެ އެކި ހިސާބުތަކުގައި ކޮތަރު މަރުވަމުންދާކަން ފާހަގަކުރެވެމުންދާތީ ކޮތަރުތަކުގެ ސާމްޕަލް ނަގައި ތަޙުލީލުތަކެއް ކުރުމަށްފަހުގައެވެ.
އެ ޓެސްޓުތަކުން، ކޮތަރުތަކަށް ޖެހިފައިވަނީ އިންފެކްޝަން "ކޮރައިޒާ" ކިޔާ އިންފެކްޝަނެއްކަމަށް ވަނީ ދެނެގަނެވިފައެވެ. މި ބައްޔަކީ ދޫނީގޭ ނޭވާލާ ނިޒާމަށް ޙަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މީގެއިތުރުންވެސް ބައެއް އިތުރު ބެކްޓީރިއަލް އިންފެކްޝަންތައް ވަނީ ފެނިފައެވެ.
މި ބަލިޖެހުމުން ނޭފަތުން ފެން އައިސް، ދޫނި ކެއްސާ، ނޭވާލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއިން ބުއިމަށް އުނދަގޫވެއެވެ.
މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާ ބައްޔެއްކަމަށްވެސް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
އަދި މިއީ އިންސާނުންނަށް ނުރައްކަލެއް ކުރިމަތިވާ ބައްޔެއް ނޫންނަމަވެސް، ރައްކާތެރި ގޮތަކީ މަރުވެފައިވާ ކޮތަރުތައް ކައިރިއަށް ނުދިއުމާއި، ބަލިފެވައިވާ ކޮތަރާ ކައިރި ނުވުމާއި އަތްލާ ހިފާ ގެންގުޅުމުން ދުރުހެލިވުންކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.