ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފިއެވެ. އެ ކުޅުންތެރިންނަކީ ކުލަބު އީގަލްސްއަށް ކުޅުނު އަޙްމަދު ހަސަން (އައްމަޑޭ) އާއި، ކުލަބު ވެލެންސިއާއަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ހަސަން ސުފިޔާން އާއި، އަމްދާން އަލީ (އެންޑީ) ގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ފެނިފައިވާ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ.
ކޯޗު މުޙައްމަދު އާތިފް (އާތީ) ގެ އިރުޝާދުގެ ދަށުން ތައްޔާރުވާ ވިކްޓަރީ ޓީމުން، އެ ޓީމުގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ކުޅުންތެރިޔާ މުޙައްމަދު އުމައިރުވެސް ފެނިގެންދާނެއެވެ.
ގާތްގަނޑަކަށް ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު އަލުން ފުރަތަމަ ޑިވިޝަނަށް ވިކްޓަރީ ކޮލިފައިވީ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށާއިރު، ދިވެހި ޕްރިމިއަރ ލީގު ފަށަނީ އެ މަހުގެ 10 ވަނަ ދުވަހެވެ.
މި އަހަރުގެ ޕްރިމިއަރ ލީގުގައި 10 ޓީމެއް ވާދަކުރާނެއެވެ. އެއީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކުލަބު އީގަލްސް އާއި، ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބު އަދި ކުލަބު ގްރީން ސްޓްރީޓްސް އާއި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން ކޮލިފައިވި އޮޑި ސްޕޯޓްސް ކުލަބާއި، ވިކްޓަރީއެވެ.