ޚަބަރު

ރޭންޖާސްއިން މޮރީނިއޯގެ ފެނަބާޗޭ ބަލިކޮށްފި


ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ޖޯސޭ މޮރީނިއޯގެ ފެނަބާޗޭ ބަލިވެއްޖެއެވެ.

ތުރުކިޔޭގެ އިސްތަންބޫލުގައި ސާޅީސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރޭންޖާރސް އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ ހަވަނަ މިނިޓުގައި ސައިރިއެލް ޑެސާސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ރޭންޖާރސް އިން ލަނޑު ޖަހާ ކުރި ހޯދި ފަހުން ފެނަބާޗޭ އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ. އޭގެ ތެރެއިންވެސް ޔޫސެފް އެންނެސޭރީ އާއި އެޑެން ޒެކޯ ފޮނުވާލި ހަމަލަތައް ފާހަގަ ކޮށްލެވެއެވެ.

ފެނަބާޗޭ އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 30 ވަނަ މިނިޓުގައި އެލެކްޒެންޑަރ ޖިކޫ ކާމިޔާބުކޮށްދިން ރީތި ލަނޑުންނެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ރޭންޖާރސްގެ ވެކްލޯވް ސާނީ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި އެ ޓީމަށް ދެވަނަ ފަހަރަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑެސާސް ވަނީ އޭގެ ފަހުންވެސް ދެ ގޯލު ޖަހާފަ އެވެ. ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ދެ ލަނޑު ކަމަށް ނިންމާފަ އެވެ.

ރޭންޖާރސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 81 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ސާނީ އެވެ.

މި މެޗުން ފެނަބާޗޭ ބަލިވެފައިވާއިރު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވަނީ އެ ޓީމަށް މި މެޗު ގެއްލުނީ ޓީމަށް ހެދުނު ބޮޑެތި ގޯސްތަކެއްގެ ސަބަބުން ކަމަށާއި އަދި މެޗު އެއްކޮށް ނުނިމޭ ކަމަށެވެ.

އަދި ރޭންޖާރސް އިން އޭނާ ހީކުރި ގޮތަށް ރަގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި މެޗުގެ ކުޅުމުގެ ވަގުތު ގެއްލުވާލުމުގެ ގިނަ ކަންތައްތަކެއް ކޮށްފައިވާއިރު ކީޕަރު އަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު 20 ސިކުންތު ނަގާލާފައިވާކަމަށްވެސް މޮރީނިއޯ ވަނީ ބުނެފަ އެވެ.