ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރުން ނިމުމަކަށް ގެނެސް، އިންޑިއާގެ އެންމެ މަޝްހޫރު ފޯވާޑް ސުނިލް ޗެތުރީ އަލުން ގައުމީ ޖާޒީ ލާން އެއްބަސްވެއްޖެއެވެ.
މިއާއެކު އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވާން މި މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި ދެކޮޅަށް އިންޑިއާއިން ކުޅޭ އެކުވެރިކަމުގެ މެޗުގައި އޭނާ ފެނިގެންދާނެއެވެ.
އުމުރުން 40 އަހަރުގެ ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ އަހަރުގެ ޖޫން މަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކުވޭތާ ދެކޮޅަށް ކުޅުމަށްފަހުގައެވެ. އޭނާއަކީ އިންޑިޔާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އަދި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން ދުނިޔޭގެ ލަނޑު ލިސްޓުގެ ހަތަރު ވަނައިގައިވާ ކުޅުންތެރިޔާ އެވެ.
އިންޑިޔާގެ ގައުމީ ޓީމަށް 94 ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ ބުނީ އޭނާ އަލުން ގައުމީ ޓީމަށް ކުޅެން ނިންމީ އޭޝިއަން ކަޕް ކޮލިފައިން އިންޑިޔާއަށް ނުހަނު މުހިންމު ވެފައިވާއިރު ގައުމީ ޓީމަށް އެހީތެރިވެދޭން ކަމަށެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ޗެތުރީ ދަނީ މި ސީޒަނުގައި ވެސް އޭނާގެ ކުލަބު ބެންގަލޫރު އެފްސީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާއަކީ އިންޑިއަން ސުޕަ ލީގުގައި މި ސީޒަނުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޖުމުލަ 12 ގޯލު ޖަހާފަ އެވެ.
"އަހަރެން ކުޅުން ހުއްޓާލީ ޖިސްމާނީ ގޮތުން ދެރަވަރު ވެގެނެއްނޫން. އަހަރެން މިހާރުވެސް ވަރަށް ފިޓް، ބަރާބަރަށް ދުވެވޭ، ޗޭސް ކޮށްލެވޭ، ޑިފެންސް ވެސް ކުރެވޭ، ދަނޑުމަތީގައި ބުރަކޮށް މަސައްކަތް ކޮށްލުމަކީ ވެސް އުނދަގޫ ކަމެއްނޫން. މިހުރިހާ ކަމަކީ ވެސް ވިސްނުންތެރިކަމާއެކު ކުރެވިދާނެ ކަންކަން. އަހަރެން ނިންމީ ގައުމީ ޓީމަށް އެހީތެރިވެދޭން އެމީހުން ބޭނުންވީމާ" ޗެތުރީ ބުންޏެވެ.
އިންޑިޔާގެ ގައުމީ ކޯޗު ބުނީ ޗެތުރީ އަލުން ގައުމީ ޓީމަށް އައުމަށް އެދުނީ އޭނާ ފަދަ އެހެން ފޯވަޑަކު އިންޑިޔާގައި ނެތުމުންނާއި ތަޖުރިބާކާރު ޓީމަށް ފައިދާހުރި ކުޅުންތެރިއެއްގެ ބޭނުމުގައި ކަމަށެވެ.
"އޭޝިއަން ކަޕް ކޮލިފައިން ވަރަށް މުހިންމު އަހަރުމެންނަށް. މި މެޗުތައް ކުރިއަށް އޮތުމާއެކު އަހަރެން ޗެތްރީއާ ވާހަކަ ދެއްކިން އަލުން ގައުމީ ޓީމަށް އައުމަށް. ގައުމީ ޓީމު ވަރުގަދަކޮށްދޭން އޭނާ އަލުން ކުޅެން ފަށަން އޭނާ އެއްބަސްވި. މިހެންވެ އަހަރުމެން އޭނާ ސްކޮޑުގައި ހިމެނީ. އޭނާ އައުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ކޯޗު މަނޮލޯ މާކޭޒް ބުންޏެވެ.
ނަމަވެސް ކޯޗު ބުނީ ފުރަތަމަ އެގާރައިގައި ކުޅުވާނީތޯ ނުވަތަ ބެންޗުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުވާނީތޯ ނުނިންމާ ކަމަށެވެ.
އެންމެ ފަހުގެ އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިޔާއަށް ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް މިފަހަރު އެ ނާކާމިޔާބީ ތަކުރާރު ކުރާކަށް އެމީހުން ބޭނުމެއްނުވެ އެވެ. ރާއްޖެ މެޗަށް ފަހު ކޮލިފައިންގައި އިންޑިޔާ ނުކުންނާނީ ބަނގްލަދޭޝްއާއި ދެކޮޅަށެވެ.