ނިމުނު ހަފުތާއަކީ މި އަހަރުގެ ރަމަޟާން މަސް ފެށުނު ހަފުތާއެވެ. ރަމަޟާން މަސް ފެށުނީ ނިމުނު ހަފުތާގެ ހޮނިހިރު ދުވަހުއެވެ. ޢާންމުކޮށް މިއީ ހޫނު ގަދަ ދުވަސްވަރަކަށްވި ނަމަވެސް ރަމަޟާން މަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ބޯކޮށް ވާރޭވެހުނެވެ. އަދި މާލޭގައިވެސް ފެން ބޮޑުވުމުގެ ސަބަބުން ސިފައިން ހަރަކާތްތެރިވެފައިވެއެވެ. އަދި މާލެއާއި އަތޮޅު ތެރޭގެ ބައެއް ގެތަކަށް ގެއްލުން ވެގެން ވަގުތީ ހިޔާ ވަހިކަން ފޯރިކޮށްދީފައިވެއެވެ.
ރިސަރޗް ލައިބްރަރީއަކާއެކު ހުޅުމާލޭގައި އަލަށް ބިނާކުރާ މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީވެސް ނިމުނު ހަފުތާގައެވެ. ރަމަޟާން މަހާއި މާރިޗު މަހު ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވި މި މިސްކިތް ބިނާކުރަނީ އަމިއްލަ ފަރާތަކުންނެވެ. މި މިސްކިތް އަޅަނީ ރެޑްވޭވް ކައިރީގައި ކުރިން ހުރި ހުޅުމާލޭ ވަގުތީ މިސްކިތް ހުރި ބިމުގައެވެ.
ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާއްތަކަށް ލުއިފަސޭހަކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަަކަށް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމައިފާވަނީވެސް ނިމުނު ހަފުތާގައެވެ.
ނިމުނު ހަފުތާގައި ޚާރިޖީ ދާއިރާއިންވެސް ބައެއް ކަންކަން ހިނގިއެވެ. އެ ގޮތުން ފަލަސްޠީނަށް އެހީ ފޯރުކޮށްދޭން ޔަހޫދީން ހުރަސް އެޅުމުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށައަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވީވެސް ނިމުނު ހަފުތާގައެވެ.
މީގެ އިތުރުން މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ލިޔުމުން އޮބްޒަރވޭޝަނެއް ހުށައެޅީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. އަދި ފަލަސްޠީނާ ގުޅޭގޮތުން ބާއްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚަރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންނެވީވެސް ނިމުނު ބުރާސްފަތި ދުވަހުއެވެ.
ނިމުނު ހަފުތާގައިވެސް ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގިއެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލަލާއިރު އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ދޫކޮށްލައި، އަނިޔާކޮށްފިނަމަ ޖޫރިމަނާކުރާގޮތަށް މަޖިލީހަށް ބިލެއް ހުށައަޅާފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު ކުރާ ހުރިހާ މަސައްކަތެއްގެ ތަފްސީލް އެ ދުވަހެއްގެ ޖަލްސާގައި އިއުލާންކުރުމަށް ރިޔާސަތުން ނިންމެވީ މިދިޔަ ބުދަ ދުވަހު ޖަލްސާގައެެވެ.
ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ އެހެން ޚަބަރުތަކަށް ބަލާލާއިރު ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ބަލަން ފެށުމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު އިސްތިއުފާދެއްވި ޚަބަރު ފާހަގަކޮށްލެވެއެވެ. ސުޢޫދު އިސްތިއުފާދެއްވިކަން އިޢުލާންކުރެއްވީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އޭސީސީން ބަލަމުންދާތީ ސުޢޫދު ހިމެނޭހެން އެ ފަނޑިޔާރުން ސަސްޕެންޑްކުރީ ނިމުނު މަހުއެވެ.
މީގެ އިތުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯގެ ޗީފް އެގޒެކެޓިވް އޮފިސަރކަމުގެ މަޤާމުން ޑރ. ވިޓާލީ ލިއުބިމޮވް ވަކިކުރައްވައި އެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އައްޔަންކުރެއްވީވެސް ނިމުނު ހަފުތާގައެވެ.
ނިމުނު ހަފުތާގައިވެސް އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ ކަންތައްތަކަށް ބަލާލާއިރު، މި އަހަރުގެ ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބަލާލެވޭނެ "އަގުމަގު" ޕޯޓަލް ލޯންޗްކޮށްފައިވަނީ ނިމުނު ހަފުތާގެ ހުކުރު ދުވަހުއެވެ. އަގުމަގު ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް މަގު ފަހިކުރެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން ރަމަޟާން މަހަށް ޚާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން އިތުރު ކާށިގެނެސް ވިއްކަން ފަށާފައިވަނީވެސް މިދިޔަ އަންގާރަ ދުވަހުއެވެ. އިންޑިޔާއިން ގެނައި މި ކާށިތައް އެސްޓީއޯ ޕީޕަލް ޗޮއިސްގައި ދަނީ ވިއްކަމުންނެވެ. އެސްޓީއޯއިން ކާށި ކިލޮއެއް 20 ރުފިޔާއަށް ލިބޭއިރު، ލޯކަލް މާރުކޭޓުން ކާށްޓެއް ވިއްކަނީ 40 ރުފިޔާއަށެވެ.
ހަމައެއާއެކު އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ ފެއަރކަމަށްވާ އައިޓީބީ ބަރލިންގެ ތެރެއިން މުހިންމު ބައްދަލުވުންތަކެއްގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުހިންމު ކުންފުނިތަކާއި އެއަރލައިންތަކާއި ޓުއަރ އޮޕަރޭޓަރުންނާ ވަޒީރު ބައްދަލުކުރެއްވިއެވެ. މި ފެއަރގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ބާލިންއަށް ވަޑައިގެންނެވީ އާދިއްތަ ދުވަހުއެވެ.
ނިމުނު ހަފުތާގައި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، މިދިޔަ ސަރުކާރުން އެކުލަވާލި 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު އަލުން މުރާޖަޢާކުރުމަށްފަހު މިހާރު ޢާންމުކޮށްފައިވާ ޝަރުތު ހަމަވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލުން ހިމެނެއެވެ. މިހާތަނަށް ހާހަކަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަން އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން 160 މިލިޔަން ރުފިޔާ ޚަރަދުކުރާނެކަން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރެއްވީވެސް ނިމުނު ހަފުތާގައެވެ. އަދި ކަރަންޓު މީޓަރުގެ ރީޑިން ނަގާތާ 1 ދުވަހުގެތެރޭގައި ކަރަންޓު ބިލު ފޮނުވުމަށް ބިލު ފޮނުވާ އުޞޫލަށް ބަދަލުތަކެއް ގެނެސްފައިވާކަން ސްޓެލްކޯއިން ހާމަކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
އަދި ނިމުނު ހަފުތާގެ އާދިއްތަ ދުވަހު އައްޑޫ ސިޓީ ބްރިޖްގެ މަސައްކަތްކުރުމަށް ހަދަންޖެހޭ ސާރވޭ، ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފާރމެއް ހޯދުމަށް މާލީ ވުޒާރާއިން އިޢުލާންކުރެއްވިއެވެ. އަދި މާލޭގައި ހުންނަ ރަސްފަންނާއި ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގެ ޕްލޭންތައް ހަދަމުންދާކަމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ނިމުނު ހަފުތާގައި ހާމަކުރެއްވިއެވެ. އަދި ދާއިމީ ބަދަލުތައް ރަމަޟާން މަހަށްފަހު ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެކަމަށް އެ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް މި ފެށޭ ހަފުތާގައި އިތުރު ޖެނެރޭޓަރެއް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ގޮތުން 1.8 މެގަވޮޓުގެ ޖެނެރޭޓަރެއް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާވެސް ފާހަގަކޮށްލެވެނީ ސިޔާސީ ގޮތުންނާއި ޚާރިޖީ ދާއިރާގެ އިތުރުން އިޤުތިޞާދީ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާދިޔަ ހަފުތާއެއްގެ ގޮތުގައެވެ. އަދި ބައެއް މުހިންމު ކަންކަން ނިމުނު ހަފުތާގައި އިޢުލާންކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.