ބަރަކާތްތެރި ރަމަޟާން މަހު ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި ހުކުރު ނަމާދު ކުރެވޭނެ މީހުންގެ އަދަދު ޔަހޫދީން ކޮންޓުރޯލު ކުރަން ފަށައިފިއެވެ. ޒަޔަނިސްޓު އިސްރާއީލުން ހުސްވި އަހަރުގެ ރަމަޟާން މަހު ވެސް މި ގޮތަށް އަމަލު ކޮށްފައިވެއެވެ. ޒަޔަނިސްޓުންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ، މި އަހަރުގެ ރަމަޟާން މަހު ވެސް، އަލް-އަޤްޞާގައި ކުރާ ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވޭނީ ވަކި އުމުރުފުރާތަކެއްގެ މީހުންނަށް އެކަނި ކަމުގައެވެ.
މި ގޮތުން، މި އަހަރުގެ ރަމަޟާން މަހު އަޤްޞާގައި ނަމާދު ކުރުމުގެ ފުރުޞަތު ދޭނީ ތިން އުމުރުފުރައެއްގެ މީހުންނަށް ކަން ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެއީ، 55 އަހަރުން މަތީގެ ފިރިހެނުންނާއި، 50 އަހަރުން މަތީގެ އަންހެނުންނެވެ. އަދި، އެ މީހުންނާ އެކު މިސްކިތަށް ދާ 12 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
ނަމަވެސް، އެ މީހުންނަށް ވެސް މިސްކިތަށް ވަނުމުގެ ފުރުޞަތު ދެވޭނީ ޔަހޫދީ ފުުލުހުންގެ ޗެކްޕޮއިންޓުތަކުން ބަލައިފާސްކުރުމަށް ފަހުއެވެ. މީގެ އިތުރުން ޢަރަބި-އިސްރާއީލް ދަރިކޮޅުގެ މީހުންނަށް މިސްކިތަށް ވަނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ވެސް ޖައްބާރު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަޤްޞާގައި ކުރާ ހުކުރު ނަމާދުގައި ބައިވެރިވުމުގެ ފުރުޞަތަށް އަނިޔާވެރި ނަތަންޔާހޫގެ އޮފީހުން ހުރަސް އަޅަން ނިންމާފައި މި ވަނީ، ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ގިނަ އަދަދެއްގެ ޔަހޫދީން އަޤްޞާ މިސްކިތް ހުންނަ އަލް-ޙަރަމުއްޝަރީފަށް ވަންނަމުންދާ ދަނޑިވަޅެއްގައެވެ. ހުސްވި އަހަރުގެ ރަމަޟާން މަހު ވެސް މުސްލިމުންނަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވެއެވެ. އޭގެ ތެރޭގައި، އަޤްޞާއަށް ވަދެނުކުމެ ހެދެން އޮތް ހުރިހާ ދޮރެއްގައި ދަގަނޑު ބެރިކޭޑު ޖަހައި ބަންދު ކުރުން ހިމެނެއެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ އެކު، އަޤްޞާގައި ނަމާދު ކުރާ މީހުންނަށް ހުރަސް އެޅުން ޔަހޫދީ ފައުޖުން އިތުރު ކޮށްފައިވެއެވެ. އަދި، ރަމަޟާން މަހާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ނަމުގައި، ނިރުބަވެރި ނަތަންޔާހޫ ވަނީ އަޤްޞާ ހުންނަ ސަރަޙައްދަށް އިތުރު ޔަހޫދީ ފުލުހުންނާއި ސިފައިން ޖަމާ ކުރަން ފަށާފައެވެ.
15 މަހަށް ދިގުދެމިގެން ދިޔަ ޔަހޫދީން ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,700ށް އުފުލިފައެވެ. އަދި، އިތުރު 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޣައްޒާ ޢުދުވާން މެދުކަނޑައިލާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ޣައްޒާ ޢުދުވާން މެދުކަނޑައިލުމަށް ފަހު އޭގެ ދެ ދުވަސް ފަހުން ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ވަނީ ހުޅަނގު އައްސޭރިއަށް އަރައި، އެ ސަހަރުގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޖަރީމާތަކެއް ހިންގަން ފަށާފައެވެ.
ބައިތުލްމަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީން ދަނީ މުސްލިމުންގެ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. އަޤްޞާ ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންނާއި ފުލުހުން ދަނީ ދޭތެރެދޭތެރެއިން މިސްކިތް ތެރެއަށް ވަދެ, ޢުދުވާން ހިންގައި, މުސްލިމުންގެ ލޭ އޮހޮރުވައިލާ, އެ ތަނުގެ ޙުރުމަތް ކަނޑަމުންނެވެ.