ބާޒާރުގައި މިރުސް ތިޔާގިވެ، އަގު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. މިރުހަކީ ރޯދަމަހު ޑީމާންޑު ވަރަށް ބޮޑުވާ ބާވަތެކެވެ. މިއާއެކު އެހެން އަހަރުތަކުގައި މިރުހުގެ އަގު އިންތިހާއަށް އުފުލިގެންދެއެވެ. އެގޮތުން 100ގ މިރުސް 80 ރުފިޔާއަށްވެސް ވިއްކާފައިވާކަން ފާހަގަކޮށްލެވެއެވެ.
އެހެންނަމަވެސް މިއަހަރުގެ ރަމަޟާންމަސް ފެށުނު އިރުވެސް އަގު ހުރީ 100ގ މިރުސް 35 ރުފިޔާއަށެވެ. އަދި މިއީ ހަފްތާއެއްހާ ދުވަސްތެރޭ އަގު މިވަނީ 100ގ މިރުސް 15ރ އަށް ދަށްވެފައެވެ.
ބާޒާރުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ މިއަހަރުގެ ރަމަޟާން މަހަށް ކަނޑޫދޫއިންނާއި ލ.އަތޮޅުން ގިނަ އަދަދަކަށް މިރުސް މާލޭ ބާޒާރަށް ގެނެސްފައިވާކަމަށެވެ.
އަދި ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިރުހުގެ އަގު އުފުލިގެން ނުދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ބާޒާރަށް ބަލާއިރު ކަރާގެ އަގުތައްވެސް ހުރީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މި ނިމުނު ހަފްތާގައި ކަރާގެ އަގު ބާޒާރުގައި ހުރީ އެވްރެޖްކޮށް 25ރ އަށެވެ. ރޯދަމަސް ފެށުނު އިރު، ކަރާ ކިލޯއެއް ލިބެން ހުރީ 35ރ އަށެވެ.
ބާޒާރުގައި ދެން އެންމެ ބޮޑަށް އަގުދަށްވެފައިވަނީ ފަތުގެ ބާވަތްތަކުގެއެވެ. އެގޮތުން މިހާރު ބާޒާރުގައި 3 ފަތުގެ ކޮޕީ ފަތް ބޮނޑިއެއް 10 ރުފިޔާއަށް ލިބެހުރިކަން ފާހަގަކޮށްލެވެއެވެ. އަދި ލެޓިއުސް ކިލޯއެއް ލިބެން ހުރީ 70ރ އަށެވެ.