ކުޅިވަރު

ރާއްޖެ އާއި ލަންކާ ގުޅިގެން ކުޅިވަރު ކުރިއެރުވުމާ ގުޅޭ މަޝްވަރާތަކެއް


ދެ ގައުމު ގުޅިގެން ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ކުރެވިދާނެ ކަންކަތައްތަކާ ބެހޭ ގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ސްރީ ލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު މަޝްވަރާކުރައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު، ރާފިޢު ވަނީ ކުޅިވަރު ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ ކަންކަން ލަންކާގެ ސަފީރު ޑީ. އަމާނުﷲ އާ ހިއްސާކުރައްވާފައެވެ. އަދި މި ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވުމުގައި ލަންކާއިން އެއްބާރުލުން ދެވިދާނެ ދާއިރާތަކަކީ ކޮބާތޯ ބައްލަވާ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ދެ ގައުމު ގުޅިގެން ކުޅިވަރުގައި ހޯދިދާނެ ފުރުސަތުތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދެ ގައުމުގެ ގައުމީ ޓީމުތަކުން ގުޅިގެން ކުޅިވަރުގައި އެއްބާރުލުމާއި އެހީތެރިކަންދީ، ތަމްރީނު ޕްރޮގްރާމުތައް ރާވާ ހިންގުމާއި، ކުޅުންތެރިންނާއި ކުޅިވަރުތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ކުޅިވަރުތަކުގެ ތެރެއިން ދެ ޤައުމު އެއްހަމައެއްގައި ގިންތިކުރެވޭ ޓީޓީ އާއި ވޮލީ ފަދަ ކުޅިވަރުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ޓްރެއިނިން ކޭމްޕުތައް ބޭއްވުމަށްވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ލަންކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ފާއިތުވެ ދިޔަ ތިން އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތްތަނުގައިވެސް ލަންކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ސަފީރު ޑީ. އަމާނުﷲ ވަނީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރަށް ދެއްވާފައެވެ.

ލަންކާއަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރު ޓީމުތައް ވަނީ ލަންކާގައި ކޭމްޕްކޮށް ތަމްރީނުތައް ހަދާފައެވެ. މީގެ އިތުރުން ވޮލީ އާއި ކްރިކެޓް ފަދަ ކުޅިވަރުތަކުގައި ރާއްޖޭގެ ޓީމުތަކުން ލަންކާގެ ކުޅުންތެރިން ފެންނަ އަދަދު ގިނަކަމަށް ފާހަގަކުރެވެއެވެ.