ޚަބަރު

މަސްވެރިކަމުގެ ސިނާޢަތުގެ ކުރީ ސަފުގައި ގުނާލެވޭ، ފައިދާވާ ކުންފުންޏަކަށް މިފްކޯ ހަދާނަން: ސީއީއޯ ފަރުޙަތު


  • މިފްކޯގެ އައު ސީއީއޯ ކަމަށް ފަރުހަތު އައްޔަންކޮށްފައިވަނީ ބުދަ ދުވަހު

  • އޭނާ ވަނީ 2014 އިން 2018 އައިޖީއެމްއެޗްގެ ސީއީއޯކަން ކުރައްވާފައި

މިފްކޯއަކީ މަސްވެރިކަމުގެ ސިނާޢަތުގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމަށް މިފްކޯގެ އައު ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ އައު ސީއީއޯ ފަރުޙަތު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައެވެ.

ރާއްޖޭގެ ޤައުމީ މަސް ކުންފުނި މިފްކޯގެ ސީއީއޯކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އައްޔަން ކުރެއްވީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެ މަޤާމަށް ފަރުޙަތު އައްޔަންކޮށްފައިވަނީ ކުރީގެ ސީއީއޯ މަޤާމުން ވަކިކުރެއްވުމަށް ފަހުއެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ފަރުހަތު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްޤީތަކެއް ގެނެވިއްޖެ ނަމަ، ކުރިއެކޭ އެއް ގޮތަށް މި ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ވެގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މިކަން ހާސިލްކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ ފަރުހަތު ވިދާޅުވީ ކަމާއި ގުޅުންހުރި ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުން މި އަމާޒަށް ވާސިލްވެވޭނެކަން ޔަޤީންކުރައްވާ ކަމަށެވެ. އޭނާ ވަނީ މިފްކޯގެ މިހާރު އޮތް ހާލަތު ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

"މިހާރު މިފްކޯ އޮތް ހާލަތުން ކޮޅައް ޖެހުމަށް ވަރަށް އަވަހަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ. ވަރަށް ޓަފް ޑިސިޝަންތަކެއް އަޅުގަނޑުމެން ނަގަން ޖެހޭނީ. އެކަންކަން ކުރެވިއްޖެ ކަމަށްވަންޏާ ﷲ އިރާދަފުޅާއެކު މިކުންފުންޏަކީ މަސްވެރިކަމުގައި ދިވެހި ރާއްޖޭގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަޤީންކަން އެބައޮތް" ފަރުހަތު ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯގެ މަޤާމާ އައްޔަންކޮށްފައިވާ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އަކީ ދިވެހި ޤައުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. ޤައުމީ ޚިދުމަތް ސިފައިންގެއިން ފެށި ޝަހީރު ވަނީ އަސްކަރީ ދައިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައެވެ. އެގޮތުން އިންޑޮނޭޝިއާގެ އަސްކަރީ ކޮލެޖުން، މިލިޓަރީ ސްޓާސް އިން ޑިގްރީ ހާސިލްކުރައްވާފައިވެއެވެ. އަދި ހަމަ އެކޮލެޖުން މިލިޓަރީ އާޓް އެންޑް ސައިންސް ދާއިރާއިން މާސްޓާސް ޑިގްރީ ވަނީ ފުރިހަމަކުރައްވާފައިވެއެވެ.

ފަރުޙަތު ވަނީ 1986 ވަނަ އަހަރުން ފެށިގެން ދިވެހި ޤައުމީ ދިފާޢީ ބާރުގައި އެކި ފެންވަރުގައި މަސައްކަތް ކުރައްވާފައެވެ. ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާއިރު، ސިފައިންގޭގެ އިސް މަޤާމުތަކެއް އޭނާ ވަނީ ފުރުއްވާފައެވެ. އޭނާ 26 އަހަރަށް ފަހު 2012 ވަނަ އަހަރު ރިޓަޔަރވިއިރު، ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.

އޭގެ ފަހުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ބޯޑުގެ ޗެއަރމަންކަން ކުރައްވާފައިވެއެވެ. ފަރުހަތު ހިންގުމުގެ ދައިރާއިން އެންމެ ބޮޑަށް ފާހަގަވީ، 2014 ވަނަ އަހަރު އައިޖީއެމްއެޗްގެ ސީއީއޯގެ މަޤާމާއި ހަވާލުވި ހިސާބުންނެވެ. އެ މަޤާމު 2018އާ ހަމައަށް ފުރުއްވާފައިވާއިރު، އައިޖީއެމްއެޗްގެ އެންމެ ހިންގުންތެރި އެއް ސީއީއޯގެ ގޮތުގައި ގިނަ ބަޔަކު އޭނާ ސިފަކުރައްވައެވެ. އޭނާ އެ މަޤާމުގައި ހުންނެވި ދުވަސްވަރު އައިޖީއެމްއެޗަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އައު ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށް މިހާރު މިފެންނަ ޒަމާނީ ބަދަލުތައް އެދުވަސް ވަރު ވަނީ ގެނެސްފައެވެ.