ޚަބަރު

އައްޑޫ ސިޓީ ފޭދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކުރަނީ


  • ފޭދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 45 ރޫމްގެ ސިޓީ ހޮޓަލެއް

  • މިހޮޓާ ތަރައްޤީކުރުމަށް ހުޅުވާލާ ބިމުގެ ބޮޑު މިނަކީ 16ހާސް އަކަފޫޓު

އައްޑޫ ސިޓީ ފޭދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

އައްޑޫގައި ލޯކަލް ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ސިޓީހޮޓަލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ އެސިޓީގެ ދިގިހެރަ ޓޫރިޒަމް ޒޯން (އެސް 4)ގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިމެނެނީ ފޭދޫގެ ހުޅަނގު ފަރާތުން އަލަށް ހިއްކާފައިވާ ބިމުގައި، ސަވާހެލި ރަށާ ދިމާލުގައިކަމަށެވެ. އަދި މި ސަރަހައްދު އޮންނަނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން 2 ކިލޯމީޓަރު ދުރުގައިކަމަށެވެ. މީގެ އިތުރުން މި 3.2 ހެކްޓަރުގެ ގޮނޑުދޮށާ ގުޅިފައިވާ ބިން ކަނޑައެޅިފައިވަނީ ގެސްޓްހައުސްތަކާއި، ހޮޓާތަށް ތަރައްޤީކުރުމަށްކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގެ ފޭދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 45 ރޫމްގެ ސިޓީ ހޮޓަލެއްކަމަށާއި މި ހޮޓާ ތަރައްޤީކުރުމަށް ހުޅުވާލާ ބިމުގެ ބޮޑު މިނަކީ، 16ހާސް އަކަފޫޓުކަމަށާއި އަދި މި ބިން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 50 (ފަންސާސް) އަހަރުގެ މުއްދަތަށްކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މި ހޮޓާ ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމަށާއި، ބީލަން ފޮތް ބެލުމަށާއި އަދި އެ ފޮތް ގަތުމަށް މިމަހުގެ 9 ވަނަ ދުވަހުން ފެށީގެން 19 ވަނަ ދުވަހާ ހަމައަށް، ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދެމެދު، އެ އިންތިޒާމުގައި ކައުންސިލު އޮފީހުން ހަމަޖެހިފައިވާނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މި ސަރަހައްދު ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއެރުވުމަކީވެސް މި މަޝްރޫޢުގެ ބޭނުމެއް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުންވެސް ގެންދަވނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މިއަހަރު ނިންމުމަށް ހަމަޖެހިފައިވާއިރު، އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތަކާއެކު އައްޑޫއަށް ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ ދަތުރުތައް ފެށުމަށްވެސް ސަރުކާރުން ދަނީ ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާތައް ކުރަމުންނެވެ.

ހަމަމިއާއެކު އައްޑޫގައި އިންޓަގްރޭޓެޑް ފަތުރުވެރިކަން ތަރައްޤީކުރުމަށް ހަންކެޑެ ތަރައްޤީގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު އެތަނުގައި 560 ކޮޓަރި ތަރައްޤީކުރުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓުއަރިޒަމް ޒޯންތަކުން ބިންތައް ދޫކޮށްފައިވާއިރު، ސަރުކާރުން ވަނީ އެ ބިންތައް ދޫކޮށްފައިވާ ފަރާތްތަކަށް އިތުރު ލޯންތަކެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.