ރަމަޟާން މަހަކީ އެ މަހެއްގައި ދުވާލުގެ ވަގުތުތަކުގައި ކެއުމާއި ބުއިމުން މުސްލިމުން ދުރުހެލިވެ ތިބޭ ބަރަކާތްތެރި މަހެކެވެ. ރަމަޟާން މަހު ރޯދައަށް ތިބުމަކީ އިންސާނާގެ ރޫހަށް ގިނަގުނަ ފައިދާތައް ކުރާ އަޅުކަމެއް ވެސް މެއެވެ. ނަމަވެސް ރޯދަޔަށް ހުރުމަކީ ހައްޓަށް އެނގުންވާ, ވަރުބަލިކަން ގެނެސްދޭ އަޅުކަމެކެވެ. ރަމަޟާން މަހު ކެއުން ބުއިމަށް ބޭނުން ކުރާ ބާވަތްތަކާމެދު ނުވިސްނާ ހިތުހުރި އެއްޗެއް ކާނަމަ ރަމަޟާން މަހު އިޙްސާސް ކުރެވޭ ވަރުބަލިކަމާއި ލޮޑު ކަން އިތުރުވެގެން ދެއެވެ.
ރަމަޟާން މަހު މުސްލިމުން ޢާންމުގޮތެއްގައި ކައިބޮއެ އުޅެނީ ދެ އިރެވެ. އެ ގޮތުން ހާރުދަމުގެ ކެއުން ނުވަތަ ސުހޫރަކީ ރޯދައަށް ހުރުމަށްޓަކައި އެންމެ ބޭނުންތެރި ކެއުމެވެ. އެއަށް ފަހު ރޯދަ ވީއްލާ ގަޑީގައި ކެއުމަށް ފަހު, ތަރަވީހު ނަމާދު ކުރުމަށް ފަހު ވެސް ބައެއް ފަހަރު ކޮންމެވެސް އެއްޗެއް ކާލައި މީހުން ވެސް އުޅެއެވެ.
އިންޑިޔާގެ ހަސްފަތާލެއް ކަމަށްވާ މެކްސް ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަަމަށްވާ ޑރ މަންޖާރީ ޗަންދުރާ ވިދާޅުވީ ރަމަޟާން މަހު ރޯދަ ހިފާއިރު ހަށިގަނޑަށް ގިނައިން ފެން ލިބޭ އަދި ގިނަ އިރަށް ފުރިފައިވާ ކަމުގެ އިޙްސާސް ކުރެވޭ, އަދި ހަކަތަ ލިބޭ ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ދުވާލުގެ ވަގުތު ރޯދައަށް ހުންނައިރު ހަށިގަނޑުން ފެން މަދުވެ އިލެކްޓްރޮލައިޓް, ޚާއްޞަކޮށް ސޯޑިއަމް މަދުވުމަކީ ވުން އެކަށީގެންވާ ކަމެކެވެ. އެ ކަން އެހެން ވިޔަ ނުދިނުމަށްޓަކައި ރޯދަ ވިއްލުމަށް ފަހު އަދި ޖެހިގެން އަންނަ ދުވަހު ރޯދަ ހިފަން ފެށުމުގެ ކުރިން ލޮނު ޕެކެޓު ފަދަ އެއްޗެއް އަޅާފައިވާ ފެން ގިނައިން ބުއިމަކީ ކުރެވިދާނެ ކަމެއް ކަމަށް ޑރ ޗަންދުރާ ވިދާޅުވިއެވެ. ފެނަށް ޕިންކު ސޯލްޓު ނުވަތަ ސީ ސޯލްޓު ނުވަތަ ބޮޑު ލުނބޮލެއްގެ ދެބައި ކުޅަ އެއްބައި އަޅައި އެ ފެން ބުއިމަކީ ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކުރުނބާ ފެނަކީ ވެސް ހަށިގަނޑުގައި ފެނާއި އިލެކްޓްރޮލައިޓް އިތުރު ކޮށްދޭ ބުއިމެކެވެ. އޭގެ އިތުރުން ކަރަޔާއި އޮރެންޖާއި ކިޔުކަންބާ އާއި އެކި ކަހަލަ ބެރީސް އަކީ ވެސް ހަށިގަނޑުގައި ފެނާއި ވިޓަމިން އިތުރު ކޮށްދޭ މޭވާގެ ބާވަތްތަކެވެ. ހަށިގަނޑުން ފެން މަދުވިޔަ ނުދީ ހިފެހެއްޓުމަށް ރަނގަޅު ކާނާ ކެއުމުގެ އިތުރުން ފެން މަދު ކުރާ ބާވަތްތަކާ ދުރުވުން ވެސް މުހިންމެވެ. އެ ގޮތުން ކޮފީއާއި ސަޔަކީ ހަށިގަނޑުން ފެން މަދު ކުރާ ދެ ބުއިމެވެ.
ހާރުދަމުގައި ބޭނުން ކުރުން ރަނގަޅު ބާވަތްތަކާ ގުޅޭގޮތުން ޑރ ޗަންދުރާ ވިދާޅުވީ ފުށުގެ ބާވަތްތަކުން ހަދާފައިވާ ކާނާ އެ ގަޑީގައި ކެއުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. އޭގެ އިތުރުން ފޮނި އެއްޗެއްސާއި ތެެލުލީ ކާނާ ކެއުމާ ދުރުހެލި ވުމަށް ވެސް ޑރ ޗަންދުރާ ނަސޭހަތްތެރިވިއެވެ. ތެލުލި ކާނާ ކެއުމަކީ އޭގެ ސަބަބުން ލޮޑުކަން އިތުރު ކޮށްދޭ ކަމެކެވެ. އޭގެ ބަދަލުގައި ކެއުމަށް ރަނގަޅީ ދުވާލުގެ ވަގުތުތަކުގައި ވެސް ހަކަތަ ލިބިދޭ ފަދަ ކާނާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނަޓްސާއި ފެނުކެއްކި ސަނާމުގާއި ތަރުކާރީ އަދި ފަތްފިލާވެލީގެ ބާވަތްތައް ކެއުން އެދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ޔޯގަޓަކީ ވެސް ހަށިގަނޑުގައި ފެން އިތުރު ކޮށްދޭ އަދި ބަނޑުގެ ކަންކަމަށް ރަނގަޅު ކާނާއެކެވެ. ނަޓްސާއި މޭވާ ޔޯގަޓާ އެއްކޮށްގެން ކެއުމަކީ އޭގެ ފައިދާ އިތުރުކޮށްދޭ އަދި ބަނޑުހައިކަމުގެ އިޙްސާސް ވުމުން ދުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ވެސް ޕްރޮޓީން ގިނަ ކާނާ ހާރުދަމުގައި ކެއުން އެދެވިގެން ވެއެވެ. އެ ގޮތުން ބިހާއި ކޮޓޭޖް ޗީޒަކީ ވެސް ގިނަ އިރަށް ފުރިފައިވާ ކަމުގެ އިޙްސާސް ކޮށްދޭ ކާނާގެ ބާވަތްތަކެވެ.
ގޮދަނުގެ ބާވަތްތަކުގެ ތެރެއިިން ބްރައުން ރައިސް, އާޓާ ފުށް, ކީންވާ އަދި އޯޓްސްފަދަ ބާވަތްތަކަކީ ވެސް ލަސްލަހުން ހަޖަމުވާ އަދި ހަށިގަނޑަށް މަޑުމަޑުން ހަކަތަ ދޫކުރާ ބާވަތްތަކެވެ. ހާރުދަމުގައި އެ ފަދަ ބާވަތްތައް ބޭނުން ކުރުމުން ރޯދައަށް ހުންނަ ވަގުތު ގިނައިރު ބަނޑުހައި ވިޔަ ނުދީ ހިފަހައްޓައިދެއެވެ. މި ބާވަތްތައް ބޭނުން ކުރުމުން ފާޚަނާ ކުރުމަށް ވެސް ފަސޭހަވެއެވެ. ހުދު ބަތް އަދި ހަކުރު އަޅާފައި ހުންނަ ސީރިއަލްތައް ބޭނުން ކުރުމުން ރޯދަޔަށް ހުންނައިރު ކުރިމަތިވާ ވަރުބަލިކަމާ ލޮޑުކަން އިތުރު ކޮށްދެއެވެ.
ޑރ ޗަންދުރާ ވިދާޅުވީ ހާރުދަމަށް ހެލްދީ ފެޓްސް, ނުވަތަ ޞިއްޙަތަށް ފައިދާ ހުރި ފެޓްސްގެ ބާވަތްތައް ބޭނުން ކުރުން އެދެވިގެންވާ ކަމަށެވެ. އެގޮތުން ރޮށި ފިހާއިރު ނުވަތަ ބަތް ކައްކާއިރު ގިތެޔޮ ބޭނުން ކުރުމާއި, ނަޓާއި ކާއްޓާއި އާމަންޑު ކިރު ފަދަ ބާވަތްތައް ބޭނުން ކުރުމުން ބަނޑުހައި ނުވެ ގިނަ އިރު ހުރެވެއެވެ. އެވޮކާޑޯއަކީ ވެސް މި ގަޑީގައި ކާލުމަށް އެއްވަނައިގެ މޭވާއެކެވެ. ކައްކާއިރު ނުވަތަ ސެލެޑު ފަދަ ތަކެތި ތައްޔާރު ކުރާއިރު ޒައިތޫނި ތެޔޮ ނުވަތަ އޮލިވް އޮއިލް ބޭނުން ކުރުމުން ވެސް ފުރިފައިވާ ކަމުގެ އިޙްސާސް ގިނަ އިރަށް ކުރެވި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްތަށް ހަށިގަނޑަށް ނަގައިގަތުމަށް އެހީތެރިވެދެއެވެ.
ދެން އޮތީ ރޯދަ ވިއްލާ ގަޑީގެ ވާހަކައެވެ. ރޯދަ ވިއްލާ ގަޑީ އެންމެ ފުރަތަމަ ވެސް ތެއްލި ކާނާ ކެއުމަކީ ގިނަ ބަޔަކަށް ހެދޭ ގޯހެކެެވެ. އޭގެ ބަދަލުގައި މުޅި ދުވަހު ހަށިގަނޑަށް ކާނާ ނުލިބި ހުރުމަށް ފަހު ހަށިގަނޑަށް ބޭނުންވާ ހުރިހާ ބާވަތްތައް ހިމެނޭ މިންހެޔޮ ކެއުމެއް ކެއުމަކީ އެންމެ ފައިދާ ހުރި ގޮތެެވެ. އެންމެ ފުރަތަމަ ކާންވީ ޕްރޮޓީން ގިނައިން ހިމެނޭ ބާވަތްތަކެވެ. އެ ގޮތުން ބިސް, ބީންސް އަދި ބައެއް ކަހަލަ އެއްގަމު މަހުގެ ބާވަތްތަކަކީ ރޯދަ ވިއްލާ ގަޑީގައި ކެއުމުން ހަށިގަނޑަށް ހަކަތަ ލިބި ތާޒާކަން ގެނެސްދޭ ބާވަތްތަކެވެ. ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސްއޭ ކިޔާ ބާވަތްތަކާއި ތަރުކާރީއާއި ފިހުނު ކާއެއްޗެއްސަކީ ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ނިއުޓްރިއެންޓުތައް ލިއްބައިދޭނެ ކާނާއެވެ.
ހާރުދަމު ވެސް ރޯދަ ވިއްލާ ގަޑީ ވެސް ވިސްނަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ލަސްލަހުން މަޑުމައިތިރި ކަމާއެކު ކެއުމެވެ. އަވަސްއަވަހަށް ކެއުމަކީ ގޭސް ވުމުގެ ފުރުޞަތު އިތުރު ކޮށްދޭ ކަމެކެވެ. ލަސްލަހުން ގެއުމުން ކާނާ ރަނގަޅަށް ހަޖަމް ކުރުމަށް އެހީތެރިވެދެއެވެ.