ޚަބަރު

ޒަކާތު ފަންޑުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕަށް ހުޅުވާލަން ތައްޔާރުވެއްޖެ


  • ޒަކާތު ފަންޑުން އަންނަނީ މަތީ ތަޢުލީމުގެ އިތުރަށް ބޭސްފަރުވާއަށްވެސް އެހީދެމުން

  • ޒަކާތު ފަންޑުން ސްކޮލަރޝިޕްގެ ފުރުޞަތު ދެވޭނީ އިސްލާމީ ދާއިރާއަށް

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ކިޔެވުމަށް ދޫކުރާ ސޮކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލަން ތައްޔާރުވެފައިވާކަމަށް ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ.

ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމުގެ އައު އުޞޫލު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކުލަވާލާފައެވެ.

ޒަކާތު ފަންޑުން އަންނަނީ ބޭސްފަރުވާއަށާއި މަތީ ތަޢުލީމަށް ކިޔެވުމަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޒަކާތު ފަންޑުން ފޯރުކޮށްދޭ އެހީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވީ ޒަކާތު ހައުސްއިން މީހުން ބިނާކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްކަމަށެވެ.

އެގޮތުން މިހާރު ޒަކާތު ފަންޑުން ސޮކްލަރޝިޕްއަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ރަމަޟާންމަސް ނިމޭހާތަނަށް ޒަކާތު ފަންޑުން ކިޔެވުމަށް ސްކޮލަރޝިޕްއަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ދީނީ އަދި އިޖުތިމާޢީ ދާއިރާއިން މީހުން ބިނާކުރުމުކަމީ މުހިއްމުކަމެއް. އިޢުލާން ކުރުމުގެ ކުރިން ކޮމެޓީން ބަލަންޖެހޭ ކަންކަން ބަލަމުން ދަނީ. މިއީ ޝަރީޢާ ހުއްދަކުރާ އުޞޫލުގެ މަތިން ކުރާ މުހިއްމުކަމެއް."ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދުނާން ވިދާޅުވިއެވެ.

"ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމުގެ އުސޫލު"ގައިވާ ގޮތުން ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕަކީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ފަހަކުން ފެށިގެން ލެވެލް ދިހައެއްގެ ނިޔަލަށް ހިމެނޭ ކޯސްތަކުގައި ކިޔެވެމުގެ ހުރިހާ ޚަރަދެއް ހިމެނޭގޮތަށް ދެވޭ ފުރުޞަތުތަކެކެވެ. މަތީ ތައުލީމު ހާސިލުކުރުމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕްގެ ފުރުޞަތުދެވޭނީ އިސްލާމީ ދާއިރާއަށެވެ. އަދި މިއުސޫލުގެ ދަށުން ސްކޮލަރޝިޕް ދެވޭނީ ހަމައެކަނި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރާ ކޯސްތައް ހިންގާ އަދި އެއޮތޯރިޓީން ގަބޫލުކުރާ މަރުކަޒުތަކަށެވެ. މީގެއިތުރުން ރާއްޖެއިން ބޭރުގައިނަމަ މިއުސޫލުގެ ދަށުން ކަނޑައަޅައި އާންމުކުރާ އޯއައިސީ ގައުމުތަކަށް އިސްކަންދެވޭނެކަމަށްވެސް އުސޫލުގައިވެއެވެ.

އުސޫލުގައިވާ ގޮތުން ނޮން އޯއައިސީ ގައުމުތަކުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ކިޔެވެމަށްވެސް ފުރުޞަތު ދެވޭނެއެވެ. އަދި ފުރުސަތު ދެވޭނީ ލައިންސަންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ޕްރޮގްރާމެއް ނަމަ، އެ ދާއިރާއެއްގެ ލައިސަންސް ދޭ މުއައްސަސާއިން ގަބޫލުކުރާ އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރާ މަރުކަޒަކުން ހިންގާ ޕްރޮގްރާމްތަކަށްވެސް އުސޫލުގައިވެއެވެ.

ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމުގެ އުސޫލުގައިވާގޮތުން ސްކޯލަރޝިޕް ދިނުމުގައި އިސްކަމެއްދޭނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި މާލީ ފުދުންތެރިކަން ނެތް މިންވަރާއި، ތައުލީމީ ފެންވަރާއި، ގައުމަށް ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ. ނަމަވެސް ހާސިލްކޮށްފައިވާ ތައުލީމީ ސަނަދަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތައުލީމު ހާސިލްކުރުމަށް އެދޭ ދަރިވަރުންނާއި ކިޔަވައިފައިވާ ދާއިރާއާ ގުޅޭ އިސްލާމިކް ކޮންސެޕްޓް ހިމެނޭ ކޯހެއް ހެދުމަށް ބޭނުންވާ ދަރިވަރުން މި ބައިން އިސްތިސްނާވާނެއެވެ.

މި އުސޫލުގައިވާ ގޮތުން ދިވެހި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ނުވަތަ އެހެން ފަރާތެއްގެ ހިލޭ އެހީގައި ކިޔެވުމުގެ ފުރުސަތު ހަމަޖެހިފައިވާ ފަރާތަކަށް "ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީއެއް ނުލިބޭނެއެވެ.