ކުޅިވަރު

އޮޑި ސްޕޯޓްސް ވާނީ އެހެން ޓީމުތަކަށް ޗެލެންޖަކަށް: އިއްބެ


ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި އޮޑި ސްޕޯޓްސް ކުލަބުން ތަފާތެއް ދައްކާނެ ކަމަށާއި، އެ ޓީމަކީ އެހެން ޓީމުތަކަށް ޗެލެންޖަކަށް ވާނެ ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހީމް ވަހީދު ހަސަން (އިއްބެ) ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އިއްބެ ބުނީ ޓީމުގައި ތިބީ ތަޖުރިބާކާރު ކުޅުންތެރިން ކަމަށާއި، ކުޅުންތެރިން އެކުވެ ޓީމެއްގެ ގޮތުގައި މަސައްކަތްކުރަމުންދާނީ އެންމެ ފަހު ވަގުތާ ހަމައަށްވެސް ހިތްވަރު އައުކޮށް ކާމިޔާބު ހޯދުމަށް ކަމަށެވެ.

މީގެ އިތުރުން ދެ އެސިސްޓެންޓް ކޯޗާއެކު އޮޑީގެ ޕްރެކްޓިސްތައް ފަށާފައިވާއިރު، ޓީމުގެ ބިދޭސީ ކޯޗު މިއަދު ވަނީ ރާއްޖެ އައިސްފައެވެ. މިރޭގެ ވަގުތެއްގައި ކޯޗު ޓީމާއި ރަސްމީކޮށް ހަވާލުވާނެކަމަށް އޮޑި ސްޕޯޓްސްގެ މެނޭޖަރު ޝިފާޒް ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދީފައެވެ.

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި އޮޑި ސްޕޯޓްސްއިން ފޯރިއާއެކު ފަރިތަކުރުންތައް ފަށާފައިވާއިރު، އެ ކުލަބާ ގުޅެން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޓްރަޔަލަށްވެސް ވަނީ ހުޅުވާލާފައެވެ. މި ޓްރަޔަލްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުރިއަށްއޮތް ދެ ދުވަހާއި ހަމައަށް އޮންނާނެކަމަށްވެސް ޓީމުގެ މެނޭޖަރު ޝިފާޒް ބުންޏެވެ.

އޮޑި ސްޕޯޓްސްއިން ވަނީ އައު ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އޭގެ ތެރޭގައި ދެވަނަ ޑިވިޝަނުގައި އެ ޓީމަށް ކުޅުނު އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި، މީގެ ކުރިން ކުޅުން ހުއްޓާލި ނަމަވެސް އަލުން ކުޅުމަށް އެނބުރި އައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކް މުޙައްމަދު ރަޝީދު (ހޮކޭ) ގެ އިތުރުން، ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އަދި ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ހިމެނެއެވެ.

ވަރުގަދަ ސްކޮޑަކާއެކު ފަރިތަކުރަމުންދާ އޮޑިއާއި ގުޅުނު އެހެން ކުޅުންތެރިންނަށް ބަލާއިރު، ގައުމީ ޓީމުގެ ޑިފެންޑަރު އަޙްމަދު ނޫމާން (ހެލްމެޓް) އާއި، ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ މުޒްދާން ހަސަން އާއި، އިބްރާހީމް އިމްރާން (އިންމި) އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކުލަބަށް ކުރިން ކުޅުނު އައިހަމް އަޙްމަދު އަދި ހައިޝަމް ރަޝީދުވެސް ފާހަގަކޮށްލެވެއެވެ.

"ބިދޭސީ ތިން ކުޅުންތެރިއަކުވެސް ޓީމާއި ވަރަށް އަވަހަށް ގުޅޭނެ. ގާތްގަނޑަކަށް މިމަހުގެ 20 ހިސާބުގައި އެކުޅުންތެރިން ގެނެވޭތޯ މި ބަލަނީ" ޓީމުގެ ވަރުގަދަ ސްކޮޑާއި ގުޅޭގޮތުން ޝިފާޒް ބުންޏެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށާއިރު، ދިވެހި ޕްރިމިއަރ ލީގު ފަށަނީ އެ މަހުގެ 10 ވަނަ ދުވަހުއެވެ.