ނޫރާގެ ނިތްކުރިއަށް ބޮސްދިނުމަށް ފަހު، ޒާހިން ދޮރާ ދިމާއަށް ހިނގައިގަތެވެ. ނޫރާ ވެސް ޒާހިންގެ ފަހަތުން ހިނގައިގަތެވެ. އަތުގައި އޮތް ދަބަސް ދިއްކޮށްލިއެވެ. މިއަދު ގެއަށް އަންނާނެ އިރެއް އަހައިލިއެވެ.
"ކައިވެންޏަށް ހަ އަހަރު ފުރުނު އިރު ވެސް ތި އިންތިޒާރުކުރާ ކުރުމަކަށް ބަދަލެއް ނާދޭ ދޯ؟" އެއްމިޔަކަނުން ހީލަމުން ޒާހިން އަހައިލިއެވެ.
"އާނ! ޔަގީނެއްނު؟ އެ ހުންނަނީކީ ދުވަސްވުމަކުން ބަދަލު އަންނަން ޖެހޭ ކަންކަމެއް ނޫނެއްނު؟ އެހެން ނޫނަސް އަހަރެން އިންތިޒާރުކުރަން ދެން ހުރީ ކާކު؟ މަންމައެއް ބައްޕައެއް ތިމާގެ މީހަކު ދުނިޔެއަކު ނެތް. ޒާހިންގެ އާއިލާ މީހުން ވެސް މި ރާއްޖެއަކު ތިބީކީ ނޫން." ނޫރާ ދެރަވެލައިފައި ބުނެލިއެވެ.
"އައްދެ ހާދަ ބޮޑުކޮށް ތި ޖެއްސީ ދޫންޏާ؟ އެއީ މަޖަލަކަށް ބުނި އެއްޗެކޭ. އަބަދުވެސް ތި ގޮތަށް އިންތިޒާރުކުރާތި! ވަރަށް ބަލާނަން އިރުއޮއްސެންވާއިރަށް އާދެވޭތޯ، ދެން ދަނީ އިނގޭ!" ނޫރާގެ ކޮލުގައި ހިފައިލުމަށް ފަހު ޒާހިން ހިނގައިގަތެވެ.
ޒާހިން ދިއުމުން ނޫރާ ކޮޓަރިއަށް ވަދެ ދޮރުލައްޕައިލިއެވެ. ފޯނު ހުޅުވައި، ޓިކްޓޮކް އަޅުވައިލިއެވެ. "ބުނެދޭ މިތުރު"ގެ ނަމުން އޮތް އެކައުންޓަށް ވަނެވެ. އެ އެކައުންޓުން އާ ވީޑިއޯއެއް ލައިފައިވާކަން އެނގުމާ އެކު، މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަވަސްއަވަހަށް އެ ވީޑިއޯ އަޅުވައިލިއެވެ. އެނދުގައި ހަމަޖެހިލައިގެން އޮށޯވެލިއެވެ. ވީޑިއޯގައި ވާހަކަދައްކާ މީހާގެ އަޑު، ނޫރާގެ ކަންފަތުގައި ޖެހުމާ އެކު، މެޔަށް ހީވީ ފިނި ފެން އެއްޗެއް ބަންޑުންކޮށްލި ހެންނެވެ. ގައިގެ ހުރިހައި ލޯލިތަކެއް ކޮޅަށް ޖެހިއްޖެއެވެ. ލަފުޒުތައް ކިޔައިލާ ގޮތުން ރީތި މަޑު މިއުޒިކެއް އުފައްދައިފައިވާ ކަމުގެ އިހުސާސް ނޫރާއަށް ކުރެވެމުން ދިޔައެވެ. ދުނިޔޭގެ އެހެން ހުރިހައި ޚިޔާލުތަކެއް ނޫރާއާ ވަކިވެއްޖެއެވެ. އެ އަޑުގެ މަސްތުގައި ޖެހި އޭނާ ޣަރަގުވެއްޖެއެވެ. ވާހަކަދައްކާ މީހާގެ އަޑާ އެއްވަރަށް އޭނާ ވެސް އެހައި ރީތިވާނެބާއޭ ނޫރާގެ ހިތާހިތާ ކޮންމެ ދުވަހަކު ސުވާލުކުރެއެވެ. އެ އަޑުގެ ޖާދޫގައި ޖެހި ދުވަހުގެ އެތައް ވަގުތެއް އޭނާ ހޭދަކުރާތާ ދެ ހަފުތާ ވެއްޖެއެވެ. ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައި ހުންނަ، އެ ކުރު ވީޑިއޯތައް ވެފައި ވަނީ ނޫރާއަށް ލިބޭ ނަފުސާނީ ފަރުވާއަކަށެވެ.
ނޫރާއާއި ޒާހިންގެ ކައިވެންޏަށް ހަ އަހަރު ވެފައި ވީ ނަމަވެސް، އެ ދެ މީހުންގެ ޒަވާޖީ ހަޔާތުގެ ގުލްޝަނުގައި އަދި މަލެއް ނުފޮޅެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން އެތައް ޑޮކްޓަރުންނަކަށް ދެއްކިއްޖެއެވެ. އެތައް ޓެސްޓުތަކެއް ހެދިއްޖެއެވެ. ނަތީޖާއަކީ ހަމަ އެއް ނަތީޖާއެކެވެ. ދެ މީހުން ކުރެ އެކަކުގެ ވެސް ސިއްހީ މައްސަލައެއް ނެތް ކަމަށް ކޮންމެ ޑޮކްޓަރަކު ވެސް ބުނެއެވެ. އަދި ވަގުތު ނުޖެހެނީކަން ވިސްނައިދެއެވެ. ޑޮކްޓަރުންގެ މި ބަސްތަކުގެ ސަބަބުން، ދެ މީހުންގެ އުންމީދު އާވެއެވެ. ހިތުގެ ސާބިތުކަން ވަރުގަދަވެއެވެ. އުފާވެރި ޚަބަރެއް ލިބޭނެ ވަގުތަކަށް ކެތްމަދުވެފައި އިންތިޒާރުކުރެވެއެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެކަމުގެ އުންމީދުގައެވެ. އިންސާނުންނަށް ވީތީ، އެކަނިވެރިކަމާއި ފަޅުކަން އިހުސާސްކުރެވޭ ވަގުތުތައް އާދެއެވެ. އެހެނަސް، އެކަކު ވެސް އެ ކަމެއް ފާޅެއްނުކުރެއެވެ. ހިތުން ރޯލުމަށް ފަހު، ބޭރުފުށުން އުފާވެރިކަން ދައްކައިގެން ތިބެނީއެވެ. ސިއްރުން ހެއްދެވި ފަރާތަށް ދެންނެވުން ނޫން ކަމެއް ދެ މީހުން ކުރެ އެކަކު ވެސް ނުކުރެއެވެ.
"ހަލޯ! ޝަމާ، އިއްޔެ ލާފަ އޮތް ވީޑިއޯ ބެލިންތަ؟ ހިތަށްއަރާ މެސެޖުކޮށްލާފަ ބުނެފާނަމޭ ވީޑިއޯތައް ކަމުދާ ވާހަކަ." އެންމެ އެކުވެރި ޝަމާއަށް ގުޅައިލުމަށް ފަހު ނޫރާ ބުންޏެވެ.
"އާނ، ބަލައިފީމޭ. ވަރަށް ސަޅިދޯ! އެކަނިވެރިކަން ވަރަށް ރަނގަޅަށް ސިފަކޮށްދީފަ ހުރީ. ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ މި ކަހަލަ ވީޑިއޯތައް ކޮންމެ މީހަކު ވެސް އަޑުއަހާލުން ވަރަށް މުހިންމު އަސްލު. ކިހާ ހިތްހަމަޖެހުން ލިބޭ ދޯ؟" ޝަމާ އޭނާގެ ޚިޔާލު ފާޅުކޮށްލިއެވެ.
"އަސްލު ވެސް. ދިރިއުޅުމުގަ ބޮޑެތި ވޭންތަކާ ތަކުލީފުތައް އުފުލަމުންދާ އެތައް ބަޔަކު އެބަތިބި. އެ މީހުންނަށް ޓަކާ ކޮށްދެވޭ ވަރަށް މުހިންމު މަސައްކަތެއް އަސްލު އެއީ." ޝަމާއާ އެއްބަސްވަމުން ނޫރާ ބުނެލިއެވެ.
"ތިއެއް ނޫނޭ! ތީނަ ތިހެން މެސެޖުކުރަންކުރަން ހުއްޓާ މަ އިއްޔެ މެސެޖުކޮށްލާފަ ބުނެފިން ވަރަށް ރީއްޗޭ ވީޑިއޯތައް. ވަރަށް ކަމުދެޔޭ، ކުރިއަށް ގެންދާށޭ." ޝަމާ ފޮނިވެލައިފައި ބުންޏެވެ.
"އޭ ދޮގުނުހަދާ! ގަދަ މީހެއް މީ ހުވާ، ކީކޭ އޭނަ ބުނީ؟" ހިތްއަވަސްވެފައި ނޫރާ އަހައިލިއެވެ.
"މާ ބޮޑު އެއްޗެއް ނުބުނޭ، ޝުކުރިއްޔާއޭ ބުނީ." ޝަމާ ބުންޏެވެ.
"އޭ އޯކޭ، ދެން ބާއްވަނީ ޒާހިން އަންނަންވާއިރަށް ކައްކަން ވެސް ޖެހޭނެ." ގަޑިއަށް ބަލައިލަމުން ނޫރާ ބުންޏެވެ.
ފޯނު ބޭއްވުމަށް ފަހު، ނޫރާ ޓިކްޓޮކް ހުޅުވައިލިއެވެ. އަދި ބުނެދޭ މިތުރަށް މެސެޖުކޮށްލިއެވެ. ވީޑިއޯތައް ކަމުދާ ވާހަކައާއި، ވީޑިއޯތަކުން ވަރަށް ރަނގަޅު މައުލޫމާތުތަކެއް ލިބޭ ވާހަކަ ބުނެފިއެވެ. އަދި ހިތްހަމަޖެހުން ލިބި އަމިއްލަ ނަފުސަށް އިތުބާރުކުރަން ދަސްވާ ވާހަކަ ވެސް ބުނެފިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެ އެކައުންޓުން ވެސް ޖަވާބު އައެވެ. ހެޔޮބަސްތަކަށް ޝުކުރު އަދާކޮށްފައެވެ. އެ ދުވަހަށް ފަހު، އެ އެކައުންޓުން ލާ ކޮންމެ ވީޑިއޯއެއް ބެލުމަށް ފަހު ނޫރާ މެސެޖުކުރެއެވެ. ވީޑިއޯގެ މޮޅުކަމުގެ ވާހަކައެވެ. ދައްކާ ވާހަކައާ ވީޑިއޯއާ ގުޅޭ ވާހަކައެވެ. ލަފުޒުތައް ކިޔާ ގޮތް ރީތިވެފައި ސާފު ވާހަކައެވެ. އަޑު ވެސް ހިތްގައިމުވެފައި ރީތި ވާހަކައެވެ. ނޫރާގެ މިއިން ކޮންމެ މެސެޖަކަށް އެ ކޮޅުން ވެސް ބަރާބަރަށް ޖަވާބު އާދެއެވެ. ހަފުތާއެއްހައި ދުވަސް ވީއިރު، އެކަކު އަނެކަކާ ސަމާސާ ބަސްތައް ރައްދުކުރަން ފަށައިފިއެވެ. ދެ މީހުންގެ އަމިއްލަ ވާހަކަ ވެސް މަޑުމަޑުން ހިއްސާކުރަން ފަށައިފިއެވެ. އެ އެކައުންޓުން ވާހަކަދައްކާ ފަރާތް ވީ، ނޫރާ ދައްކާ ވާހަކަތައް ކަނުލައި އަޑުއަހާ ފަރާތަކަށެވެ. ހިތްހަމަޖެހޭ ގޮތަށް ބަސްބުނާ މީހަކަށެވެ. ހިތްވަރުދޭ މިތުރަކަށެވެ. ނޫރާއަށް އެ ހުރިހައި ކަމެއް ވަރަށް ކަމުދިޔައެވެ.
ނޫރާގެ ކަންތައްތައް މިހެން ހުރި ނަމަވެސް، ޒާހިންއަށް ކޮށްދޭން ޖެހޭ އެއްވެސް ކަމަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. އެ ކަމުން، ދެ މީހުންގެ ގުޅުމަށް ހިޔަންޏެއް އެޅުނަކަ ނޫރާ ނުދެއެވެ. އެއަށް ވުރެ އޭނާ ހުޝިޔާރެވެ. ފޯނަކީ ހަމައެކަނި ޒާހިން ގޭގައި ނޫޅޭ ގަޑީގެ އެކުވެރިއެކެވެ. ޒާހިން ގެއަށް އައުމަށް ފަހު އޭނާގެ ހުރިހައި ވަގުތެއް ހުސްކުރަނީ ޒާހިންއަށެވެ. ޒާހިންގެ ޚިދުމަތުގައެވެ. ޒާހިން ވެސް އިހުނަށް ވުރެ ނޫރާއަށް އަޅައިލާ ލޯބިދޭކަމުގެ އިހުސާސް ނޫރާއަށް ކުރެވެއެވެ. ނޫރާގެ ހުރިހައި ކަމަކަށް މާ ބޮޑަށް ސަމާލުކަން ދޭހެން ވެސް ހީވެއެވެ.
އާދައިގެ މަތިން، މިއަދު ވެސް ނޫރާ، ބުނެދޭ މިތުރަށް މެސެޖުކުރަމުން ދިޔައެވެ. އެކަކު އަނެކަކުގެ ހާލުއަހުވާލު އޮޅުންފިލުވިއެވެ. ދިރިއުޅުމުގެ އެކިއެކި ވާހަކަދެއްކިއެވެ. ދުނިޔަވީ ކަންކަމާ މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރަމުން ގެންދިޔައެވެ. އާ ވީޑިއޯ ހަދާނެ ކަންކަމާ ގުޅޭ ގޮތުން މަޝަވަރާކުރިއެވެ. ވީޑިއޯތައް އިތުރަށް ފުރިހަމަކުރުމަށް ޓަކައި ހިމެނިދާނެ ބައިތަކާ ގުޅޭ ގޮތުން ވާހަކަދެއްކިއެވެ. ދެ މީހުންގެ ވާހަކަތައް މިހައި ހިސާބަށް ދިއުމުން، ބައްދަލުވެލައި ކޮފީއަކަށް ދިއުމުގެ ދައުވަތު ނޫރާއަށް ލިބިއްޖެއެވެ. ނޫރާ ވެސް އުފަލުން އެ ދައުވަތު ގަބޫލުކުރިއެވެ. ބައްދަލުކުރާނެ ތަނަކާއި ދުވަހެއް ކަނޑައަޅައިފިއެވެ. އަންނަ މަހުގެ ރެއެއްގައި، ކާނިވާ ސަރަހައްދުން ބައްދަލުވުމަށް އެއްބަސްވިއެވެ.
އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ނޫރާ އިނީ ސިޓިންގރޫމުގައި ޓިއުޝަން ދޭށެވެ. ފަސް ވަރަކަށް ކުދިން މޭޒުދޮށުގައި ތިއްބެވެ. ފިލާވަޅު އޮޅުންފިލުވައިދިނުމަށް ފަހު މިއަދުގެ މަސައްކަތް ކުދިންނާ ހަވާލުކުރިއެވެ. އެއަށް ފަހު، ކޮޓަރިއަށް ވަނީ ފާޚާނާއަށް ވަދެލުމުގެ ބޭނުމުގައެވެ. ފާޚާނާގެ ދޮރާ ހަމައަށް ނުދެވެނީސް، ބޮލަށް އެނބުރުން އަރައިފިއެވެ. ފާރުގައި ހިފެހެއްޓުނީ ކިރިޔާއެވެ. ކުޑަވަގުތުކޮޅަކު ހުރެލުމަށް ފަހު، ފާޚާނާއަށް ވަދެފައި އައިސް އެނދުގައި އޮށޯވެލިއެވެ. ބޮލަށް އެރި އެނބުރުން ކުޑަކޮށް ރަނގަޅުވީހެން ހީވުމުން، މަޑުމަޑުން ތެދުވެގެން ބޭރަށް ދިޔައެވެ. އަދި ޓިއުޝަން ގަޑި ކުރުކޮށްލައި، ކުދިން ބަލައި އައުމަށް އެ ކުދިންގެ ބެލެނިވެރިންނަށް އެންގިއެވެ. ކުދިން ދިއުމުން ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ނިދައިލިއެވެ.
ޖެހިގެން އައި ދުވަހުގެ އިރުއޮއްސުނު ވަގުތެވެ. މިއަދު ވެސް ނޫރާ ހުރީ ކުޑަކޮށް ބޮލުގައި ރިހޭ ގޮތް ވެފައެވެ. ޒާހިން ގެއަށް އަންނަ ވާހަކަ ގުޅައިފައި ބުނުމުން، ވަރަށް ހިތްވަރުކޮށްފައި ތެދުވެ ކާންހަދައިފިއެވެ. އަދި ޒާހިންގެ އިންތިޒާރުގައި ސޯފާގައި އޮށޯވެލައިގެން އޮތެވެ. ޒާހިންއަށް ގެއަށް ވަދެވުމާ އެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ނިތްކުރިމަތީގައި އަތް ބާއްވައިގެން އޮތް ނޫރާއެވެ.
"ކިހިނެއްވެފަ ތި އޮތީ؟ އަނެއްކާ ބަލީތަ؟" ނޫރާއާ ދިމާއަށް ހިނގައިގަންނަމުން ޒާހިން އަހައިލިއެވެ.
"އާނ، ކުޑަކޮށް ބޮލަށް ބަރުވެފަ ހުންނަނީ. ހީވަނީ ތަންކޮޅެއް ލޭ ދަށްވީހެން. އިއްޔެ ވެސް ބޮލަށް އެނބުރުން އަރައިގެން ކުޑަކޮށް އަރިއަޅާލާ ގޮތްވި." ބޯމަތީގައި އޮތް އަތް ނަގައި ޒާހިންއަށް ބަލައިލަމުން ނޫރާ ބުނެލިއެވެ.
"ތެލެސީމިޔާ ކެރިއަރެއް ވީމަ ތަންކޮޅެއް ލޭ ދައްކޮށް ހުންނަ ވާހަކަ ޑޮކްޓަރު އޮންނަނީ ބުނެފައެއްނު؟ ލޭ ރަނގަޅުވާ ކަހަލަ އެއްޗެހި ނޫރާއަށް ކެވޭލެއް ތަންކޮޅެއް މަދީއޭ." ނޫރާގެ ބޮލުގައި ލޯތްބާ އެކު ފިރުމައިލަމުން ޒާހިން ބުނެލިއެވެ.
"އެކަހަލަ އެއްޗެހި ކެވޭތޯ އެބަ މަސައްކަތް ކުރަން. އަދިވެސް އިތުރަށް ހިތްވަރުކޮށްލަންވީ ދޯ." ޒާހިންގެ އަތުގައި ހިފައިލަމުން ނޫރާ ބުންޏެވެ.
"ހިނގާ ޑޮކްޓަރަށް ދައްކަން ދާން! ލޭ ހުރި ވަރެއް ބަލައިލަންވާނެއެއްނު؟ މާ ބޮޑަށް ލޭ ދަށްވެގެން ގޯހެއް ވެސް ވެދާނެ." އޯގާތެރިކަމާ އެކު ޒާހިން ބުންޏެވެ.
"ޑޮކްޓަރަށް ދައްކަން ދާނީ މާދަމާ. ހެނދުނު ގަޑީގަ ޝަމާއާ އެއްކޮށް ހިނގައިދާނަން. އެ ގަޑީގަ ދިޔައީމަ ތަންކޮޅެއް އަވަހަށް ނިމޭނެ. ދެން އާދޭ އަވަހަށް ހެދުން ބަދަލުކޮށްލައިގެން ކާން." ނޫރާ ބުންޏެވެ.
"ތި ގޮތް ވެސް އޯކޭ! އެކަމަކު ހަނދާންކޮށް ދާންވާނެ އިނގޭ! މި އަންނަނީ ހެދުންބަދަލުކޮށްލައިގެން." ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ޒާހިން ބުންޏެވެ.
އަނެއް ދުވަހުގެ ހެނދުނެވެ. ޒާހިން އޮފީހަށް ދިއުމުން ޝަމާއާ އެކު ނޫރާ ހޮސްޕިޓަލަށް ދިޔައެވެ. ނަންބަރު ޖެހުމުން ޑޮކްޓަރު ކޮޓަރިއަށް ވަނެވެ. ކުރިމަތިވާ އުނދަގޫތަކުގެ ވާހަކަ ކިޔައިދިނެވެ. ބޮލަށް އެނބުރުން އަރާތާ ހަފުތާއެއް ހައި ދުވަސް ވެއްޖެ ކަމަށާއި، ކުރިއަށް ވުރެ ގާތްގާތުގައި މިހާރު އެ މައްސަލަ ކުރިމަތިވާ ކަމަށް ވެސް ބުންޏެވެ. ޑޮކްޓަރު ބޭނުންވީ ލޭގެ ޓެސްޓުތަކެއް ހެދުމަށެވެ. ލެބޯޓަރީގައި މާ ބޮޑު ކިއުއެއް ނެތުމުން ލޭނެގުމުގެ ކަންކަން ވެސް ފަސޭހަކަމާ އެކު ނިމުނެވެ. ދެތިން ދުވަހުގެ ތެރޭގައި ރިޕޯޓު ލިބޭނެކަމަށް ލެބޯޓަރީން ބުންޏެވެ. ތިން ދުވަސް ފަހުން ޑޮކްޓަރަށް ދެއްކުމަށް ޓަކައި އެޕޮއިންޓުމަންޓެއް ހެއްދުމަށް ފަހު، ނޫރާއާއި ޝަމާ ހޮސްޕިޓަލުން ނިކުތް އިރު މެންދުރުވެއްޖެއެވެ. ރެސްޓޯރެންޓަކަށް ވަދެ، މެންދުރަށް ކައިގެން ގެއަށް ދިއުމުގެ ޚިޔާލު ޝަމާ ދިނެވެ. އެ ކަމާ ނޫރާ ވެސް އެއްބަސްވިއެވެ. ހޮސްޕިޓަލާ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ދެ މީހުން ވަނެވެ. އަދި ބުފޭއިން ކާން އަޅައިގެން އިށީނދެ ކާން ފެށިއެވެ. އެކިއެކި ކަންކަމާ ބެހޭ ގޮތުން ވާހަކަދައްކަމުން ގޮސް ބުނެދޭ މިތުރުގެ ވާހަކަ ފެށިއްޖެއެވެ.
"އޭ! ބުނެދޭ މިތުރާ ވަރަށް އަނގަތަޅަން އެބަ. ވަރަށް މަޖާ މީހެއް އެއީ. ވަރަށް ފޫހިފިލާ އެކަނިވެފަ ހުންނަ ގަޑީގަ ވާހަކަދައްކާލީމަ." މަޖާވެލައިފައި ނޫރާ ބުންޏެވެ.
"އެހެންތަ! އޭނަ އެ ވަރަށް އަނގަތަޅާތަ؟ ވީޑިއޯއެއް ރީއްޗޭ ކިޔާފަ އަހަރެން ކޮމެންޓެއް ކޮށްލިޔަސް އެންމެ ބޮޑުވަރަކަށް ބުނަނީ ޝުކުރިއްޔާއޭ. އޭގެ އިތުރަށް ކިތަންމެ މެސެޖެއް ކުރިޔަކަސް، ނުބުނޭ ހަމަ އެކައްޗެއް ވެސް. އެހެންވެގެން މެސެޖެއް ވެސް ކުރާކަށް ނުކެރޭ މިހާރަކު." ޝަމާ އޭނާގެ ތަޖުރިބާ ހިއްސާކޮށްލަމުން ބުންޏެވެ.
"އޯހ! ދެން ނޭނގެ، މަށަށް އެނގޭހާ ވެސް އެއްޗަކީ މަށާ ވަރަށް ގަދަޔަށް އަނގަތަޅާކަން. އޭނަ ވެސް އިސްވެ މިހާރު މަށަށް މެސެޖުކުރޭ." ނޫރާ ހިނިތުންވެލައިފައި ބުންޏެވެ.
"އަސްލުތަ؟ ތީނަ ރަނގަޅު. ވާހަކަތައް މާ މައްޗަށް ނުގެންދައްޗޭ! ރަނެއް މަލެއް ކަހަލަ ހެޔޮ ފިރިއެއް ލިބިފަ ހުރި މީހެއް ތީ. އެ ސޮރަށް ދެރައެއް ނުދޭތި ކޮންމެސް." ނަސޭހަތުގެ ރާގަށް ޝަމާ ބުންޏެވެ.
"ރަހުމަތްތެރިކަމުގެ ގޮތުން ވާހަކަދެއްކިދާނެއެއްނު؟ އަހަރެން މީހަކާ އިނދެގެން އުޅޭކަން އޭނައަށް އެނގޭނެ. އޭނަ މީހަކާ އިނދެގެން އުޅޭކަން އަހަންނަށް ވެސް އެނގޭ. އެހެންވީމަ މީގަ ނެތެއްނު ގޯހެއް." ނޫރާ އޭނާގެ ދިފާއުގައި ބުންޏެވެ.
"ރަނގަޅޭ! ތި ހުރިހާ ކަމެއް އެނގިހުރެ ވެސް އެބަހުއްޓޭ މަގުން ކައްސާލާފަ. ގޯހެއް ނުހިނގަނީސް އަވަހަށް ތި ކަން ހުއްޓާލަން މަށަށް ފެންނަނީ. ޒާހިންއަށް ތި ކަން އެނގިއްޖެއްޔާ، އޭނަ ވެސް ހިތްހަމަނުޖެހޭނެކަން ޔަގީން!" ޝަމާ އިތުރަށް ނޫރާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
"އޯކޭ! އޯކޭ! ކަމަނާ، ތި ކަމާ ވިސްނާނަން." ނޫރާ އަވަސްއަވަހަށް ބުނެލިއެވެ. ކައި ނިމިގެން ދެ މީހުން ގެއަށް ދިޔައީ ނަތީޖާ ލިބޭ ދުވަހު ޑޮކްޓަރަށް ދައްކަން އެކުގައި ދިއުމަށް އެއްބަސްވެފައެވެ.
"ވަރަށް ބޮޑަށް ތަހުނިޔާ ނޫރާ. ޓެސްޓުން ދައްކަނީ ނޫރާ ބަނޑުބޮޑުކަމަށް." އުފާވެރި ޚަބަރު ދެމުން ޑޮކްޓަރު ބުންޏެވެ.
އެ ވާހަކަ އިވުމުން ނޫރާއަށް ފުރަތަމަ ވެސް މާތް ﷲއަށް ޙަމްދުކުރެވުނެވެ. އުފަލުން ގޮސް މަލެއްހެން ފޮޅުނެވެ. އަނގައިގެ ހުރިހައި ދަތެއް ފެންނަ ވަރަށް ހެވުނެވެ. ދުނިޔޭގައި މި ވަގުތު ހުރި އެންމެ އުފާވެރި މީހަކީ ނޫރާކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. ޝަމާ ގައިގައި ވެސް ރޮއިގަނެފައި އޮޅުލައިގަނެވުނެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ވަރަށް މީހާ ހުރީ އުފާވެފައެވެ.
އެއް މަސް ދުވަހަށް ވާ ވަރަށް ޑޮކްޓަރު ބޭސް ލިޔެދިނެވެ. ގަވާއިދުން ބޭސް ކެއުމަށާއި ފައިދާ ހުރި ރަނގަޅު ކާނާ ކެއުމަށް އިރުޝާދުދިނެވެ. ނިދި ހަމަކުރުމަށާއި، ވީ ވަރަކުން ހެލިފެލިވެ އުޅުމަށް ވެސް ނަސޭހަތްތެރިވިއެވެ. އަދި ބުނެފައިވާ ދުވަސްތަކުގައި ޑޮކްޓަރަށް ދައްކަން އައުމަށް ސަމާލުކަން ދިނުމަށް ވެސް ބުންޏެވެ.
"އަލްޙަމްދުލިﷲ ވަރަށް އުފާވެއްޖެ. އަވަހަށް ޒާހިންއަށް ގުޅާފަ ތި އުފާވެރި ޚަބަރު ދޭންވީނު؟" ޑޮކްޓަރު ކޮޓަރިން ނިކުމެ، ޝަމާ ޚިޔާލެއް ދިނެވެ.
"އަހަރެން ހިތަށް މި އަރަނީ ކައިވެނީގެ އަހަރީ ދުވަހު "ސަޕްރައިޒް"އެކޭ ދޭނީ. އަންނަ ހަފުތާގެ ބުރާސްފަތި ދުވަސް އެ ދުވަހަކީ އެހެންވީމަ ދެން ނެތެންނު މާ ގިނަ ދުވަހެއް ވެސް؟" ނޫރާ އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ.
"އާނ! ތީ ވަރަށް ފައްކާ ކަމެއް. އެކަމަކު ޒާހިން އަހާނެއެއްނު ރިޕޯޓުތަކުގެ ވާހަކަ ވެސް. ކީކޭ ބުނާނީ؟" ޝަމާ އަހައިލިއެވެ.
"ބުނާނަން ކުޑަކޮށް ލޭ ދަށްވެފައޭ ހުރީ. ރަނގަޅު އެއްޗެހި ކާން ބުނި ވާހަކަ ބުނާނީ." ނޫރާ އޭނާ ރާވައިފައިވާ ގޮތް ބުނެލިއެވެ.
ޓެސްޓުގެ ނަތީޖާ ލިބުނު ދުވަހުން ފެށިގެން، ބުނެދޭ މިތުރަށް މެސެޖުކުރުން ނޫރާ ހުއްޓައިލިއެވެ. އެ ކޮޅުން ކިތަންމެ ގިނަ މެސެޖެއް އައި ނަމަވެސް، އެ ކަމަކަށް ސަމާލުކަމެއް ނުދެއެވެ. އެފަދަ ބޮޑު ނިޢުމަތެއް މާތްﷲ މިންވަރުކުރެއްވި އިރު، މި ހުރެވުނީ ފާފައަކަށް އަރައިގަނެވިފައިކަމުގެ އިހުސާސް، އޭނާއަށް ފުރަތަމަ ފަހަރަށް ކުރެވުނެވެ. ލޯބިވާ ފިރިމީހާއަށް ބޭވަފާތެރިވެވެނީކަން އޭނާގެ ހިތް ގަބޫލުކުރިއެވެ. އެ ނުރަނގަޅު އަމަލާ ދުރަށް ދިއުމުގެ އަޒުމު އޭނާ ކަނޑައެޅިއެވެ. އެއީ ކުރެވުނު ބޮޑު ކުށެއް ކަމަށް ނިންމައި، ތައުބާވިއެވެ. ދުޢާކޮށް ޒިކުރުކުރުމުގައި ގިނަ ވަގުތު ހޭދަކުރަން ފަށައިފިއެވެ. ބަނޑުގައި ވާ ތުއްތު ފުރާނައަށް ޓަކައި އިސްލާހުވެ، މުޅިން އާ މީހަކަށް ބަދަލުވެއްޖެއެވެ.
ދުވަހަކީ ދެ މީހުންގެ ކައިވެނީގެ 7ވަނަ އަހަރީ ދުވަހެވެ. ނޫރާ ތައްޔާރުވަމުން ދިޔައީ ޒާހިން ގެއަށް އަންނަންވާ އިރަށް ގޭތެރެ ތައްޔާރުކުރުމަށެވެ. "އެކުގައި 7 އަހަރު" މިހެން ތާނަ އަކުރުން ކަފައި، ފާރުގައި ތަތްކުރިއެވެ. ރަންކުލައިގެ ވިދާ ކަރުދާހުން ފާރު ޒީނަތްތެރިކުރިއެވެ. ފޮށިގަނޑެއް ހޯދައި އޭގެ ތެރެއަށް ޓެސްޓުގެ ނަތީޖާ ކަރުދާސްކޮޅު ލިއެވެ. އެއާ އެކު ޒާހިންއަށް އެންމެ މީރުވަސްދުވާ ސެންޓުފުޅިއެއް ވެސް ލިއެވެ. ރީތި ކަރުދާހަކުން ޕާރުސަލުކޮށްލިއެވެ. ކޭކެއް ގަނެ އޭގައި އުއްބައްތި ޖެހިއެވެ. ޕިއްޒާ ވެސް ގެނައެވެ. ހަވީރު ޒާހިން ގެއަށް އަންނަންވާ އިރަށް، ފެންވަރައި ތާޒާވެލިއެވެ. ޒާހިންއަށް އެންމެ ރީތި ހެދުން ލައި، ކުޑަގޮތަކަށް މޭކަޕު ވެސް ކޮށްލިއެވެ.
ގަޑިން އިރުއޮއްސި ހަ ގަޑި ބައި ވަނިކޮށް ޒާހިން ގެއަށް އައެވެ. ދޮރުން ވަދެގެން އައި އިރު، ޒާހިން ހުރީ އެއް އަތް ފުރަގަހަށް ލައިގެންނެވެ. އެ އަތުގައި ޕާރުސަލެއް އޮތެވެ. ނޫރާ ދުވެފައި ގޮސް ޒާހިން ގައިގައި ބައްދައިލިއެވެ. އަދި ޒާހިންގެ ކޮލަށް ބޮސްދިނުމަށް ފަހު، އުފާވެރި ކައިވެނީގެ އަހަރީ ދުވަހަކަށް އެދޭ ކަމަށް ބުންޏެވެ. ޒާހިން ވެސް ނޫރާގެ ކަންފަތްދޮށުގައި ދުވަހުގެ ތަހުނިޔާ ކިޔެވެ. އަދި ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. ކޮށްފައިވާ ތައްޔާރީތަކަށް ވަކިވަކިން ބަލައިލިއެވެ. އިންތިޒާމުތަކުގެ ފުރިހަމަކަށް ތައުރީފުކުރިއެވެ.
"ހިނގާ އަވަހަށް ކޭކުފަޅަން!" ނޫރާ އުފަލުން ބުނެލިއެވެ.
"ކޭކު ފަޅާނީ އަދި ފަހުން، އިހަށް މި ކަނޑާލަބަލަ!" ޒާހިން އަތުގައި އޮތް ޕާރުސަލް ދިއްކޮށްލަމުން ބުނެލިއެވެ.
ނޫރާ އުފަލުން ހުރެ ޕާރުސަލުގައި ހިފައިފިއެވެ. އެއީ އެހައި ބަރު ފޮއްޓެއް ނޫނެވެ. އެތެރޭގައި ހުރީ ކޮން އެއްޗެއްކަން ބެލުމަށް ނޫރާ ޝައުގުވެރިވެއްޖެއެވެ. އަވަސްއަވަހަށް ފޮށީގެ ބޭރުގައި ލައިފައިވާ ކަރުދާސްގަނޑު ކަނޑަން ފަށައިފިއެވެ. ކަރުދާސްގަނޑު ނެއްޓުމާ އެކު ނޫރާ އަވަސްވީ ފޮށިގަނޑުގެ އެތެރޭގައި ވާ އެއްޗެއް ދެނެގަތުމަށެވެ. ޒާހިން ވެސް ނޫރާ ޕާރުސަލު ކަނޑާ ތަން ބަލަން ހެވިފައި ހުއްޓެވެ. ފޮށިގަނޑު ކަނޑައިލި އިރު، އެތެރޭގައި ހުރީ އޭފޯ ކަރުދާސްތަކެކެވެ. އެހެން އެއްވެސް އެއްޗެއް އެޔަކުން ނުފެނުނެވެ. މީ ކޮން އެއްޗެއްހޭ ބުނާ ގޮތަށް ޒާހިންއާ ދިމާއަށް ނޫރާ ބަލައިލިއެވެ. ޒާހިންގެ އަތުން ކުރިއަށް ގެންދާށޭ ބުނާ ގޮތަށް އިޝާރާތްކޮށްލިއެވެ. އެއީ ކޮން އެއްޗެއް ބާއޭ ހިތަށްއަރައި ކަރުދާސްތައް ނަގައި ބަލަން ފަށައިފިއެވެ.
އޭގައިވާ އެއްޗެއް ފެނުމުން ނޫރާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނޫރާއަށް ހީވީ ބޮލަށް އެ އިމާރާތް ފުނޑުފުނޑުވެގެން ފޭބި ހެންނެވެ. ފައި ދަށުގައި ހުރި ޓައިލްސްތައް ކުނޑިކުޑިވެގެން ދިޔަ ހެންނެވެ. މޭގައިވާ ހިތް ފިތޭހެން ހީވިއެވެ. ނޭވާ ކުރުވިއެވެ. އަތްފައި ފިނިވިއެވެ. މީހާ އެއްކޮށް ތުރުތުރުއަޅަން ފެށިއެވެ. މުޅި ދުނިޔެ އެނބުރެން ފެށި ކަހަލައެވެ. އޭގައި ހުރީ ބުނެދޭ މިތުރާ އޭނާއާ ދެމެދު ދައްކައިފައިވާ ވާހަކަތަކެވެ. އެންމެ މެސެޖެއް ވެސް އުނިނުކޮށް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، އެންމެ ފަހުން ވާހަކަދެއްކި ދުވަހާ ހަމައަށް ދެ މީހުން ދައްކައިފައިވާ ވާހަކަތައް އެ ކަރުދާސްތަކުގައި ހުއްޓެވެ. ކުށްވެރިއަކު އޭނާގެ ކުށުގެ ރެކޯޑު ހިފައިގެން ހުރި ފަދައިން ނޫރާ ވެސް ހުރީ އޭނާގެ ކުށުގެ ރެކޯޑު ހިފައިގެންނެވެ. ޒާހިންއާ ދިމާއަށް ހަތަރުކަޅި ވެސް ހަމަކުރަން ނުކެރިފައެވެ.
"ތި..ތީ.. ކުރެވުނު ވަރަށް ބޮޑު ކުށެއްކަން އަހަރެން ގަބޫލުކުރަން. ޒާ..ޒާހިން އަހަންނަށް މާފުކުރޭ! އަހަރެން ތި ހުރިހާ ވާހަކައެއް ޒާހިންއަށް ކިޔައިދޭނަން." ޒާހިންއާ ދިމާއަށް ހިނގައިގަންނަމުން ރޮވިފައިވާ އަޑަކުން ނޫރާ ބުންޏެވެ.
"އަހަރެންނަށް އިތުރަކަށް ކިޔައިދޭނެކަމެއް ނެތް. ހުރިހާ އެއްޗެއް ތިހިރީ ފެންނާކަށްނު؟ ގޮތް ނޭނގޭ މީހުންނާ ވާހަކަދައްކާ، ސަކަރާތްޖަހާ، ޒާތީ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރާހާ ދަށުދަރަޖައަށް ނޫރާ ހިނގައިދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން." ޒާހިންގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު ހުއްޓެވެ.
"ޒާ..ޒާހިން ޕްލީޒް.. އަހަރެން މިހާރު ތައުބާ ވެސް ވެއްޖައިން. ފާފަފުއްސެވުމަށް އެދި އެތައް ފަހަރަކު އެ ކަލާނގެއަށް އެބަ ދަންނަވަން. ހެޔޮނުވާނެ އެއް ފަހަރެއް ކަމަށް މާފުކޮށްދީ! ޕްލީޒް!" އާދޭހުގެ ރާގަށް ނޫރާ ބުންޏެވެ.
"އަހަރެން ނޫރާއަށް މާފުކުރިޔަސް އެ ކަން އެއީ ނުވާކަމަކަށް ހެދޭނެތަ؟ ނޫރާއަށް އެނގޭތަ ކާކާކަން ތި ވާހަކަދެއްކުނީ؟ އެއީ އަހަރެން އޮފީހުގެ މަސައްކަތެއްގެ ގޮތުން ހަދާފަ އޮތް އެކައުންޓެއް. އަހަރެން ހަދާފަ ހުރި ވީޑިއޯތަކެއް އެއީ. އަހަރެންގެ އަމިއްލަ އަޑު ހިމަނަން ބޭނުންނުވާތީ އެޑިޓްކޮށްފަ އަޑު އެ ހުރީ. އެ އެކައުންޓުން ނޫރާއާ ވާހަކަދެއްކީ އަހަރެން. އެ އެކައުންޓުގެ ވާހަކަ ވެސް ސަޕްރައިޒެއް ގޮތަށް ކައިވެނީގެ އަހަރީ ރޭ ބުނަން މާ ކުރިން ވެސް ރާވައިގެން ހުރީ." އެ އެކައުންޓުގެ ހަގީގަތް ޒާހިން ކިޔައިދިނެވެ.
ނޫރާގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ހައިރާންކަމާ އެކު ޒާހިންއާ ދިމާއަށް ބަލައިލެވުނެވެ. އިތުރަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގި ކަރުއެލުނެވެ.
"ނޫރާއަށް އަހަރެން ކޮން ކަމެއް ފުރިހަމަނުކޮށްދީ އޮވެގެންތަ؟ އަހަރެން ގޯހީތަ؟ ކުއްޖަކު ނުލިބުން އެއީ އެއްވެސް މީހެއްގެ ކުށެއް ނޫނެއްނު؟ ބުނެބަލަ! ނޫރާ ބޭނުމިއްޔާ ނޫރާގެ ހަޔާތުން އަހަރެން..." ޒާހިންއަށް ޖުމުލަ ފުރިހަމަނުކުރެވެނީސް އަޑުބެދިއްޖެއެވެ.
"ޒާހިން ހެޔޮނުވާނެ، އާދޭސްކޮށްފަ ބުނަން އަހަންނަށް މާފުކޮށްދީ! އަހަރެމެންނަށް ލިބެން އުޅޭ ތުއްތު ދަރިފުޅަށް ޓަކާ ވެސް މާފުކޮށްދީ! އަހަރެން މީނީ ޒާހިންގެ ދަރިއަކަށް ބަލިވެ. އެ ޕާރުސަލު ތެރޭގަ އޮންނާނެ ޓެސްޓުގެ ނަތީޖާ." ނޫރާއަށް ގިސްލެވެން ފަށައިފިއެވެ.
ނޫރާގެ ޖުމުލައިން ޒާހިން ދިޔައީ ސިއްސައިގެންނެވެ. ބޭއިޚްތިޔާރުގައި ނޫރާއާ ގާތަށް ޖެހިލެވުނެވެ. އަނެއް ހިނދުކޮޅުގައި ދުވެފައި ގޮސް ޕާރުސަލު ނެގިއެވެ. މޮޔައަކު ފަދައިން ފާރުސަލު ކަނޑަން ފެށިއެވެ. އޭގައި ވާ ރިޕޯޓު ނަގައި ބަލައިލިއެވެ. ރިޕޯޓަށް ބޮސްދިނެވެ. އެތައް ފަހަރަކު ބޮސްދިނެވެ. ދުވެފައި ގޮސް ނޫރާގެ ގައިގައި އޮޅުލައިގަތެވެ. ދެ މީހުންގެ ދެމެދަށް ހިންޏަކަށް ވެސް ވަދެވޭނެ ޖާގައެއް ނެތެވެ. ދެ ހަށިގަނޑު ހީވަނީ އެއް ހަށިގަނޑެއް ހެންނެވެ. ނޫރާގެ ނިތްކުރިން ފެށިގެން ގޮސް، މޫނުގެ ހުރިހައި ތަނަކަށް ވަކިވަކިން ޒާހިން ބޮސްދިނެވެ. އެކަކު އަނެކަކުގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެތައް ދުވަހަކު ވަކިން އުޅެފައި ބައްދަލުވީ ދެ ލޯބިވެރީން ފަދައިންނެވެ. ދެ މީހުން ވެސް ގިސްލަ ގިސްލައިފައި ރޮނީއެވެ. އެ ކަރުނައިގައި ވަނީ އުފަލާއި ހިތާމައެވެ. ލޯތްބާއި ކުލުނެވެ.
"ވާހަކަދެއްކުން ހުއްޓާލީމަ، ނޫރާއަށް ކޮންމެސް ބަދަލެއް އަތުވެއްޖެކަން ފާހަގަވި. ކޮންމެސް ވަރަކަށް ހިތަށް ހަމަޖެހުން ވެސް ލިބުނު. އެކަމަކު ވެސް ނޫރާއަށް އެ ހެދުނީ ގޯހެއްކަން އަހަރެން ބޭނުންވީ ނޫރާއަށް އަންގަން. އެފަދަ ކަމެއް ދުވަހަކު ވެސް ދެން ނުކުރާނެ ކަމަށް އުންމީދުކުރަން. އަހަރެމެންނަށް ލިބެން އުޅޭ ދަރިފުޅަށްޓަކާ ހިތުގެ އަޑިން ނޫރާއަށް މާފުކޮށްފިން." ނޫރާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެދެމުން ޒާހިން ބުންޏެވެ.
ގަދަކަމުން ކަހަލަ ގޮތަކަށް ނޫރާ ހިނިތުންވެލިއެވެ. ޒާހިން އޭނާއަށް މާފުކުރީތީ އުފާކުރިއެވެ. ދެވަނަ ފުރުސަތެއް ދިނީތީ ހާސްފަށުން ޝުކުރުކުރިއެވެ. ވުޟޫކޮށްލައިގެން އައިސް ދެ މީހުން އެކުގައި ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. އަންނާން އޮތް ދުވަސްތަކުގެ ބާއްޖަވެރިކަމާއި އުފާވެރިކަމަށް އެދި ދުޢާކުރިއެވެ. އެ ރޭގެ ބާކީ ބައި ހޭދަވެގެން ދިޔައީ އާކައިވެނީގެ ފުރަތަމަ ރެޔެއް ފަދައިންނެވެ. އެކަކު އަނެކަކަށް ލޯބީގެ ރީތި ނަޣުމާތައް އިއްވައިދިނުމުގައެވެ. ރީތި ބަސްތަކުން އެކަކު އަނެކަކުގެ ހިތްއުފާކޮށްދިނުމުގައެވެ. އެންމެ ފަހު ނޭވާއާ ހަމައަށް ވެސް އެކުގައި ދެމިތިބުމަށް ވައުދާއި އަހުދުވުމުގައެވެ. މުސްތަގުބަލާ މެދު ކުރާ އުންމީދުތައް އެކަކު އަނެކަކާ ހިއްސާކުރުމުގައެވެ. ހަޔާތުގެ މުޅިން އާ ބާބެއް ފެށުނު ފަދަ އިހުސާސެއް ދެ މީހުންނަށް ވެސް ކުރެވެމުން ދިޔައެވެ. ކަޅުކަމާއި ބަނަކަމުން ފެށުނު އެ ރޭ، ނިމިގެން ދިޔައީ އުޖާލާ ފަތިހަކަށް އަލިވިލުމަށް ތަންދެމުންނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް، ނޫރާ ވިހާ ދުވަސް ގާތްވެއްޖެއެވެ. އެ ދުވަހަށް ޓަކައި ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް ނޫރާއާއި ޒާހީން ވަމުން ދިޔައެވެ. ކޮޓަރީގެ އެއް ފާރުގައި ކުޑަކުދިންނާ ގުޅޭ ކަހަލަ ކުރެހުމެއް ކުރަހައި ރީތިކޮށްލިއެވެ. ތުއްތުކުދިންނަށް ޚާއްސަ ސާމާނުތައް ގަނެ ހަމަކުރިއެވެ. ކުދި ހެދުންކޮޅުތަކާއި ރުމާކޮޅުތައް ވެސް ދޮވެ އިސްތިރިކުރިއެވެ.
"އުނަގަނޑުގަ ރިއްސާތަ މިރޭ ވެސް؟" ގާތުގައި އޮށޯވެލައިގެން އޮތް، ނޫރާގެ އުނަގަނޑުގައި ފިރުމައިލަމުން އޯގާތެރިކަމާ އެކު ޒާހިން އަހައިލިއެވެ.
"ނޫނޭ، މިރޭ ތަންކޮޅެއް ރަނގަޅު. ދެން ވިހަން ވަންދެން ވެސް ދާނީ މިކަހަލަ ގޮތަކަށްހެން ހީވަނީ." ފުން ނޭވާއެއް ދޫކޮށްލަމުން ނޫރާ ބުނެލިއެވެ.
"ތި ހާލުގަ އުޅެމުން ގޭތެރޭގެ އެއްވެސް ކަމަކާ ނޫރާ ވިސްނާނެ ކަމެއް ނެތް. އަހަރެން ހުރިހާ ކަމެއް ވެސް އެބަ ކޮށްދެމެއްނު؟ އިންޝާﷲ ދެން ވެސް ކޮށްދޭނަން. އެހެން ނޫނަސް ޝަމާ ވެސް އޮފީސް ގަޑި ނޫނިއްޔާ މުޅިންހެން އައިސް މި ގޭގަ ނޫރާއަށް އެހީތެރިވާކަށްނު އެ އުޅެނީ، ނޫރާ ބަލާ ރަނގަޅަށް ގަޑިންގަޑިއަށް ކައިގެން ރެސްޓުކުރެވޭތޯ އިނގޭ!" ނޫރާގެ ނިތްކުރިއަށް ބޮސްދެމުން ޒާހިން ބުންޏެވެ.
"ވަރަށް ލޯބިވޭ! ތިކަހަލަ ހެޔޮ ފިރިއެއް ދެއްވި ކަމަށްޓަކާ ﷲށް ޙަމްދުކުރަން." ޒާހިންއާ ބޮޑަށް ގާތްވެލަމުން ނޫރާ ބުނެލިއެވެ.
"މިހާރު ދެން ހަމަ ވަރަށް ކެތްމަދުވެފަ މި ހުންނަނީ." ނޫރާގެ ބަނޑުގައި ފިރުމައިލަމުން ޒާހިން ބުންޏެވެ.
"ދެން ވީހާ ދުވަހެއް ނުވާނެ، ކެތްކޮށްލާ ދެން އޮތީ ހަމަ އެންމެ މަހެއް އިންޝާﷲ." ޒާހިންގެ މޫނާ މޫނު ކައިރިކޮށްލަމުން ނޫރާ ބުންޏެވެ.
"ނޫރާގެ އެހީތެރިޔާ!.." އޮޕަރޭޝަން ތިއޭޓަރުގެ ދޮރުމަތީގައި، ތުއްތު ދެ ކުދިން ގޮވައިގެން ތިބި ދެ ނަރުސްކުދިންގެ ތެރެއިން އެއް ކުއްޖަކު ގޮވައިލިއެވެ.
"މިހިރީ... އަޅުގަނޑު!..." ސިހިފައި ކަހަލަ ގޮތަކަށް ގޮނޑިން ތެދުވެ ނަރުސްކުއްޖާއާ ދިމާއަށް ހިނގައިގަންނަމުން ޒާހިން ބުންޏެވެ. ޒާހިންގެ ފަހަތުން ޝަމާ ވެސް އަވަސްއަވަހަށް ދިޔައެވެ.
"މި އޮތީ ނޫރާގެ ދެ ބޭބީ!، ނޫރާގެ ހާލުވެސް ރަނގަޅު، އިރުކޮޅަކުން ނެރޭނެ." ޒާހިންގެ އަތަށް އެއް ކުއްޖަކު ދިއްކޮށްލަމުން ނަރުސްކުއްޖާ ބުންޏެވެ. އަނެއް ކުއްޖާ އުރައިލުމަށް ޝަމާ އަތްދިއްކޮށްލިއެވެ.
ދަރިފުޅު އުރައިލައި، ޒާހިންގެ ގަޔާލައި ބޮނޑިކޮށްލިއެވެ. އެ ވަގުތު ޒާހިންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރައިލިއެވެ. އެތަކެއް އަހަރެއްގެ ދިގު އިންތިޒާރުގެ ނިމުން އައީއެވެ. ހީވެސް ނުކުރާ ހައި އުފާވެރި ގޮތެއްގައެވެ. ދެ ވައްތަރުގެ ދެ ކުދިން ލިބުނީއެވެ. ޒާހިންއާއި ނޫރާގެ ހަޔާތަށް ދެ އީދު އެއްފަހަރާ އައި ކަހަލައެވެ. ލޯތްބާއި ކުލުނުން ފުރިގެންވާ ބެލުމަކުން ދަރިފުޅުގެ މޫނަށް ޒާހިން ބަލައިލިއެވެ. ޝަމާގެ އަތުގައި އޮތް އަނެއް ދަރިފުޅުގެ ގައިގައި ވެސް މަޑުމަޑުން ފިރުމައިލިއެވެ. ޒާހިންގެ ހިތަށް އަރައި ފައިބަމުންދަނީ ބަޔާންނުކުރެވޭ ހައި އުފާވެރި ޝުއޫރުތަކެކެވެ. ޝަމާ ވެސް ހުރީ ނުހަނު އުފާވެފައެވެ. ޒާހިންއާ ނޫރާއަށް ލިބުނު އެ އުފަލުގައި ޝަމާ ވެސް ބައިވެރިވިއެވެ. ހެޔޮހިތުން މަރުހަބާ ކިޔެވެ. ރާއްޖެއިން ބޭރުގައި ތިބި އާއިލާގެ މީހުންނަށް ޒާހިން ގުޅިއެވެ. ލޯބިލޯބި ދެ ކުދިންގެ ބައްޕައަކަށް ވީ ކަމުގެ އުފާވެރި ޚަބަރު ދިނެވެ.
"ކޮބާ ފޮޓޯނަގަން ދާން ޖެހޭ ގަޑި ކައިރިވަނީއެއްނު ތައްޔާރުވީތަ؟ ނޫރިންއާ ނޫރާންއާ ކޮބާ؟" ބުނެދޭ މިތުރުގެ މެސެޖެއް އައެވެ.
"މަގޭ ބުނެދޭ މިތުރާ! މިއޮތް އުޅެނީ ދެ ކުދިން. މަޖާވެފަ ދުވަނީ. އަހަރެމެން ތައްޔާރުވެއްޖައިން، އަވަހަށް އާދޭ އިނގޭ!" ނޫރާ އުފާވެފައި ބުންޏެވެ.
- ނިމުނީ -