ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ސެމީ ފައިނަލަށް ސިފައިންގެ ކުލަބު (ޑީއެސްސީ) ދަތުރުކޮށްފިއެވެ.
މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު، މި މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓޭޕްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް އޭގައި ހިމެނޭ މީރާ އާއި އެވިއާ މޯލްޑިވްސްއެވެ. މި މެޗު ފަސް ވިކެޓުން ކާމިޔާބުކުރީ އެވިއާ މޯލްޑިވްސްއިންނެވެ.
މި މެޗުގެ ގުރުދިމާވުމުން މީރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 119 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 32 ލަނޑު ހެދި މުޙައްމަދު ޖިނާހު އިބްރާހީމެވެ. ޖަވާބުގައި އެވިއާ މޯލްޑިވްސް ކުޅެން އަރައި 7.4 އޯވަރުގެ ތެރޭގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 123 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 34 ލަނޑު އެއްކުރި ޝިއުސް ފަރީދެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން ހަފްލާން ވަނީ ހަތް ވިކެޓުން ސިފައިންގެ ކުލަބު ބަލިކޮށްފައެވެ.
މި މެޗުގެ ގުރުދިމާވުމުން ސިފައިންގެ ކުލަބު އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 97 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަތް ބޯޅައިން 23 ލަނޑު ހެދި މުޙައްމަދު ޝަރީފެވެ. ޖަވާބުގައި ހަފްލާން ކުޅެން އަރައި 4.1 އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 98 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 13 ބޯޅައިން 34 ލަނޑު އެއްކުރި އިސްމާޢީލް އަލީއެވެ.
މި މެޗުން ބަލިވި ނަމަވެސް ސިފައިންގެ ކުލަބަށް ސެމީގެ ޖާގައެއް ލިބިގެންދިޔައިރު، މި ގްރޫޕުގައި ހިމެނޭ ތިން ޓީމު ކަމަށްވާ ސިފައިންގެ ކުލަބާއި، ހަފްލާން އަދި އެވިއާއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އެކަމަކު ސިފައިންގެ ކުލަބަށް ގްރޫޕުގެ އެއްވަނަ ލިބުނީ ނެގި ވިކެޓު ގިނަވުމުންނެވެ.