ޚަބަރު

ތާރީޚަށް ސީޒަން ފެށޭނެ، އެފްއޭއެމް އާއި ކުލަބުތަކުގެ ތައްޔާރީތައް ކުރިއަށް


ފުޓްބޯޅަ ސީޒަން ފެށުމަށް ވާންޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށާއި، މިހާރު ހަމަޖައްސާފައި އޮތް ގޮތަށް އަދި ބަދަލެއް ނާންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ. އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު "ޕީއެސްއެމް ނިއުސް" އަށް ވިދާޅުވީ ކުލަބުތަކުން ވަރަށް ފޯރީގައި ފަރިތަކުރުންތައް ފަށައި، ކޯޗުން ހަމަޖައްސާ އެކަންކަން އެފްއޭއެމްއާ ހިއްސާކުރަމުންދާ ކަމަށެވެ.

މި އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޗެރިޓީ ޝީލްޑް މެޗުން އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހެވެ. އަދި އޭފްރީލް 10 ގައި ދިވެހި ޕްރިމިއަރ ލީގު ފަށާނެއެވެ. މިހާރު ކަލަންޑަރުގައިވާ ގޮތަށް ސީޒަން ހުޅުވޭނެ ކަމަށާއި، މިހާރު ރާވާފައިވާ ގޮތަށް ބޮޑު ބަދަލެއް ނާންނާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.

ނިމިގެންދިޔަ އަހަރު ޕްރިމިއަރ ލީގު ބާއްވާފައި ނުވާއިރު، މި އަހަރުގެ ޕްރިމިއަރ ލީގު ފަށާނީ 10 ޓީމާއެކުގައެވެ. ޖޫން މަހުގެ އެއްވަނަ ދުވަހު ތިންވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް އަދި ޖުލައި މަހުގެ 12 ގައި އެފްއޭ ކަޕް ފަށާނެއެވެ. އަދި ޖުލައި މަހުގެ 18 ގައި ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފަށާއިރު، މި އަހަރު އެންމެ ފަހުން އޮންނާނީ އޮކްޓޫބަރު މަހުގެ 250 ގައި ބާއްވާ ޕްރެޒިޑެންޓްސް ކަޕެވެ. އެހެންނަމަވެސް މިދިޔަ ދެ ސީޒަންވެސް ފަށާފައިވަނީ ޕްރެޒިޑެންޓްސް ކަޕުންނެވެ.

އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން ރަސްމީ ފުޓްބޯޅައަށް ކުލަބުތަކުން ނިކުންނައިރު ފުރަތަމަ ޑިވިޝަނުގެ 10 ކުލަބަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ފަސް ލައްކަ ރުފިޔާ ދީފައެވެ. ފުޓްބޯޅަ ސީޒަން ނުފެށި ލަސްވެގެން ދިޔައީ ކުލަބުތަކަށް ލިބެންޖެހޭ ފައިސާ ނުލިބި، ކުޅުންތެރިންނަށް މުސާރަ ނުދެވި ކުލަބު ލައިސަންސިންގެ ކަންކަތައްތައްވެސް ފުރިހަމަ ނުވުމުންނެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުންތައް ފެށި ފުރަތަމަ ކުލަބަކީ މާޒިޔާ ސްޕޯޓްސްއެވެ. މާޒިޔާއިން ޖެނުއަރީން ފެށިގެން ފަރިތަކުރަމުން އަންނައިރު، އޮޑި ސްޕޯޓްސް ކުލަބާއި، ކުލަބު އީގަލްސް އާއި، ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި ކުލަބު ވެލެންސިއާއިން މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

ފުރަތަމަ ޑިވިޝަނުގައި ދެން ހިމެނޭ ކުލަބުތަކަކީ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސް އާއި، ސުޕަ ޔުނައިޑެޓް ސްޕޯޓްސް (ސަސް) އާއި، ބުރު ސްޕޯޓްސް ކުލަބު އަދި ޔުނައިޑެޓް ވިކްޓަރީ (ޔޫވީ) އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތް، އެފްއޭއެމް މި ވަގުތު ހިންގަމުންދަނީ ފީފާއިން އައްޔަނުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.