ކުޅިވަރު

ރަމަޟާން 7ވީ7 ލީގު: ޓީސީ އާއި ސޮކަރ ވެޓެރަންސް ދެވަނަ ބުރަށް


މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ ދެވަނަ ބުރަށް ޓީސީ ސްޕޯޓްސް ކުލަބާއި ސޮކަރ ވެޓެރަންސް އެސޯސިއޭޝަން ދަތުރުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ އާއި ތިންވަނަ އަދި ހަތަރުވަނަ ހޯދާ ޓީމުތައް ޕްލޭއޮފް ބުރެއް ކުޅެން ޖެހޭނެއެވެ. އެ ބުރުން މޮޅުވާ ޓީމުތަކަށް ދެވަނަ ބުރުގެ ފަހު ޖާގަތައް ލިބިގެންދާއިރު، ދެވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

ވެޓެރަންސް ކެޓެގަރީގެ ގްރޫޕް އޭގައި ހިމެނޭ ޓީސީން ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއެކުއެވެ. އެ ޓީމުން ވަނީ މިއަދު ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން މަޑިސްޓަރސް ބަލިކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގެ މާސްޓަރސް ކެޓެގަރީގެ ގްރޫޕް އޭގައި ހިމެނޭ ސޮކަރ ވެޓެރަންސް ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއެކުއެވެ. އެ ޓީމުން ވަނީ މިއަދު ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ލެގޫންސް ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ. މި ކެޓެގަރީގެ ގްރޫޕް ބީގައި މިއަދު އެމްއެސް މޭޓްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޖުމްލަ 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ފޯރީގައި ކުރިއަށްދާއިރު، މި މުބާރާތް ވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށް ޚާއްސަކޮށްފައެވެ.