ކުޅިވަރު

ފުޓްބޯޅަ ލެޖެންޑް ޝާހުގެ އަތް ބިނދިއްޖެ


ކުރީގެ ގައުމީ ކެޕްޓަން އަދި ކުލަބު ވެލެންސިއާގެ ލެޖެންޑް ޝާހް އިސްމާޢީލް (ސާޔާ) ގެ އަތް ބިނދިއްޖެއެވެ.

އޭނާގެ އަތް ބިނދުނީ ރަމަޟާން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އެމްއެސްމޭޓްސްއާ ދެކޮޅަށް ކްލަބް ވެލެންސިއާ އަށް ކުޅެނިކޮށެވެ. އަނިޔާވުމާއެކު ޝާހު އަށް ވަނީ ވަގުތުން އޭޑީކޭ އަށް ގެންގޮސް ފަރުވާދީފައެވެ.

ކްލަބް ވެލެންސިއާއިން މިރޭ އެކުލަބުގެ ފޭސްބުކްގައި ބުނެފައިވަނީ ޝާހު އަށް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި މި އުނދަގޫ ވަގުތުގައި މުޅި ޓީމު އޮތީ އޭނާއާއެކުގައި ކަމަށެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރި ޝާހު އަކީ ރާއްޖެ ދުށް އެންމެ މޮޅު އެއް ފޯވަޑެވެ. އޭނާ ފުޓްބޯޅަ ކުޅެން ފެށީ ކުލަބު ވެލެންސިއާއިންނެވެ. އެ ކުލަބަށް ފަސް އަހަރު ކުޅުމަށްފަހު އޯކިޑާއި ނިއުރޭޑިއަންޓް އަދި ވިކްޓަރީ އަށް ވެސް ޝާހު ވަނީ ކާމިޔާބު ހޯދައިދީފަ އެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ސީޒަނުގެ އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ވެސް ހޯދާފައިވާ ޝާހު އަކީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރިހިމެޑަލް ހޯދި ގައުމީ ޓީމުގެ ކެޕްޓަނެވެ.