ޚަބަރު

ދިވެހި ފުލުހަކު އިންޓަޕޯލުގެ ބައިނަލްއަޤުވާމީ ޕްރޮގްރާމެއް ފުރިހަމަކޮށްފި


  • ޕްރޮގްރާމް ފުރިހަމަކުރީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު

  • މިއީ އިންޓަޕޯލުން މި ޕްރޮގްރާމް ބޭއްވި ފުރަތަމަ ފަހަރު

  • މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 3 ފިވައްސަކަށް ބަހާލައިގެން

އިންޓަޕޯލުން ބޭއްވި ބައިނަލްއަޤުވާމީ ލީޑަރޝިޕް ޕްރޮގްރާމެއް ދިވެހި ފުލުހަކު ފުރިހަމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޚާއްސަ ކޮށްގެން ކުރިޔަށް ގެންދިޔަ 7 މަސް ދުވަހުގެ ޕްރޮގްރާމެއް ކަމަށާއި ސިންގަޕޫރުގައި ހިންގި މި ޕްރޮގްރާމަކީ އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް (އައި.އީ.އެލް.ޕީ) ކޯހޮޓް ކަމަށެވެ.

އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް (އީ.އެލް.ޕީ) އަކީ، ތަންފީޛީ އިދާރާތަކުގެ އިސް އޮފިޝަލުންގެ އިސްތިރާޖީ ލީޑަރޝިޕް ހުނަރުތައް ތަރައްޤީ ކުރުމަށާއި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރު ކުރުމަށާއި، އަދި ޒަމާނީ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކުގެ ނުރައްކާތަކާ ކުރިމަތިލުމަށް ފަރުމާކޮށްފައިވާ މަތީ ފަންތީގެ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދުއެވެ. މިއީ އިންޓަޕޯލްއިން މި ޕްރޮގްރާމް ހިންގި ފުރަތަމަ ފަހަރެވެ.

އިންޓަޕޯލުން އިންތިޒާމު ކޮށްގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަންފީޒީ އިދާރާތަކުގެ އިސް އޮފިސަރުންނަށް އަމާޒު ކޮށްގެން މިދިޔަ އަހަރުގެ ނޮވެންބަރުމަހު ފެށި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 3 ފިވައްސަކަށް ބަހާލައިގެންނެވެ. ތިންވަނަ ފިޔަވަހި ކުރިއަށް ދިޔައީ، މިމަހުގެ 4އިން 8އަށް ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 2 އިން 7 އަށް ސިންގަޕޫރުގައި ހުންނަ "އިންޓަޕޯލް ގްލޯބަލް ކޮމްޕްލެކްސް ފޯ އިނޮވޭޝަން" ގައެވެ. އެބުރުގައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ 20 ޤައުމަކުން ޖުމްލަ 24 ސީނިއަރ އޮފިސަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ކަމަށް ފުލުން މައުލޫމާތުދެއްވައެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ކެޕްސްޓޯން ޕްރޮޖެކްޓެއް ފުރިހަމަކޮށްފައިވާ ކަމަށާއި މި ޕްރޮޖެކްޓް ބިނާވެފައިވަނީ ބައިނަލްއަޤުވާމީ ފުލުހުންގެ ލީޑަރޝިޕާއި، ބައިނަލްއަޤުވާމީ ގުޅުންތަކާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ޕޮލިސިންގ ޑިޕްލޮމަސީ ފަދަ މުހިންމު ދާއިރާތަކުގެ މައްޗަށް ކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ.

މި ޕްރޮގްރާމްގެ ފަހު ސެމިނަރގައި، ޕްރޮގްރާމްގެ ދިރާސީ ހޯދުންތަކާއި އޭގެ ނަތީޖާތަކާ މެދު މަޝްވަރާކޮށް، އެ ހޯދުންތަކާއި ތަޖުރިބާތައް އަމަލީ ގޮތުން މުއައްސަސާތަކުގައި ތަންފީޒުކުރާނެ ގޮތްތަކާ މެދު ބައިވެރިން ޚިޔާލު ބަދަލު ކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާބިލުކަން އިތުރު ކުރުމަށާއި، ފަންނީ ގުޅުންތައް ބަދަހި ކުރުމަށާއި، މައުލޫމާތު ހިއްސާ ކުރުމުގެ ތެރެއިން ޒަމާނީ ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް، ބައިނަލްއަޤުވާމީ މައިދާނުގައި ބައިވެރިވެ ޤައުމު ތަމްސީލް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ.