ޚަބަރު

ޔޫކްރެެއިނުން މީގެ ކުރިން ނުދޭވަރުގެ ވަރުގަދަ ޑްރޯން ޙަމަލާތަކެއް މޮސްކޯ ސަރަޙައްދަށް ދީފި


ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަައިގައި ޔޫކްރެއިނުން މީގެ ކުރިން ނުދޭ ވަރުގެ ވަރުގަދަ ޑްރޯން ޙަމަލާއެއް ރަޝިޔާގެ ވެެރިރަށް މޮސްކޯއަށާއި ވަށައިގެންވާ ސަރަޙައްދުތަކަށް ދީފިއެވެ.

ޙަމަލާތަކާ ގުޅިގެން ރަޝިޔާއިން ބުނީ އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުތަކުން ކާމިޔާބުކަމާއެކު 343 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން 91 ޑްރޯން ވައްޓާލާފައި ވަނީ މޮސްކޯ ސަރަޙައްދުންނެވެ. އަދި އިތުރު 126 ޑްރޯން ވައްޓާލާފައި ރަޝިޔާގެ ވަނީ ހުޅަނގުގައި އޮންނަ ކޫރްސްކް ސަރަޙައްދުގައި ހުންނަ ނިޔުކްލިއަރ މަރުކަޒެއްްގެ ކައިރިންނެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ޔޫކްރެއިންގެ ޙަމަލާދައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ އިމާރާތްތަކަށް ކަމަށެވެ. ނަމަވެސް ޔޫކްރެއިނުން ބުނަނީ ޑްރޯން ޙަމަލާތައް އަމާޒު ކުރީ މޮސްކޯއާއި އޮރްޔޯލް ސަރަޙައްދުގައި ހުންނަ ތެޔޮ މަރުކަޒުތަކަކަށް ކަމަށެވެ.

ޔޫކްރެއިނުން ދިން ޙަމަލާގެ ސަބަބުން ރަޝިޔާއަށް ނިސްބަތްވާ ތިން މީހުން ވަނީ މަރުވެފައެވެ.އެ ތިން މީހުންނަކީ ވެސް ރަޝިޔާގެ އެއްގަމު މަސް ރައްކާކުރާ ގުދަނެއްގައި މަސައްކަތްކުރާ ތިން މީހުންނެވެ. އޭގެ އިތުރުން ޙަމަލާތަކުގައި އިތުރު 17 މީހުން ޒަޚަމްވެފައިވެއެވެ. މޮސްކޯގެ މޭޔަރު ސާގޭ ސޮބްޔަނިން ވިދާޅުވީ އެ ޙަމަލާތަކަކީ މިހާތަނަށް ޔޫކްރެއިނުން އެ ސިޓީއާއި ވަށައިގެންވާ ސަރަޙައްދުތަކަށް ދީފައިވާ އެންމެ ވަރުގަދަ ޑްރޯން ޙަމަލާތައް ކަމަށެވެ. އެ ސަރަޙައްދުތަކުގެ ޖުމްލަ އާބާދީ 21 މިލިޔަނަށް ވުރެ އިތުރެވެ.

ޔޫކްރެއިންގެ ޙަމަލާތަކުގެ ސަބަބުން މޮސްކޯގެ މައި ހަތަރު ވައިގެ ބަނދަރު ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. ނަމަވެސް މިހާރު އެ ވައިގެ ބަންދަރުތައް ވަނީ އަލުން ހުޅުވައިފައެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ޙަމަލާއެއް ދީފާނެ ކަމަށް ދުރާލާ ފިޔަވަޅުތަކެއް އަޅާފައި އޮތުމުން ޔޫކްރެއިންގެ ޙަމަލާތަކުން މޮސްކޯއާއި އެހެނިހެން ސަރަޙައްދުތައް ރައްކާތެރި ކުރުމަށް އެހީތެރިވެދިން ކަމަށެވެ. ނަމަވެސް ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ބައެއް އިމާރާތްތަކަށް ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނުން ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ ސަޢުދީ ޢަރަބިއްޔާގައި އެމެރިކާއާއި ޔޫކްރެއިނުގެ އިސްވެރިންގެ ބައްދަލުވުންތަކެއް ބޭއްވުމަށް ތައްޔާރުވެފައި ވަނިކޮށެވެ. އެ ބައްދަލުވުންތަކަކީ ތިން އަހަރަށް ދެމިގެންގޮސްފައިވާ ހަނގުރާމައިގައި ޙަމަލާ ބަދަލުކުރުން ހުއްޓާލައި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.