ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ފާސްކުރި ބިލު ރައީސް ތަޞްދީޤުނުކުރައްވާ އަނބުރާ ފޮނުއްވާލައްވައިފި


  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަމަހުގެ 26 ގައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުނުކޮށް އަނބުރާ ފޮނުއްވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ބަންޑާރަ ނައިބުގެ އޮފީހުން ލަފާ ހޯއްދެވުމަށްފަހުގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ މި ބިލާ ގުޅޭގޮތުން އެ އޮފީހުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމުން، ބަންޑާރަ ނައިބުގެ އޮފީހުން ބިލު ދިރާސާކުރެއްވުމަށްފަހު ފާހަގަކުރެވުނު ބައެއް ކަންކަން ހިއްސާކުރައްވާފައެވެ.

ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، މި ބިލާގުޅޭގޮތުން އެއޮފީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގައި ޤާނޫނު އަސާސީއާއި ފަނޑިޔާރުންގެ ޤާނޫނުގައި މިހާރު ހުރި މާއްދާތަކަށްވެސް ރިޢާޔަތްކޮށްފައިވާނެކަމަށެވެ. އެގޮތުން ޤާނޫނު އަސާސީއާއި ފަނޑިޔާރުންގެ ޤާނޫނުގައިވެސް ފަނޑިޔާރުން މަޤާމުން ވަކިކުރުމުގައި ސުލޫކީ މައްސަލަ ބެލުމުގައި ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކުރަންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކުރާނެ ގޮތެއް މި ބިލުގައި ބަޔާންކޮށްފައިނެތްކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ތަޙުޤީޤެއް ހިނގަމުންދާތީ މިވަގުތު ސަސްޕެންޑްކޮށްފައިވާކަން ފާހަގަކުރައްވާ ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، މި ދަނޑިވަޅުގައި މި ޤާނޫނު ތަސްދީޤުކޮށްގެން ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކުރެވޭނެ ގޮތެއް ނެތްކަމަށެވެ.

"މި ބިލުގައި އެބައޮތް ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކުރުމަށްފަހުގައޭ ފަނޑިޔާރުންގެ އަދަދު މަދުކުރާނީ. އެހެންނަމަވެސް ޤާބިލުކަން ވަޒަންކުރަން ބަލާއިރުގައި މިވަގުތު 7 ފަނޑިޔާރުންނެއް ނުވެއްނެތް. ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށްފައި ތިބީމަ 7 ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކުރެވޭނެ ގޮތެއް މިވަގުތަކު ނުވެއްނެތް، އެހެންވީމަ އެންމެ އިންސާފުވެރިގޮތަކަށްނުވާނެ ސަސްޕެންޑްކޮށްފައި ތިބި ފަނޑިޔާރުން ނުހިމަނާ، ދެންތިބި ފަންޑިޔާރުންގެ ޤާބިލުކަން ވަޒަންކުރުމަށްފަހު އެއަށްގޮތެއް ނިންމީމަ. އެކަންތައްތަކަށް ރިޢާޔަތްކޮށްފައި އަދި އޭގެ އިތުރުން ބިލުގެ ބައެއް މާއްދާތައް މިހާރު ހުރިގޮތުން އޭގައި ޤާނޫނީގޮތުން ފުށުއަރާ ކަންތައްތަކެއްވެސް ހުރުމާއެކީގައި އެ ހުރިހާކަމަކަށް ރިޢާޔަތްކޮށްފައި ރައީސަށް ލަފައެއް އަޅުގަނޑު އަރުވާފައި އޮންނާނީ ބިލު ތަސްދީގުކުރަން ނުފެންނަކަމަށް." ބަންޑާރަ ނައިބު ވިދާޅުވިއެވެ.

މި ބިލަކީ، މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.

މި އިޞްލާހުގައި ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ އަދަދު 7 އިން 5 މަދުކުރުމަށް ވަނީ ހިމަނާފައެވެ. ރައްޔިތުންގެ މަޖިލީހުން މި އިޞްލާހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުން ފާސްކުރި އިޞްލާހުގައިި ފަނޑިޔާރުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާބޫލުކުރެވިގެން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވިވެވަޑައިގަންނަވާ މެންބަރުންގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވުމުންކަމަށް ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފަނޑިޔާރުންގެ ނަންތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށައަޅަންވާނެކަމަށްވެސް އިޞްލާޙުގައިވެއެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށައަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން މަޤާމުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަންވާނެކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.