ޚަބަރު

އައިސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފިލިޕީންސްގެ ކުރީގެ ރައީސް ދުތާތޭ ހައްޔަރު ކޮށްފި


އިންސާނިއްޔަތާ ދެކޮޅަށް ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ފިލިޕީންސްގެ ކުރީގެ ރައީސް ރޮދްރިގޯ ދުތާތޭ ހައްޔަރު ކޮށްފިއެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ބައިނަލްްއަޤްވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން ނެރެފައިވާ ޢަމުރެއްގެ ދަށުންނެވެ. އެއާއެކު ދުތާތޭ ވެގެން ގޮސްފައި މި ވަނީ އައިސީސީއިން ޝަރީޢަތް ކުރާ އޭޝިޔާގެ ޤައުމެއްގައި ވެރިކަން ކުރި ފުރަތަމަ ރައީސަށެވެ.

2016ވަނަ އަހަރުން 2022ވަނަ އަހަރަށް ފިލިޕީންސްގެ ރައީސްގެ މަޤާމުގައި ހުންނެވިއިރު ދުތާތޭ ވަނީ ޑްރަގާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ޑްރަގާ ދެކޮޅަށް އޭނާ ކުުރެއްވި މަސައްކަތުގައި ފިލިޕީންސްގެ އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އެ މީހުން މަރާލާފައި ވަނީ ޤާނޫނީ މަރުޙަލާތަކުގެ ތެރެއިން ނޫން ކަމަށް ބުނެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ދުތާތޭގެ މަސައްކަތްތައް ކުށްވެރި ކޮށްފައެވެ.

ދުތާތޭގެ ދޮށީ ދަރިކަނބަލުން ވެރޯނިކާ ދުތާތޭ ވިދާޅުވީ އޭނާގެ ބައްޕާފުޅު ހައްޔަރުކޮށްފައި ވަނީ މެނީލާ ވައިގެބަނދަރުން ކަމަށެވެ. ދުތާތޭ ހައްޔަރު ކޮށްފައިވަނީ ހޮންގކޮންގުން އެނބުރިވަޑައިގެންނެވިތާ އިރުކޮޅެއް ފަހުން ކަމަށާއި ހައްޔަރު ކުރުމަށްފަހު މަތިންދާ ބޯޓަކަށް އަރުވައިގެން ދުތާތޭ ކޮންމެވެސް ތަނަކަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދުތާތޭ ގެންގޮސްފައި ވަނީ ކޮން ތަނަކަށް ކަމެއް ޢާއިލާއަށް އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދުތާތޭ ހައްޔަރު ކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ދުތާތޭގެ ޢާއިލާއިން ދަނީ ބުނަމުންނެވެ. ދުތާތޭއާ ދެކޮޅަށް މައްސަލައެއް ބެލުމުގެ އިޙްތިޞާސް އައިސީސީއަށް ލިބިގެން ނުވާ ކަމަށް ވެސް ޢާއިލާއިން ތުހުމަތު ކުރެއެވެ.

2019ވަނަ އަހަރުގެ ތެރޭގައި އައިސީސީން ފިލިޕީންސް ވަކިވި ނަމަވެސް އައިސީސީގެ މެންބަރެއްގެ ގޮތުގައި ފިލިޕީންސް އޮތް ދުވަސްވަރު ހިންގާފައިވާ ޖަރީމާތައް ބެލުމުގެ އިޙްތިޞާސް އައިސީސީއަށް ލިބިގެންވެއެވެ.

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިޔަރ ވަނީ ދުތާތޭ ހައްޔަރު ކޮށްފައި ވަނީ އޭނާ ވެރިކަމުގައި ހުންނެވިއިރު ހިންގެވި ޑްރަގް ކެންޕޭނާ ގުޅިގެން އައިސީސީން ނެރެފައިވާ ޢަމުރެއްގެ ދަށުން ކަން ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ ދުތާތޭ ހައްޔަރު ކޮށްފައި ވަނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ކަމަށް ޤަބޫލު ކުރައްވާ ކަމަށެެވެ. މާކޯސް ވިދާޅުވީ ދުތާތޭ ގެންގޮސްފައި ވަނީ ނެދަލޭންޑްސްގެ ދަ ހޭގަށް ކަމަށެވެ. ދުތާތޭ ހައްޔަރު ކުރުމުގައި ޕިލިޕީންސްގެ ސަރުކާރުން އައިސީސީއާއެކު މަސައްކަތް ކޮށްފައި ނުވާކަމަށާއި އޭނާ ހައްޔަރުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އިންޓަޕޯލްއާ ގުޅިގެން ކަމަށް ވެސް ރައީސް މާކޯސް ވިދާޅުވިއެވެ.

ދުތާތޭ ހައްޔަރު ކުރުމުގެ ޢަމުރުގައި ވާގޮތުން 2011ވަނަ އަހަރާއި 2019ވަނަ އަހަރާ ދެމެދު މަރާލާފައިވާ 43 މީހެއްގެ މަރުގެ ޒިންމާ ދުތާތޭ ނަންގަވަން ޖެހިވަޑައިގަންނަވައެވެ. އެހެންކަމުން ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ފިލިޕީންސްގެ ދަވާއޯ ސިޓީގެ މޭޔަރުގެ މަޤާމުގައި އޭނާ ހުންނެވި ދުވަސްވަރު ހިންގަވާފައިވާ ޖަރީމާތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ދުތާތޭއާ ދެކޮޅަށް ފިލިޕީންސްގައި އެއްވެސް ކުށެއްގެ ދައުވާ ކޮށްފައެއް ނުވެއެވެ. އެހެންކަމުން އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކާއި މަރުވި މީހުންގެ ޢާއިލާތަކުން ޤަބޫލުކުރާ ގޮތުގައި ދުތާތޭ ހައްޔަރު ކުރުމަކީ ފިލިޕީންސްގެ އެތައް ހާސް ބަޔަކު މަރާލި މައްސަލައިގައި އޭނާ ޖަވާބުދާރީ ކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ފިލިޕީންސްގެ ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުތާތޭގެ ވެރިކަމުގައި ހިންގި ޑްރަގް އޮޕަރޭޝަންތަކުގައި 6،200 މީހުން މަރުވެފައިވެއެވެ. ފުލުހުން ބުނީ އެ މީހުން މަރުވީ ހައްޔަރު ކުރުމަށް ހުރަސް އަޅާތީ އަމިއްލަ ދިފާޢުގައި ބަޑި ޖެހުމުން ކަމަށެވެ. ނަމަވެސް އެކްޓިވިސްޓުން ބުނަނީ ޑްރަގާ ދެކޮޅަށް ދުތާތޭގެ ސަރުކާރުން ކުރި މަސައްކަތުގެ ދަށުން މަރުވި މީހުންގެ ހަޤީޤީ ޢަދަދު އެތައް ގުނައެއް އިތުރު ކަމަށެވެ. ގޮތްނޭނގޭ ބަޔަކު ފިލިޕީންސްގެ ފަޤީރު ސަރަޙައްދުތަކުގައި ދިރިއުޅޭ ޑަރަގް ބޭނުން ކުރާކަމަށް ޝައްކު ކުރެވޭ ގިނަ ޢަދަދެއްގެ މީހުން މަރާލާފައިވާ ކަމަށް އެ ފަދަ ޖަމްޢިއްޔާތަކުން ފާހަގަ ކުރެއެވެ. އެ ގޮތުން 30،000އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އައިސީސީގެ ޕްރޮސެކިއުޓަރަކު ވަނީ ބުނެފައެވެ. އެ މީހުން މަރާލާފައި ވަނީ ސަރުކާރާ ގުޅުން ހުރި ބަޔަކު ކަމަށް އެ ޖަމްޢިއްޔާތަކާއި މަރުވި މީހުންގެ ޢާއިލާތަކުން ތުހުމަތު ކުރެއެވެ.