ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި 2 ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މާރާމާރީ ހިންގާފައިވަނީ މިރޭ 10:00 ކަންހާއިރު ހުޅުމާލޭ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއްގެ މެދުގައިކަމަށެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މި މާރާމާރީގައި އެއް ކުއްޖަކު ވަނީ ޒަޙަމްވެފައެވެ.
މި މައްސަލައިގައި 2 ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، އިތުރު 4 ކުއްޖަކު ހިފެހެއްޓިފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.