ޚަބަރު

ރައީސްގެ ތަސައްވުރާ އެއްގޮތަށް މޭއި 15ގެ ކުރިން ޒަރޫރީ ބޭސް ހުރިހާ ތަނަކުން ލިބޭނެ: ސިއްޙީ ވަޒީރު


  • މިއަހަރުގެ ތެރޭގައި ބޭހުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ

  • ދެމެހެއްޓެނިވި ގޮތެއްގައި ބޭސް އެތެރެކުރުމަށް އެސްޓީއޯ އިތުރަށް ވަރުގަދަކުރަނީ

ރާއްޖެއަށް ކޮލިޓީ ބޭސް އަގުހެޔޮކޮށް ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުންވަނީ ބޮޑު މަސައްކަތެއް ފައްޓަވާފައެވެ. ބޭސް އެތެރެކުރުމުގައި ޒަމާންވީ ނަހަމަ ވިޔަފާރިއާއި ނިޒާމީ އިސްރާފް ހުއްޓުވައި، ރައްޔިތުންނަށް ކޮލިޓީ ބޭސް ފޯރުކޮށްދިނުމަށް ފެށި މަސައްކަތާއެކު ގިނަ ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް މިހުރިހާކަމަކާއެކުވެސް މިނިޒާމު ހަރުދަނާކުރުމަށް ދެގޮތެއް ނުވެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.

އާސަންދައިގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކުރަނީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށެވެ. ޒަމާންތަކެއް ވަންދެން ބޭސް އެތެރެކުރުމުގައި ހިންގަމުންދިޔަ ބޮޑެތި ޖަރީމާތައް ހުއްޓުވާ ކޮލިޓީ ބޭސް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިމަސައްކަތް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން މަސައްކަތް ފެށުމާއެކު، މިކަމުގައި ފައިދާ ނަގަމުންދިޔަ ފަރާތްތަކުން މިކަމަށް ހުރަސް އަޅަމުންދިޔަ މަންޒަރުވަނީ ފެނިގެންގޮސްފައެވެ. އެހެންނަމަވެސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގެން، މިމަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންވެސް ވިދާޅުވެފައެވެ.

ބޭހުގެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކާއެކު ބާޒާރުގައި ބޭހުގެ ތާށިކަމެއްވަނީ އައިސްފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ނިޒާމަށް އަންނަމުންދިޔަ ބަދަލުތަކާއެކު ދިމާވި ބައެއް ކަންކަމުގެ ސަބަބުން ބާޒާރުގައި ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި އެކަން އެގޮތަށް މެދުވެރިނުވެ ރައްޔިތުންނަށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހާއި ސިއްޙީ ވުޒާރާއާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއާއި، އެސްޓީއޯ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސްގެ ޓާގެޓްގައި ވާގޮތަށް މޭއި 15ގެ ކުރިން ހުރިހާ ޒަރޫރީ ބޭހެއް ހުރިހާ ތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި ރާއްޖޭގައި އޮންނަ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތައް އާންމު ބޭސް ފިހާރަތަކުން ލިބޭނެ އިންތިޒާމު ހަރުދަނާ ނިޒާމެއްގެ ތެރެއިން ހަމަޖެހިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބޭހުގެ ކަންކަން ހަމައަކަށް އެޅުވުމަށް މީގެކުރިން އެއްވެސް ސަރުކާރަކުން އިސްކަން ނުދެއްވާ މިންވަރަށް މިސަރުކާރުން ދައުލަތެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އަދި ރާއްޖެއަށް ބޭސް އެތެރެކުރާ އެސްޓީއޯގެ ނިޒާމު ހަރުދަނާކުރުމަށްވެސް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޭހުގެ އަގު ކޮންޓްރޯލްކޮށް ބޭސް އެތެރެކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ފެށުމާއެކު، ޒަމާނުއްސުރެ ހިންގަމުން އައި ނިޒާމަށް ބަދަލުތަކެއް އައުމުން ދިމާނުވެ ނުދާނެ ބައެއް ކަންކަން ކުރިމަތިވަމުންދާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ޒިންމާ ވަކި ފަރާތެއްގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި ޤައުމެއްގެ ގޮތުގައި މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބޭހުގެ މައްސަލަ ޙައްލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގެ ޒިންމާ ސަރުކާރުން ނަންގަވާ އެކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ސިއްޙީ ވަޒީރުވަނީ ދެއްވާފައެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގައި 2000 އިންސައްތައާއި ހަމައަށް ފައިދާ ލައިގެން ބޭސް ވިއްކަމުންދިޔަކަން ސަރުކާރުން އާސަންދަ އިސްލާޙުކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިންވަނީ ފާހަގަވެފައެވެ. އަދި ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް އާސަންދައިގެ ތެރޭގައި ޚަރަދު ބޮޑު ނިޒާމެއް ޤާއިމުވެފައި އޮތްކަންވެސް ފާހަގިވިއެވެ. މިކަން ހައްލުކޮށް އާސަންދަ ހަރުދަނާކުރުމަށް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ރާއްޖެއަށް ކޮލިޓީ ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ މިއަހަރުގެ މޭއި މަހުގެ ނިޔަލަށް ޒަރޫރީ ހުރިހާ ބޭހެއް ފާމަސީތަކުން ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމަށްކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.