މުނިފޫހިފިލުވުން

ބިލާހީ ދުނިޔެ


  • އާމިނަތު ތަޙްސީނާ އިބްރާހިމް / ހއ.އިހަވަންދޫ ، ހޯރަ

" ޔައިލް. ޔައިލް "
އަހަރެންނަށް ސިއްސައިގެން ގޮސް ހޭލެވުނީ، ވައި އަޑަކުން މީހަކު އަހަރެންނަށް ގޮވާ އަޑަށެވެ. ނަމަވެސް މީހެއްގެ ހިލަމެއް ވެސް ކޮޓަރީގެ ހަތަރުފާރު ތެރެއަކު ނެތެވެ. ހަމަ އެހިނދު އަހަރެންގެ ނޯށުގައި ޖެހުނީ ބަޔާންކޮށްދޭން ނޭނގޭ ފަދަ ވަހެކެވެ. އެނގޭހާ ވެސް އެއްޗަކީ އެއީ ނުބައި ވަހެއް ކަމެވެ. އެ ވަހުގެ ސަބަބުން އަހަރެންގެ ޖިސްމަށް އުނދަގޫވާ ކަމެވެ. އިސާހިތަކު އަރުތެރޭގައި ކުޅު ގިނަވެ، މޭ ނުބައިކުރަން ފެށިއެވެ. ބާރު ބާރަށް އޯކާ ދެމެވެން ފެށިއެވެ.
" ޔައިއްކޯ... ކިހިނެއް ތިވަނީ! "
ކޮޓަރީގެ ބޮޑު ދޮރުން ބޯ ދިއްކޮށްލަމުން، ކަންބޮޑުވެފައި މަންމަ އަހާލިއެވެ.
" ނުބައި ވަހެއް "
ދުވާ ނުބައި ވަހުން ނޯއް ދަމާލަން ނުކެރި އިނދެ އަހަރެން ޖަވާބުދާރީ ވީމެވެ. އެޔާއެކު ތަންމިނަށް ދޮރު ހުޅުވާލުމަށްފަހު، ކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު މަންމަ ހުއްޓުން އެރިއެވެ. މަންމަގެ ދެ ލޯ ބޮޑު ވެފައިވާއިރު ޝަހާދަތް އިނގިލި ވަނީ ތުންފަތް މަތީ ޖައްސާލެވިފައެވެ.
" ސުބްޙާނަ ﷲ "
މަންމަގެ ދެ ލޮލުން ފެންނަނީ ސިހުމެވެ. ޙައިރާން ކަމެވެ.
" ނުބައި ވަސް ނުދުވިއްޔާ ދެރައެއްނު.. މިޔޮތީ މި ތަން އޮތް ހާލު! ގޮނޑެކޭ ތަފާތެއް ނެތެއްނު. "
އެތަން މިތަނުގައި ތަރުތީބެއް ނެތި އުކާލެވިފައި ހުރި އަހަރެންގެ އަންނައުނު ތަކަށާއި، ލުއިކާނާ ހުސްކުރި އުރައާއި ޕެކެޓްތައް ފެނުމުން މަންމަގެ ރުޅި ގަނޑު ނަރުގަނޑުގައި ޖެހުނެވެ.
" މަ ހިތަށް އަރާ ކަލެއަށް މިތާ ކެތްވެޔޭ! ގައިމު ކުރިން ދުވަހަކު ވެސް ކަލޭގެ ކޮޓަރި މި ހާލަތުގައި އޮއްވާ ނުދެކެން. "
އުނަގަނޑުގައި އަތް ވިއްދައިލަމުން އަނެއްކާ ވެސް ފަތިވަރެއް އަމުނާލިއެވެ.
އަހަރެން ވެސް ކިޔަން ހުރި އެއްޗެހި ވަކި މަދެއް ނޫނެވެ. ހިތުގައި ހުރި ބަސްތައް، ދުލު ކުރިއަށް ނުގެނެސް ހިންދައިލީ އަލިފާނަށް ތެޔޮ އަޅާ ހިތް ނެތީމައެވެ.
ޓަސްލާފައި ދޮރުޖެހުމަށްފަހު، މަންމަ ނުކުމެގެން އެ ދިޔައީ އަހަރެންގެ ހާލަތަށް ވިސްނައިލުމެއް ނެތިއެވެ. އަހަރެންގެ ނުތާހިރު ކަމާމެދު ޝަކުވާކުރާއިރު، ތަންދޮރު އެނގޭން ފެށީއްސުރެން، އަހަރެންގެ ކޮޓަރި ސާފުކޮށް ތަރުތީބުކޮށް ހެދީ އަހަރެންގެ މި ދެ އަތުންނެވެ. ނަމަވެސް، މަންމަ އެ ދިޔައީ، އަހަރެންނަށް އެހީވާން ހިތަށް ނޭރިތަނުގައި އަހަރެން ސާފު ނުކުރަނީ ކީއްވެތޯ ނޫނީ އަހަރެން ބަލީތޯ ވެސް އަހައި ނުލައެވެ. ބަލައި ނުލައެވެ.
ޙައިރާނެއް ނުވެއެވެ. މިއީ އަބަދުގެ ވެސް ހާލެވެ. އެއީ ނަމެއްގައި މަންމަ އެކެވެ. މިއީ ނަމެއްގައި ދަރިއެކެވެ. ހުރި ހަމަ އެކަނި ދަރިއަށް ވީތީވެ ވާ ޙާއްސަ ލޯތްބެއް ނުވަތަ އަޅާލުމެއް އަހަރެންގެ ނަސީބުގައި ނެތެވެ. މަސައްކަތުގައި ހޭ ބޯ ނާރާ އުޅޭ މަންމަގެ "ބިޒީ" ޝެޑިއުލްއިން އަހަރެންނަކަށް ޖާގައެއް ނެތެވެ. ކުޑަ މިނުން އަހަރެން ހުރީ ކައިގެންތޯ ބޮއިގެންތޯ ވެސް ބަލައިލަން ވަގުތުނުވެއެވެ. މި ހިތް ޝިކާޔަތުން ފުރިބަންޑުންވެފައި ވީ ނަމަވެސް އަދާ ހަމަޔަށް ވެސް އެ ޝަކުވާތައް ރައްކާކުރެވިފައިވަނީ އަހަރެންގެ ހިތުގައެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނޭ ބުނާ ފަދައިން، އަހަރެންގެ ޝަކުވާތައް މަންމައާ ހަމައަށް ނުއުފުލާތީވެ ލޯތްބާއި އަޅާލުން ނުލިބެނީ ކަމުގައި ވެދާނެއެވެ. ނަމަވެސް، އިޙްސާސްތައް ފާޅުކޮށް ހެދުމީ އަހަރެންގެ ތޮބީޢަތުގައިވާ ކަމެއް ނޫނެވެ. ކިތަންމެ ދެރަވެ ހިތުގައި ޖެހުނު ނަމަވެސް، މި ދެލޮލުން ކަރުނަ ތިއްކެއްހާ ހިސާބު ވެސް، އެއްވެސް އިންސާނަކަށް ފެނިފައެއް ނުވާނެއެވެ.
އަހަރެންނަށް ހިޔާލުތަކުން ބޭރުވެވުނީ، މީހަކު އަހަރެންގެ ކޯތާފަތުގައި ބީހިލިކަމުގެ އިޙްސާސްކުރެވުމުންނެވެ. ފުރަތަމަ ވެސް އަޅައިގަތީ މާމަގެ ހިނިތުންވެފައިވާ މޫނެވެ. މާމަގެ ގައިން ދުވަމުން ދިޔަ މީރު ވަހުން މުޅިތަން ވަނީ އެއްވަސް ވެފައެވެ. ކުރިން ކޮޓަރިން ދުވަމުން ދިޔަ ވަހުގެ މައްޗަށް ވެރިވެގަނެފައިވާ މީރު ވަހުން، އަހަރެންގެ ހިތަށާއި ޖިސްމަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެން ދިޔައެވެ. މަޑުމަޑުން މާމަގެ އުނގުގައި ބޯ އަޅައި ދެ ލޯ މަރައިލީމެވެ. އެ ލޯބިވެތި ފިރުމުންތަކުގެ ފޮނިމީރުކަން އެންމެ ފުރިހަމައަށް އިޙްސާސްކޮށްލުމަށެވެ. މާމަގެ އުނގުތެރޭގައި ހޭދަކުރެވުނު އުފާވެރި ދުވަސްތަކުގެ ހަނދާންތައް ކުލަނުވާ ހުވަފެންތަކެއް ހެން އާލާންފެށިއެވެ. މާމަގެ އަތުން މޮޑެގެން އަހަރެންނަށް ކާން ލަވައިދެއެވެ. ފެންވަރުވައި ނަލަ ހައްދައިގެން އަހަރެން ގޮވައިގެން ޕާކުތަކަށް ގޮސް ހަދައެވެ. ނިދެން ދެން އަހަރެންގެ ގައިގައި ފިރުމައިދީ ހަދައެވެ. ބަލިވެއްޖެ ނަމަ ހޭހަން ކޮށްދެއެވެ. އަހަރެންގެ ހިތުން މަންމައެއްގެ މަގާމު ދެވުނީ އެ މާމާއަށެވެ. ވާނީ ވެސް އެހެންތާއެވެ. އޭރު ވެސް މިހާރު ވެސް މަންމައެއް ފަރާތުން ލިބެންވީ ލޯތްބާއި އަޅާލުމެއް އަހަރެން ބަނޑުއަޅައި ވިހޭ މައިމީހާގެ ފަރާތުން ނުލިބެއެވެ. ބައްޕައެއް ހުރި ކަމުގައި ވިޔަސް، އަހަރެންނަށް ލޯބިން ދަރިފުޅާއޭ ކިޔާ ގޮވާލި ހަނދާނެއް ނުވެއެވެ. ބައްޕަ ގެއަށް އައިސް ވަދެއްޖެއްޔާ އެއް އަޑަކަށް އިވޭނީ ޒުވާބުގެ އަޑެވެ. ތަޅާފޮޅާ އަޑެވެ. އަރާރުންވެ އެކަކު އަނެއްކަކުގެ ގަޔަށް ބޮލަށް އަރާއިރު، ތުއްތު ދަރިފުޅުގެ ހިތަށް ކުރާނެ އަސަރާމެދު އެ ދެމީހުންގެ ފަރުވާލެއް ނެތެވެ.
އުމުރުން އެންމެ ހަތް އަހަރުގައި ބައްޕަ، އަހަރެންނާއި މަންމަ ދޫކޮށް ދިޔުމުން، ދެރަވުމުގެ ބަދަލުގައި އަހަރެންވީ އުފަލެވެ. ހީ ކުރެވުނީ، މަންމަގެ ލޯބި ދެން އަހަރެންނަށް މިލްކުވާނެ ކަމަށެވެ. ނަމަވެސް ކަންވީ އެފަދައަކުން ނޫނެވެ. ފިރިމީހާ ވަކިވެ ދިޔުމުން، އެ ހިތާމަތަކުން އަރައިގަތުމުގެ ނަމުގައި އިހުނަށްވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ފެށީއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އަހަރެން ބާކީވެ ބިކަވުމެވެ. ތެދެކެވެ. ބޭނުންވާހާ އެއްޗެއް ހަމައަށް ލިބެއެވެ. ފުދި އިތުރުވާ ވަރަށް ވެސް ލިބެއެވެ. ނަމަވެސް، ލޯތްބާއި އަޅާލުން ނުދީ ދަރީންނަށް އިޙްމާލުވެވޭނަމަ، ހޭބޯނާރާ މަސައްކަތްކޮށް ޖީބަށް ބަރުކުރުމުގެ މާނައެއް އެބަ އޮތް ހެއްޔެވެ؟. އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ މަޤްޞަދަކީ ދިރިއުޅުން އާރާސްތުކުރުން ކަމުގައި ވާއިރު، ދަރީންނަށް ދޭންވާ ލޯތްބާއި އަޅައިޅުންދީ، ހެޔޮ ގޮތުގައި، ހެޔޮ މަގުގައި އެ ކުދީން ތަރުބިއްޔަތު ނުކުރެވޭނަމަ، އެ ދިރިއުޅުމެއް ދާނީ ހާވިޔާވެގެންނެވެ. ވިއްސިވިހާލި ވެގެންނެވެ.
އަހަރެންގެ މާމަ އަކީ ކޮންމެ ކުއްޖަކު ވެސް އެދޭނެ ފަދަ މަންމައެކެވެ. ބައްޕައެކެވެ. އަހަރެންނަށް މައިންބަފައިންގެ ފަރާތުން އުނިވެފައިވާ ލޯތްބާއި އަޅާޅުން ލިބެނީ މާމަގެ ފަރާތުންނެވެ. އަހަރެން އެ މާމަގެ ހަނދެއްފަދަ މޫނަށް ބަލައިލަމުން ހިނިތުންވެލެވުނީ، މާމަ ފަދަ ހިތްހެޔޮ އޯގާތެރިއެއް އަހަރެންގެ ހަޔާތުގައި ވާތީ ހިތާހިތުން ޝުކުރުވެރި ވަމުންނެވެ.
" ޔައިއްކޮ! ކޮންކަމަކާ ހާދަ އުފާވެފަ. "
ސިހިގެން ގޮސްފައި އަހަރެންނަށް ތެދުވެވުނެވެ. ވަށައިގެން ހޯދާ ލެވުނެވެ. މާމަގެ ހިލަމެއް ވެސް ނެތެވެ. ފެނުނީ ހުވަފެނެއް ބާ؟ އެވެ.
" ކާކު ތި ހޯދަނީ. "
އެނދުގެ މަގަތުގައި ހުރި ކަބަޑު މަތީގައި މޮޑެގެން ގެނައި ބަތްތަށި ބަހައްޓަމުން، ބޮއްތަ ދެކޮޅު ހޯދާ ބަލައިލިއެވެ. ބޮއްތަގެ ސުވާލަށް ޖަވާބުދިނުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. އެނދުގައި އިށީނދެ ހަމަޖެހިލީ އޭނަ ނުކުންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ. އެހެން ނަމަވެސް، އޭނަ އަހަރެންގެ މަގަތުގައި އިށީނދެ ކޮނޑަށް އަތް ވައްޓާލިއެވެ. އެ އަތް ނަގައި ފޮޅުވާލާ އޭނާގެ މޫނު މައްޗަށް އެތި ފަހަރެއް އަޅަން ބޭނުންވި ކަމުގައި ވިޔަސް ކެތްތެރިވެލީމެވެ.
" ޔައިއްކޯ! ނިދައި ހޭލައިގެން ފެން ވެސް ނުވަރަން ދޯ؟ މިހާރު އެއޮށް އަޞުރަށް ގޮވަން އުޅެނީ. ބޮއްތަ އަބަދު ވެސް ބުނަމެއްނު ދުވާލު އެހާ ގިނައިން ނުނިދާށޭ.."
އަހަރެން މަށަށް ހޭ ވެސް އަހައި ނުލާ އިނީމެވެ. އެވަރުން ވެސް އޭނާ ބޮލިރަވަ ތެޅުވުން ހުއްޓައެއް ނުލިއެވެ.
" ކޮޓަރިން ނުނިކުމެ އަބަދު ތިޔަހެން އޮންނާކަށް ނުވާނެ. ނިކަން ރައްޓެހިންނާއެކު ބޭރަށް ގޮސްލަބަލަ! ގައިމު ކުރިންތީ ގޭގަ މަޑުވާ މީހެއް ނޫން.. ބޮއްތައަށް ހީވަނީ ޔައިއްކޮ ކަމެއް ނެތިފަ ހުންނަންވީމާ ވާ ގޮތެއް ހެން.. ދެން ކޮލެޖަށް ވެސް އެހާ ދުވަހެއް ނެތްތާ ދޯ!.."
"ކިހާ ދެރަކަމެއް ތި ދެން.. ބޮލަށް އުދަނގޫ ނުކޮށް ދާން އުޅޭ!"
އެންމެ ފަހުން ކެތް ނުވެގެން އަހަރެން ހަޅޭލަވައި ގަތީމެވެ. ބިރެއް ފެނިގެން އުޅޭ މީހެއް ހެން، ބޮއްތަ އޭނާ ވަން ދޮރުން ނިކުމެގެން ހިނގައްޖެއެވެ. އަހަރެން އެއް މިޔަކަނުން ހިނިތުންވެލީ ލިބުނު ކާމިޔާބަށްޓަކައި އުފާކުރަމުންނެވެ. އެ ހިނދު މުޅިތަން ގުގުމައިގެން ދިޔައީ ހުނުމުގެ އަޑުންނެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ދެން ފެނުނި މަންޒަރުން މޭ ގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބޮއްތަ ގެނައި ބަތްތަށި ހެލެނީއެވެ. ކުއްލިއަކަށް އޭގެ އަސްލު ހާލަތަށް ރުޖޫޢަވެއްޖެއެވެ. ހިނގާ ދިޔަ ކަންތަކާ، ހިނގާފައިވާ ކަންތަކާއި ހިނގަމުންދާ ކަންތައްތައް އަހަރެންގެ ސިކުނޑި ގުޅުވާލަދިނީ ބޮއްތައާއި އޭނާގެ އަމަލުތަކާއެވެ. ބޮއްތަގެ ހިތް ނިޔަތް ރަނގަޅު ނޫނޭ އަބަދު ވެސް އަހަރެންގެ ހިތް ބުނެއެވެ. އޭނާގެ ހިތްހެޔޮކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ހިޔަޅުކަމޭ އަހަރެންގެ ސިކުނޑި ބުނެދެއެވެ.
ބޮއްތައަކީ އަހަރެންގެ މަންމަގެ ދައްތައެވެ. ބޮޑު ދައިތައެވެ. އޭނާ ކުރިން އުޅެމުން ދިޔައީ އޭނާގެ ފިރިމީހާއާއެކު އެގޭގައެވެ. ބޮއްތައަކީ ދަރިމައި ނުވާ އަންހެނެކެވެ. ނަތީޖާއަކަށްވީ އަހަރެންނަށް ދަރިއެއްގެ ލޯބިދިނުމުގެ ބަހަނާގައި މި ގެއަށް ހިޖުރަކޮށް މި ގޭގައި ވަކި ހިއްޕާލުމެވެ. މަންމައަކަށް ބޮއްތަ ވަރެއް ނެތެވެ. ވާނީ ވެސް އެހެންތާއެވެ. މަންމަގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އުފުލަނީ ބޮއްތަ ވިއްޔާއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނާ ގޮތަށް މަންމައަށް ބޮއްތައަކީ ތެދު އަލިފެކެވެ. ނަމަވެސް އަހަރެންގެ ނަޒަރުގައި ބޮއްތައަކީ ބަޅު ލާމެކެވެ. މާމަގެ މަގާމަށް އައުމަށް އޭނާ ކުރާ މަސައްކަތް ފެނި އެންމެ ފުރަތަމަ ދުވަހުއްސުރެން ފެށިގެން އޭނާއަށް ނަފްރަތު ކުރެވެން ފެށުނެވެ. ކަން މިހެން އޮއްވައި އަހަރެންނަށް އާދަޔާ ހިލާފު ކަންތައްތަކާ ކުރިމަތިވާން ފެށިއެވެ. ކޮޓަރި ތެރެއިން ހޭ އަޑާއި ރޯ އަޑު އިވެއެވެ. ތަފާތު ވަސްތައް ދުވައެވެ. އެއް ފަހަރު މީރުވަހެއް ދުވިއްޔާ އަނެއްބައި ފަހަރު ދުވާ ނުބައި ވަހުން ނޯއް ދަމާލަން ނުކެރެއެވެ. ހުއްޓި ހުންނަ އެއްޗެހި، އެކި އަރިއަށް ހެލި، ދުވޭ ތަން ފެނިދާނެއެވެ. އެއްޗެހީގެ ބައްޓަން ތަފާތު ވެދާނެއެވެ. އިރުކޮޅެއް ފަހުން އެ އެއްޗެއްގެ އަސްލަށް އަލުން ރުޖޫޢަ ވެދާނެއެވެ. އަބަދުވެސް އަހަރެން ހުންނަނީ ބިރުން ސިހިސިހިއެވެ. ހާއްސަކޮށް އަބަދުވެސް މީހަކު އަހަރެންނަށް ފާރަލާހެން ހީވާތީއެވެ. ނުފެންނަ އެހެން މަޙްލޫޤެއް އުޅޭހެން ހީވެއެވެ. އެ އިވޭ އަޑުތަކާއި، އެއްޗެހި ފެނުމާއި ސިފަ ބަދަލުވުން ގުޅުފައިވަނީ އެ ނުފެންނަ ފަރާތާއި ކަމުގައި ވެދާނެއެވެ. އެއީ އަހަރެންނަށް ހެޔޮ އެދޭ ނުވަތަ އަހަރެންނަށް ގެއްލުމެއް ދޭން އުޅޭ މީހެއް ކަމެއް ބުނާކަށް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ މި ހުރިހާ ކަމަކުން އަހަރެންގެ ދިރިއުޅުމަށް އަސަރުކޮށްފި ކަމެވެ. ރޭނގަޑު ލޮލުފިޔަ ޖެހެނީއެއް ނޫނެވެ. ކާހިތެއް، ބޯހިތެއް، ގައިން ބޮލުން ތާހިރުވާ ހިތެއް ނުވެއެވެ. ވޭތުވެ ދިޔަ ބައި އަހަރު އަހަރެން ވޭތު މިކުރަނީ މިފަދަ ހާލެއްގައެވެ. ނަމަވެސް އަހަރެންގެ އަސްލު ހާލަތު ވަނީ މުޅި ދެނިޔެއަށް ވަންހަނާ ވެފައެވެ.
އަހަރެންގެ ހާލުގެ އަޑުއަހައި ހިތްދަތިކަމުގައި ބައިވެރިވާނެ ޔާރެއް އިޔާރެއް ނެތެވެ. ރަޙުމަތްތެރިން އެބަ ތިއްބެވެ. ނަމަވެސް، އަހަރެން ދައްކާ ވާހަކަ ފަހުމްވުން ވަނީ އެ މީހުންނަށް ދަތިކަމަކަށް ވެފައެވެ. އެ މީހުން ބުނާގޮތުން ނަމަ އަހަރެން މުއާޞަލާތު ކުރަނީ މަސްހުނިގަނޑެއް ހެންނެވެ. ހާ އެއް ށަވިޔަންޏެއް ނޭނގެއެވެ. އެކި ވާހަކަތައް އެކުވެ މޮޑެވި، އަހަރެން ބުނެދޭން އުޅޭ ވާހަކަ ދޭހައެއް ނުވެއެވެ. ވީއިރު މިފަދަ އާދަޔާ ހިލާފު، އާއްމު އިންސާނެއްގެ ބުއްދިއަށް ގަބޫލުކުރަން އުދަނގޫ ވާހަކަތަކެއް ކިޔައިދީގެން އެ މީހުންނަށް ގަބޫލުކުރެވިދާނެ ހެއްޔެވެ؟ އެކަން ވާނީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެއަށްވުރެން ހަނުހުރުން ވެސް މާ އައުލާކަން ބޮޑެވެ. ދެން ހުރީ މަންމައެވެ. ކުޑައިރު ނުލިބުނި އަޅާލުމެއް ވަގުތެއް، ފުރާ ފުރިހަމަވެ ބޮޑު ފިރިހެނަކަށް ވުމުން ވަކި ލިބޭނެ ހެއްޔެވެ؟ އެއީ ވުމަށް ވުރެން ނުވުން ގާތް ކަމެކެވެ.
އަހަރެންގެ ހާލަތާމެދު ސުވާލުކޮށް، އަހާ އޮޅުން ފިލުވަން މަސައްކަތްކުރާ ހަމައެކަނި މީހަކީ ބޮއްތައެވެ. މި ދުނިޔެ މަތީން އަހަރެން އެންމެ ފޫހިވާ އިންސާނާއެވެ. އޭނާއަށް އަހަރެންގެ ހާލަތު ބަޔާންކޮށް ދޭން ހަމަހިލާ އަހަރެން ބޭނުމެއް ނޫނެވެ. ބޭރުފުށުން ލޯތްބާއި އަޅާލުން ނޫން އެއްޗެއް ނުފެނުނު ނަމަވެސް އެތެރެ ފުށުގަ ވަނީ ކޮންފަދަ ނުބައިކަމެއް ކަމެއް އެނގޭނީ ވަކި ކާކަށް ހެއްޔެވެ؟ އަހަރެންނަށް ކުރިމަތިވަމުން މިދާ ބިލާހެއް ފަދަ ކަންކަން ގުޅިފައިވަނީ އެ އަންހެނާގެ ސުންފާކަމާ ނޫން ކަމެއް ނޭނގެއެއް ނޫން ހެއްޔެވެ؟ އޭނާގެ މަޤްޞަދަކީ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލުން ކަމުގައި ވާނަމަ، އެކަން ވަރަށް ރަނގަޅަށް ވެސް ވެއްޖެއެވެ. މިހާރު އަހަރެންގެ ދިރިއުޅުމަކީ ދުނިޔެމަތީގެ ނަރަކައެއް ފަދައެވެ. ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކުން އަހަރެންގެ ސިކުނޑި ބަލިކަށި ކޮށްލާފިއެވެ. އެ ބިލާހީ ދުނިޔެ ތެރޭގައި ގަނަ ތެޅި ތެޅި އަހަރެންގެ ނަފުސު ބަލިކަށި ވެއްޖެއެވެ. އެކަނިވެރިކަމާއި އަނދިރިކަމުން މުޅި ހަޔާތް ބަނދެވި ވަށާލައިފިއެވެ.
އެނދުމަތީ ފުރޮޅިލަ ފުރޮޅިލަ އޮއްވާ މަޣްރިބް ނަމާދުގެ ބަންގީގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެ އަޑުން ލިބޭ ރޫޙާނީ ހިތްހަމަޖެހުން ހޯދުމަށް ހިތް އެދުނު ކަމުގައި ވިޔަސް އަހަރެންގެ ނަފުސުގެ މައްޗަށް ވެރިވެގަތީ އިބިލީހުގެ ވަސްވާސްތަކެވެ. ނަމާދަށް ފަރުވާތެރިވުމަށް މާމަ ކޮށްފައިވާ ވަސިއްޔަތް ބޮލާލާ ޖަހަން ބޭނުންނުވި ކަމުގައި ވިޔަސް، އެ ހިތްވަރެއް އަހަރެންގެ ނެތެވެ. ކުޑަމިނުން ހަށިގަނޑު ކޮޅަށް ނަގާނެހާ ވަރު ވެސް ނެތެވެ. ދުވާލު ހަތަރު ދަމު ނުކައި ހުރެވުނުކަން ވެސް އިޙްސާސް ކުރެވުނީ ދެނެވެ. އެހިނދު ބޮއްތަ ވެދުމަށް އެރުވި ބަތްތަށި ލޮލުގައި އަޅައިގަތެވެ. ބަނޑުހައިވެ ބަނޑަށް ޖެހުނު ނަމަވެސް އެއިގެން ސުވާއެއްގެ މިންވަރު ވެސް ކެއުމަކަށް އަހަރެންގެ ހިތެއް އެއް ބަހެއް ނުވިއެވެ. އެ ބަތްތަށި ޙައްޤުވާ ތަނަށް، "ޑަސްބިނަށް" އަޅައިލައި ބަނޑުހައި ހޫނުކަން ފިލުވައިލާނެ އެއްޗެއް ހޯދުމުގެ ނިޔަތުގައި، ބަދިގެއަށް މިސްރާބުޖެހީމެވެ. ކަށިން ހިތްވަރު ނެރެގެން ހިނގަމުން ދިޔަ ނަމަވެސް ދުނިޔެ ހީވަނީ މީހާ ވަށައިގެން އެނބުރޭ ހެންނެވެ. މީހާ ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ.
ބަދިގެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ބޮކިތައް ނިވިއްޖެއެވެ. އަލިކަން ގޮސް ކަނު އަނދިރިކަން ވަށައިލައިފިއެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ހިފައިގެން ހުރި ތައްޓަށް ބާރުކޮށްލަމުން ކުރިޔަށް ފިޔަވަޅެއް އަޅައިލީމެވެ. ފާރުގެ އެކި ދިމާއިން އެކި އަޑުއަޑު އިވެން ފަށައިފިއެވެ. އެއްބައި ފަހަރު ރޯ އަޑެވެ. އަނެއްބައި ފަހަރު ހޭ އަޑެވެ. އަހަރެން ބިރުން ތުރުތުރު ލާން ފަށައިފިއެވެ. މީހާ ދާހިއްލައި ފޯ ވެއްޖެއެވެ. ހަމަ އެހިނދު ފާޅުވީ މަޑު އަލިކަމެކެވެ. އެ އަލިކަން ހިނދެއް ހިނދަކަށް ދިޔައީ އަހަރެންނާ ގާތްވަމުންނެވެ. ގާތްވި ވަރަކަށް އެއްޗެއްގެ ސިފަވަމުން އާދެއެވެ. އަހަރެންނަށް ގުޑިލާން ވެސް ނޭނގި ގަނޑުވެފައި ހުރެވުނީއެވެ. ހިތް ޑަންޑަން ލާފައި ތެޅެމުން ދިޔައެވެ. ފެނުނު މަންޒަރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އެމީހާގެ އަތުގައި އޮތީ ވަޅިއެކެވެ. އެ ވަޅިން ރަތްކަން ގަދަ ތާޒާ ލޭ ތިކި ޖަހަމުން ދެއެވެ. އަހަރެންނަށް ބޭ އިޚްތިޔާރުގައި ފަހަތަށް ޖެހެވެން ފެށުނެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ދޮރު ކަންޏަށް މުޑި އަރައި ހުއްޓެން މަޖުބޫރުވިއެވެ. އެ ވަގުތު އެ މީހާ ވެސް ވަނީ އަހަރެންނާ ނުހަނު ގާތަށް އައިސްފައެވެ. އިސް އުފުލައިލެވުނު ހިނދު އެ މީހާއާއި ހަތަރު ކަޅި ހަމަވިއެވެ. އެއީ އޭނާގެ ދެ ލޮލެވެ. އެ ދެ ލޮލެއް އަހަރެންނަކަށް ނޯޅޭނެއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަހަރެންގެ ޝައްކުތައް ޔަގީނަށް ބަދަލުވެއްޖެއެވެ. ނަމަވެސް އާހް! ދެން ކުރާނެ ކަމެއް ނެތެވެ. އެ މީހާގެ އަތް ދަށުވެ އަހަރެންގެ ފުރާނައާއި ހަށިގަނޑު ވަކިވެދާ ވަގުތު ކުޑަތަން ވެއްޖެއެވެ. ދިރިހުރުމުގެ އުއްމީދު ކުޑަ ވެއްޖެއެވެ. އެ ހިނދު މުޅި ތަން ގުގުމައިގެން ދިޔައީ ބާރު އަޑަކުންނެވެ. ކަންބޮޑުވުމާއި ލޯބި އެކުވެފައިވާ އަޑެކެވެ. އެ އަޑުގެ ވެރިފަރާތް ފެންނަން ނެތް ނަމަވެސް އެއީ ކާކުގެ އަޑެއްކަން އަހަރެންގެ ހަވަނަ ހިއްސު ދެނެގަނެފިއެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އެ އަޑަށް އަމަލުކުރީ ދުވަހަކު ވެސް އަހަރެންނަށް ދެރައެއް ލިބުމަށް އެ މީހާ ނޭދޭނެކަން ދުވާލުގެ އަލި ފަދައިން ޔަގީން ވާތީއެވެ. އަތުގައި ހުރި ބާރެއްލާފައި ތަށިން އެ މީހާގެ ބޮލުގައި ޖެހީމެވެ. ލޭ ތައް މުޅި ތަނަށް ބުރައިގެން ދިޔައެވެ. ގަތް ބިރުން ހަޅޭލަވައިގަނެވުނެވެ. މާމަގެ އެހީއަށް އެދި ގޮވެން ފެށުނުވެ.
" ދަރިފުޅާ! ދަރިފުޅާ! '
އަހަރެންނަށް ހޭވެރިކަން ވެގެން އައި ވަގުތު، ކަންފަތުގައި މާމަގެ ނިޔަނެތި އަޑު ޖެހުނެވެ.
" މަ....މާމާ "
އަހަރެންނަށް ބޭ އިޚްތިޔާރުގައި މާމައަށް ގޮވައިލެވުނެވެ.
" މާމަ އޭ! ދަރިފުޅު..ދަރިފުޅާ! "
އަހަރެންނަށް އެސްފިޔަތައް ހުޅުވާލަން މަޖުބޫރުވީ އެ މީހަކު އަހަރެންގެ ގައިގައި ހިފާ ތަޅުވައި ގަތުމުންނެވެ. ފުރަތަމަ ވެސް އަޅައިގަތީ މަންމައެވެ. މަންމަގެ ދެ ލޮލުން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ. ލޯތްބެވެ. ހަމްދަރުދީއެވެ. އެކަން ގަބޫލުކުރަން ދެކޮޅު ހަދަމުން އަހަރެން އަނެއް ފަރާތަށް މޫނު އަނބުރައިލީމެވެ. އަހަރެންނަށް އޮވެވުނު ތަން އިޙްސާސްވީ އެ ހިނދުއެވެ. ހުދު ކުލައިގެ ހަތަރެސް ފާރާއި، އަހަރެންގެ އަތަށް ގުޅާލެވިފައިވާ އައިވީ ފުޅިއާއި ހިތުގެ ވިންދު ދެނެގަނެ ތަސްވީރުކުރަމުން ދިޔަ މެޝިން ފެނުމުންނެވެ.
" ދަރިފުޅާ! ޔައިލް، "
އަހަރެންނަށް މަންމަ އާ ނަޒަރު ސީދާކޮށްލުމަށް މަޖުބޫރުވީ މަންމަ ގޮވާލުމުންނެވެ. އެ އަޑުގައިވީ މޮޅިވެރިކަމުން އަހަރެންގެ ނަފުސަށް ވެސް އެނގުން ވެލައިފިއެވެ.
" ކީއްވެގެން މާމައަށް ގޮވީ؟ މާމަ ވީ ނިޔާވެފައެއްނު! "
ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް އެ ހިތި ހަޤީޤަތާ ކުރިމަތިލާންވީ ވަގުތު ޖެހުނީއެވެ. އާއެކެވެ!. އަހަރެންގެ ލޯބިވާ މާމަ މި ފަނާވަނިވި ދުނިޔެއާއި ވަކިވެ ދިޔަތާ ބައި އަހަރު ވެއްޖެއެވެ. ނަމަވެސް އަހަރެންގެ ބިލާހީ ދުނިޔޭގައި މާމަ ވަނީ އަހަރެންނާ އެކުއެވެ. މާމަގެ ފުރާނަ ނެތަސް މާމަގެ ރޫޙު އަހަރެންނާއެކު ވެއެވެ. ދެރަވެ ކަންބޮޑުވާ ކޮންމެ ފަހަރަކު ހޭހަން ކޮށްދިނުމުގައި ދެމިހުރެއެވެ.
" ދަރިފުޅާ! ޖަވާބު ދީބަލަ. އާދޭސް ކޮށްފަ ބުނަން. "
މަންމަގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. އެ ދެ ލޮލުން ފެންނަނީ އާދޭހެވެ.
" މަންމައަށް އެނގޭ ދަރިފުޅާ މެދު މަންމައަށް އިޙްމާލް ވެވިއްޖެކަން.. ވަރަށް ބޮޑަށް ވެސް އިޙްމާލް ވެވިއްޖެ..އެކަމަކު..އޭރު ވެސް...މިހާރު ވެސް...މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ..."
މަންމަގެ ފުށުން މިއަދު ފެންނަނީ ދުވަހަކު ވެސް އެ މަންމަގެ ފުށުން ފެނިފައި ނުވާ، ނަމަވެސް އަބަދު ވެސް އެދިއެދި ހުރި މައިވަންތަކަމުގެ ކުލުނެވެ.
" ދަރިފުޅާ! މަންމައަށް ތެދުތެދަށް ކިޔައިދީ.. މަންމައަށް މިއަދު ޔަގީންވެއްޖެ ދަރިފުޅަށް ތި އަންނަމުންދާ ބަދަލުތަކުގެ ފަހަތުގައި ކޮންމެ ވެސް ކަމެއް ވާކަން...ދަރިފުޅު ވާހަކަ ދެއްކީމައެއްނު އެހީއެއް ވެސް ވެވޭނީ..."
މަންމަ އަހަރެންގެ އިސްތަށިގަނޑުގައި ފިރުމައިދެމުން ދިޔައެވެ.
މަންމައަށް އިތުބާރުކޮށް މަންމަގެ ކުރިމަތީގައި އަހަރެންގެ ހިތް ހުޅުވާލީމެވެ. އަހަރެން ދިރިއުޅެމުން ދިޔަ ބިލާހީ ދުނިޔޭގެ އާދަޔާ ހިލާފް ކަންތައްތައް އަލިފުން ޔާ އަށް ކިޔައިދިނީމެވެ. އަހަރެން ހީކުރި ގޮތާ ހިލާފަށް އެ ކަންކަން މަންމަ ދޮގެއް ނުކުރެއެވެ. އޭގެ ބަދަލުގައި އަހަރެން އެކަނި އެހާލަށް ދޫކޮށް ލެވުނީތީ އެ ކަމާ ހިތާމަކުރިއެވެ. އަހަރެންގެ ހާލު ބަލައިނުލެވުނީތީ ފަށްފަށުން މާފަށް އެދުނެވެ.
އެ ހުރިހާ ވާހަކަތަކެއް ކިޔައިދެމުން ގޮސް ރޭގެ ހާދިސާގެ މަންޒަރުތައް ސިފަވާން ފެށިއެވެ. ކަނު އަނދިރިކަމެވެ. ނާމާން އަޑުތަކެވެ. ލެއިން ތަތްތެޅިފައިވާ ވަޅިއެވެ. ބޮއްތައެވެ. އަހަރެން ބޮއްތައަށް ދިން ހަމަލާއެވެ. އެ ވަގުތު ލޭ ތިކިތައް ބުރައިގެން ދިޔަ ގޮތެވެ. އެ ހަނދާންތައް ސިކުނޑީގައި ވަށައިލުމުން އަހަރެންގެ މެޔަށް ފިނިވެގެން ދިޔައެވެ. މޫނުމަތީ ކޮކާ އުދުހޭ ކަހަލަ އިޙްސާސްއެއް ކުރެވުނެވެ. ބޮއްތައާ މެދު ކަންބޮޑުވާން ފެށިއެވެ. ބޮއްތައާ މެދު ވިސްނެން ފެށުނެވެ. ބޮއްތަ ކޮބައިބާވައެވެ؟. ބޮއްތައާ މެދު ހިތުގައި ނަފުރަތުވީ ނަމަވެސް އަހަރެންގެ ދެ އަތުން ބޮއްތައަށް ގެއްލުމެއް ވުމަކަށް ހިތެއް ނޭދުނެވެ. ބޮއްތަގެ ވާހަކަ މަންމަ ނާހަނީ ކީއްވެބާވައެވެ؟ ބޮއްތައަށް ކަމެއްވެއްޖެ ނަމަ މަންމަ އަހަރެންނަށް މަޢާފުކޮށްދޭނެ ބާވައެވެ؟ ހުދު އަހަރެންގެ އަމިއްލަ ނަފުސަށް މަޢާފުދެވިދާނެ ބާވައެވެ؟.
އަހަން ނާހަން ހުރެފައި މަންމަ ގާތު ބޮއްތަ ކޮބައިތޯ އަހާލީމެވެ.
" ބޮއްތަ ކައްކަން ވެގެން މަސްކޮށަން ހުއްޓަ ރޭގަ ކަރަންޓް ދިޔައީ ކަމަށްވަނީ.. ދެން ވެއްޓި ބޯ ފަޅައިގެން ދިޔައީ.. ނުވިތާކަށް ބޮއްތަ އަތުގަ އޮތް ވަޅި ވެސް ގައިގަ އެޅުނު.. ބޮލުގަ ބޭސް އަޅާފަ ދޫކޮށްލައިފި މިހާރު.."
މަންމަ ކިޔައިދިނީ ކަން ހިނގި ގޮތެއް ނޫނެވެ. އަހަރެންނަށް ކަންތައްވީ ގޮތް ހަމަ ރަނގަޅަށް ވެސް ފަހުމް ވެއްޖެއެވެ. ބޮއްތަ ފަދައިން އަހަރެން ވެސް އެކަން ސިއްރުކުރަން ނިންމީމެވެ. ނަމަވެސް ބޮއްތަ އެކަން ސިއްރުކުރި ސަބަބާމެދު ހިތުގައި ސުވާލު އުފެދުނެވެ.
" ދަރިފުޅަށް އެނގޭތަ! އެ ހާލުގައި ވެސް ބޮއްތަ ބެލީ ދަރިފުޅަށް އެހީ ވެވޭތޯ... ބޮއްތަ ދަރިފުޅު ނުހިފޭއްޓި ނަމަ، ތެޅިފަ އޮތް ތަށީގެ ބިއްލޫރި ކޮޅުތައް މައްޗަށް ދަރިފުޅު ވެއްޓޭނީ.."
މަންމަ ހާމަކުރި ހަޤީޤަތުން އަހަރެންނަށް ސިހުން ގެނުވިއެވެ. އަހަރެންނަށް އަބަދު ވެސް މަދަދުވެރި ކަމުގެ އަތެއް ދިއްކޮށްލަނީ ބޮއްތައެވެ. ނަމަވެސް އެ އަތުގައި ހިފުމަށް އަބަދު ވެސް އަހަރެންނަށް ދެކޮޅު ހެދެއެވެ.
" ބައެއް ފަހަރު މަންމަ ހިތަށް އަރާ މަންމައަށްވުރެ ބޮޑަށް ދަރިފުޅު ދެކެ ލޯބިވަނީ ބޮއްތައޭ...ބޮއްތަ ދަރިފުޅާ މެދު ހާދަ ވިސްނައޭ..ދަރިފުޅަށް އަންނަމުންދާ ބަދަލުތަކާމެދު ސުވާލުކުރަން ވެސް މަންމައަށް ވަރަށް ނަސޭހަތްދޭ...އެކަމަކު މަންމަ އޭރު ހީކުރަނީ ފުރާވަރުގެ އުމުރު ވީމަ ދަރިފުޅަށް އަންނަ ބަދަލުތަކޭ.."
މަންމަ އިސްޖަހައިލިއެވެ. އެ ދެ ލޯ ވަނީ ފެންކަޅި ވެފައެވެ.
" ގައިމު ކިހާ ވޭނެއް އަޅާނެ.. މަންމައަށް އާދެވުނުއިރު ވެސް ބޮއްތަގެ ބޮލުން ލޭތައް ހޯސްލާފައި ފައިބާ..އަމިއްލަ ހާލާއިމެދު ނުވިސްނާ ދަރިފުޅާ މެދު ކަންބޮޑުވެގެން އުޅުނީ.."
ހަޔާތުގައި ފުރަތަމަ ފަހަރަށް ބޮއްތަ އަހަރެންދެކެވާ ސާފު ލޯބި އިޙްސާސްވިއެވެ. ބޮއްތައާ މެދު ކަންތައް ކުރެވުނު ގޮތުން ކުށްވެރިކަމުގެ އިޙްސާސުން ނަފުސު ވަށައިލިއެވެ.
ވަގުތުން ބޮއްތަ ގާތުން މަޢާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް އޭގެ ކުރިން އަހަރެން މި އަނދިރިކަމުން ނިކުތުމުގެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހެއެވެ. އަހަރެންގެ ބިލާހީ ދުނިޔޭގެ ހަޤީޤަތް ދެނެގަންނަން ޖެހެއެވެ. ހިތައް އަރައެވެ. އެ ބިލާހީ ދުނިޔޭގެ އަސްލަކީ ކޮބައިބާވައެވެ؟.
“schizophrenia -"ސުކިޒޯފުރީނިއާ..
"ޔައިލްއަށް ކުރިމަތިވަމުންދާ ކަންކަމުގެ އަސްލަކީ "ސުކިޒޯފުރީނިއާ" ކިޔާ ނަފްސާނީ ބައްޔެއް.."
އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. މި ހުރިހާ ދުވަހު އަހަރެން ހީކުރަމުން އައީ އެ ބިލާހީ ދުނިޔެ ގުޅިފައިވަނީ ރޫޙާނީ ކަންތައްތަކާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ކަމެއް ގުޅިފައިވަނީ.. ނަފުސާނީ އެ ބައްޔާއެވެ. އަހަރެންނަށް އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަކީ ސިކުނޑިން ކުޅެދޭ މަންޒަރުތަކެކެވެ. ޑެލޫޝަންތަކެކެވެ. ބޮއްތައާ މެދު ވެސް ޝައްކުގެ ނަޒަރުން ދެކެވުމުގެ އަސްލަކީ ވެސް އަހަރެންގެ ހާލަތެވެ. ބޮއްތަގެ ހެޔޮކަން ބަލައިގަތުމުގެ ބަދަލުގައި، ނަފުރަތުކުރެވުނީ ސިކުނޑިން ދިން ވަސްވާސްތަކުގެ ސަބަބުންނެވެ.
އަދި އެނގޭ ހެއްޔެވެ؟ ރައްޓެހިން ކުރަމުން ދިޔަ ތުހުމަތުތަކަކީ ވެސް ހަޤީޤަތެކެވެ. މި ބަލީގެ ސަބަބުން މުޢާމަލާތުކުރުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ. އަހަރެންނަށް ކިޔޭ ނުކިޔޭ ނޭނގި ވާހަކައިގެ މިސްރާބު ދޫވުމުގެ އަސްލަކީ ވެސް ހަމަ މި ބައްޔެވެ. އެންމެންނާ އެކަހެރިވެ، ކެއިން ބުއިމާއި ސާފުތާހިރު ކަމާ ވެސް ދުރަށް ދިޔުމުގެ އަސްލަކީ ހަމަ މި ބައްޔެވެ. ރޭގަނޑުގެ ހަމަ ނިދި ލިބުނަ ނުދީ ހަށިގަނޑާއި ޖިސްމު ވަރުބަލި ކޮށްލީ ވެސް މި ނުރައްކާތެރި ބައްޔެވެ.
ތަފާތު ހަރުފަތްތަކަކަށް ބެހިފައިވާ މި ބައްޔަކީ ދުނިޔޭގެ ނިސްބަތުން މަދު ބައްޔެކެވެ. މި މަދު މީހުންގެ ތެރޭގައި އަހަރެން ވެސް މިވަނީ ހިމެނިފައެވެ. މި ބަލީގެ ގިނަގުނަ ތަފާތު އަލާމާތްތައް ވާއިރު، އަހަރެންގެ ދިރިއުޅުމާމެދު ވިސްނައިފިނަމަ، އެ އަލާމާތްތައް ދުވާލުގެ އިރު ފަދައިން ފާޅުވެ ފާހަގަވާނެއެވެ. އެހެނަސް އަހަރެންގެ މަންމައަށް އެ އަލާމާތްތަކާމެދު އިޙްމާލް ވެވުނީއެވެ. އަހަރެން މަންމައަށް އެއީ ފުރާވަރުގެ ކުއްޖަކަށް ވުމުން އުޅުމަށް އައި ބަދަލެއްގެ ގޮތުގައި ހީކުރެވުނީއެވެ.
އަހަރެންގެ ހާލަތު އެނގުމުން، އަހަރެންނަށް ވުރެން ބޮޑަށް ހިތާމަކުރީ މަންމައެވެ. މަންމައަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފުސެވެ. އާ އެކެވެ!. އުޅެ ބޮޑުވާ މާހައުލަކީ މިފަދަ ބަލިތަކަށް ހުށައެޅުމަށް އަސަރު ފޯރާ ކަންކަމެވެ. އަމިއްލަ މައްސަލަތަކާ ހުރެ ދަރީން ބާކީކޮށް އެކަހެރިކޮށްލުމުން، އެކަމުގެ އަސަރު އެ ކުދީންގެ މުޅި ހަޔާތަށް ކުރާނެއެވެ. ނަމަވެސް އަހަރެން ވެއްޓިފައި މިވާ އަނދަވަޅަށް އަހަރެން ވައްޓާލި މީހަކީ މަންމަކަމުގައި ނުބުނާނަމެވެ. އެހެނީ އެހެން ބުނެވޭކަށް ވެސް ނެތެވެ. ވަސޭހަތްތެރިން މަޢުލޫމާތު ދިން ގޮތުގައި އުޅެ ބޮޑުވާ މާހައުލުގެ އިތުރުން، ސިކުނޑީގެ ސިއްޙަތާއި، މައިންބަފައިންގެ ފަރާތުން ވާރުތަކުރާ ޖީން ތަކަކީ ވެސް މި ބައްޔާއި ގުޅި ލާމެހިފައިވާ ކަންކަމެވެ.
ފަރުވާއެއް ނެތް ބައްޔެކެވެ. ނަމަވެސް ބައްޔާއެކު ދިރިއުޅެން ދަސްކުރެވިދާނެއެވެ. ޢާއްމު ދިރިއުޅުމަކަށް ރުޖޫޢަވުމަށް މަސައްކަތް ކުރެވިދާނެއެވެ. މި އަނދަވަޅުން އަރައިގަތުމަށް އަހަރެން ފަށާ ދަތުރު މި ފަށަނީ، މަންމައާއި ބޮއްތަގެ މަދަދުވެރިކަމުގެ އަތުގައި ހިފައިގެންނެވެ. މާމަގެ ހަނދާންތަކުން ހިތްވަރު ލިބިގަނެގެންނެވެ. އުއްމީދަކީ އަދި ދުޢާ އަކީ ވެސް ބިލާހީ ދުނިޔޭގެ އަނދިރިކަމަށް އެއްކޮށް އަލްވަދާޢު ކިޔޭނެ ދުވަހެއް މާތްﷲ މިންވަރު ކޮށްދެއްވުމެވެ.
- ނިމުނީ -