މުނިފޫހިފިލުވުން

ވުނަދަންކާރަ


  • ލިޔުނީ: މިންނާ ޢަބްދުﷲ

ގޯތިތެރޭގައި ހުރި ބޮޑު ނިކަގަހުގެ ހިޔަލުގައި ހުރި ޖޯއްޔެއްގައި، ދިމާ މުރިނގަށް މޫނު ލައިގެން އެ އޮތީ، އިރެއްގައި މިރަށުގެ އެންމެ މުއްސަނދި ވުނަދަންކާރައެވެ. އެއީ މިރަށު ބޮޑުގޭ ދޮން ސީދީއެވެ. މަހަށް ފުރާ ހަތަރު އޮޑި އާއި މާލެއަށާއި ބޭރު ކަރަކަރައަށް ދަތުރުކުރާ ތިންގަނޑެތި ސީދީގެ އޮތެވެ. އެތައް ސަތޭކަ ރުކެއް ހިމެނޭ ގޮތުން ބޮޑު ރުއްވަލަކާއި، އެތައް ދަނޑުބިމެއް ސީދީގެ މިލްކިއްޔާތުގައި އޮތެވެ. ގޮވާމާއި ފަލަމަޑީގެ ބާވަތްތަކާއި މޭވާ އާއި ތަރުކާރީ، ދަނޑުތަކުގައި ހައްދައި، މާލެއަށާއި އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ވިއްކައިގެން، އޭގެ ނަފާ ސީދީއަށް އޭރު ހުރީ ލިބިލިބިއެވެ. ރުއްތަކުން ބާލާ ރުކުރަލުން ހަކުރު ހިލައި، މަސް އޮޑިފަހަރުން ބާނާ މަހުން، މަހުގެ ބާވަތްތައް އުފައްދައި، ބޭރަށް ވިއްކައިގެން ލިބޭ އާމްދަނީ ސީދީއަށް ވެސް ނޭނގޭހައި ގިނައެވެ. ހަމަ އެހެންމެ، އެ ދަތުރުތަކުން ކާޑާ އެކު، ސީދީ ބޭނުންވާ މުދާތައް ރާއްޖެ ގެނެސް، ވިޔަފާރި ކުރަމުން ދިޔަ ބޮޑުސޭޓަކީ ވެސް ސީދީއެވެ. މިފަދަ ބޮޑު މުއްސަނދިކަމެއް ސީދީއަށް ލިބުނީ އޭނާއަށް ހޮވުނު މާވަހަރެއްގެ ސަބަބުންކަމަށް، ރަށާއި އަތޮޅުތެރޭގައި މަޝްހޫރުވެފައި ވެއެވެ. ސިދީއަކީ ތަނަވަސް މީހެއްކަމަކު، އޭނާއަކީ ކެނޑިތަނުން ލޭ ނާރާވަރުގެ ދަހި މީހެއްކަން އެރަށުގެ އެންމެން ވެސް ދަނެއެވެ. ރަށަށް ނިސްބަތްވާ ގިނަ މީހުންނަކީ ސީދީގެ ވަޒީފާއެއްގައި ހުރި މީހެކެވެ. ކެޔޮޅުންނާއި މަސްވެރިންނެވެ. ދަނޑު ވެރިންނާއި ރާވެރިންނެވެ. މާލިމީންނާއި ފަޅުވެރިންނެވެ. މަސް ކައްކާ ހިއްކާ މީހުންނާއި ހަކުރު ހިލާ މީހުންނެވެ.
އެހާ ތަނަވަސްކަމާއި ޢިއްޒަތުގައި އުދުހުނު ސީދީ، މިއަދު އެރަށު މީހުން ބަލައިގަންނަނީ، ޖަހަލާ ހަކުރު ފޮނަށްވުރެ ވެސް ނުބައި މީހެއްގެ ގޮތުގައެވެ. އަދު އެ ދިރިއުޅުން އެ ވަނީ މުޅީން ފަނާވެ، މޭލި ވެފައެވެ. އުދަރެހަށް ބަލަން އޮވެ، އެކުރާ ހިތްދަތި ފިކުރުތަކުން ޔަގީންކޮށްދެނީ ސީދީއަކީ މިއަދު އެރަށުގައި ހުރި އެންމެ އަގެއްނެތް މީހާކަމެވެ. ހާލު ބަލައިލާ އުޅެނީ ވެސް، އޭރު ސީދީގެ ނޯކިރީ ގައި އުޅުނު ބަނޑޭރިއެވެ. ހިތުގައި އަގަލެއް އޮތަތީއެވެ. ސީދީގެ އުޖާލާ އަފްސާނާ ހަފުސްވެ، ޚަލާސްވި ގޮތް، އޭނާގެ ނަޒަރުގައި އަބަދުމެ ހުންނަނީ ތަމްސީލު ވޭވެއެވެ.
ބޮޑު ގޭގެ ފެންޑާގައި ކޮޅާ ކޮޅު ނުފެންނަ ހިސާބަށް ޖަހާފައިވާ އަދަރާދަ ގޮނޑިތަކުގައި، އެކިއެކި ސައްލާތަކާއި ރާޒުވާ ކުޅުމާއި ތިންހަމަ ކުޅުމުގައި، ރޭ ދެބައިވަންދެން ބޮޑުގޭގެ ވަޒީފާ ތަކުގައި އިސްކަނޑި އަނބުރާ މީހުން، ހީނ ސަމާސާ ކުރުމުގައި އުޅެއެވެ. މި މީހުންނަށް ކަޅުސަޔާއި ފުށްސައިދީ، ދުންގަނޑު އަޅައިދޭން ސިލުނބުތައް ހިފައިގެން، ފަތަރާސީވަމުން ހިނގާ އަންހެން ކުދިން ބޮޑުގެ ތެރޭގައި އުތުރެއެވެ. ބޮޑުގޭގައި އުޅޭ ޖިންސުއްލަތީފުންގެ ތެރެއިން ވަކިން ޚާއްޞަ އެއްކުއްޖަކު އިނދެއެވެ. އެއީ ބީރައްޓެހި ރަށަކުން ގެނެސް އިން ދޮން އޮމާން ބައްޓެކެވެ. ނަމަކީ ހައިރުއްނިސާއެވެ. ގާތް މީހުން ކިޔާ އުޅެނީ ނިސާއެވެ. ނިސާގެ ވަޒީފާއަކީ ސީދީގެ އަންހެނުން ކަމަނަގެ ޒާތީ މަސައްކަތްތައް ކޮށްދިނުމެވެ. ކަމަނައަކީ ސަމައްތަރުހެޔޮ، ޒީލަގަދަ، ފިސާރި އަންހެނެކެވެ. އެއީ ދުވަހަކު ވެސް ދަރިމައިވި އަންހެނެއް ނޫނެއެވެ. ކަމަނަ ލާ، އަދާރަސަމް އާއި ޕޫލްރަސަމް ފޮތީގެ ލިބާސްތައް ކަމަނަގެ ވަނާތަކަށް ހެޔޮވަރުވާގޮތަށް ފަހާނީ ނިސާއެވެ. ލިބާސްތަކާ ގުޅޭގޮތަށް ބޯވަޅު ގަތައި، ހިރުއަޅައި ހަދާނީ ވެސް ނިސާއެވެ. އެކި އަރިއަރިއަށް ސަޑުލައިގެން، ކާޅުގެ ފައި ވެސް ހަރުނުލާހައި އޮމާންކޮށް، ކަމަނަގެ ބޮލުފުނާ އަޅައިދޭނީ ވެސް ހަމަ ނިސާއެވެ. ކަމަނަގެ ދުލުގެ ހަންޖަރުން ނިސާ ކަތިނުވާނެކަން ކަށަވަރުވާ ފެންވަރަށް، ނިސާގެ މަސައްކަތުގެ ފޭޑި ހުރިކަން އެންމެނަށް ވެސް ޔަގީނެވެ. މި މަސައްކަތަށް އުޖޫރައެއްގެ ގޮތުން ނިސާއަށް ލިބޭހައި ވެސް އެއްޗަކީ، ކަމަނަ ލައި ބާކުރާ ލިބާސްތަކާއި، ގެތުން ހުތުރު ވެގެން ވިޔަސް، ކަމަނަ ނާޅާން ބަހައްޓާފައި ހުންނަ ގަހަނާތަކެވެ. އަދި ކަމަނަ އާއި އެއް ސުފުރާމަތިން ކާން ލިބޭ ކާއެތިކޮޅެވެ. މި މިންވަރު ނިސާ ކަހަލަ ނިކަމެއްޗަކަށް ލިބުމަކީ ވެސް، ނިޢުމަތެއް ކަމުގައި ދެކިގެން އެ މަސައްކަތުގައި ނިސާ ދެމި އިނީ ނިކަން އުފަލުންނެވެ.
ނިސާގެ އަތްމަތި ފަރިތަކަމާއި، ރީތި ބުރުސޫރަ އާއި ނިސާގެ ލަދުރަކި އަދާތަކުން، ސީދީގެ ހިތް ކަތިވެ، ޒަޚަމްވެ، އަވަދިވަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނިސާގެ އެ އުޅުމަށް ސީދީ ދޭ ސިއްރު ނަޒަރުތައް ނިސާއަށް ވެސް ފާހަގަ ވެއެވެ. ސީދީގެ ހިތުގެ ހާލު ނިސާއަށް ބޭޒާރު ވެއްޖެކަން ސީދީއަށް ޔަގީން ވުމުން، ސީދީ ވެސް އޭނާގެ ހިތު ލޭފަވެތިކަން ނިސާއަށް ފާޅުގައި ހާމަކޮށްފިއެވެ. ބޮޑުގޭގެ އުތުރު ފަރާތުގައި ހައްދާފައިވާ މާބަގީޗާއިން، އިރުދޭމަލެއް ބިނދެލައި، ނިސާގެ ހުޅީގައި ހަރުކޮށްލި ދުވަހަކީ، ސީދީ ނިސާއާ ފިކުރާވެ، ނިސާގެ ލޯތްބަށް ހެސް ގަނެފައިވާ މިންވަރު ކަށަވަރުވި ދުވަހެވެ. އެދުވަހު އެ މާ، ނިސާގެ ހުޅީގައި ޖަހަމުން ސީދީ ބުނެލިއެވެ.
"އަހަރެންގެ މިހިރަ ރީތި މުސްކުރާނާ! ތިޔަހެން މީހަކު މިލަކޮށްފައި ދޭ ލިބާހެއް ލައްވާ ވަރަށްވުރެ، އަނާ ތިޔަ ގޮމާދެކެ ވާ ލޯބި މާބޮޑު. މުއްތު ފުރާލަން ދޭ ކާއޮތިކޮޅަކުން ފުއްދައި ލެވޭވަރަށްވުރެ، ތިޔަ ޖިސްމުގެ އަގު އަދި މާބޮޑު. މީގެފަހުން އަހަރެންގެ މި ގޮމާ ލާނީ، ފަށުވި، ދަޅަޖެހި މޮޅުފޮތީގެ ލިބާސް. މި ގިއުޅު އަތުކުރި އާއި މި އޮމާން ކަނދުރާގައި އަޅުވާނީ ރަންރީނދޫ އޮފުއަރާ ހާލިސް ރަނުގެ އެންމެ ނަޔާ ޒޭވަރު. އުޖޫރައަކީ އަހަރެންގެ ހުރިހާ ނޯކިރީންނަށް ދޭ އުޖޫރަޔާ އެއްވަރު އަގު"
އެވަގުތު ވީ އުފަލުން، ސީދީއާ، ނިސާ ވެސް ފިކުރާވާކަން އެންގުމަށް އެ އުޅެލި ތުއި ގޮތްގޮތުން ސީދީގެ މުޅި ޖިސްމުގެ ހަމަޖެހުން ގެއްލި، ހިތް ތެޅިގަތީ ސީދީއަށް ވެސް މަތަ ނުކުރެވޭހައި ސިޔާސަކޮށެވެ. ނަމަވެސް ހިތަށް ކުރަމުންދާ އަސަރުގެ މައްޗަށް ބާރުފޯރުކޮށް މައިތިރި ކުރެވޭތޯ ސީދީ މަސައްކަތް ކުރީ، ކަމަނަގެ ރުހުން ހޯދޭނެ މަންތިރިއެއް ސީދީއަށް ވިސްނެންދެނެވެ. ދެމަފިރިންކަމަށް ވީތީ ދިރިއުޅުމުގައި އެކަކު އަނެކަކަށް އެނގޭ ސިއްރުތައް، ސިއްރުގެ ގޮތުގައި ވަންހަނާކޮށް ބޭއްވުމަށް ޓަކައި، ކަމަނަގެ އަނގަ ހަންމަތަކުރަން ސީދީއަށް މަޖުބޫރުވާތީއެވެ. އެކަކު އަނެކަކަށް ޓަކައި، ފިދާވަމުންދިޔަ ސީދީ އާއި ނިސާގެ ލޯބީގެ ޖަޒުބާތުތަކުގެ މައްޗަށް އިސްކުރަމުން ދިޔައީ ހިކުމަތާއި މަސްލަހަތެވެ. ނިސާއަށް ސީދީ ދޭ ގަހަނާ އާއި މޮޅު ފޮތި، ވަގުތު ޖެހެންދެން ބޭނުން ނުކޮށް ރައްކާކޮށްފައި ބެހެއްޓުމަކީ، އެންމެ މަސްލަހަތު ހުރި ގޮތްކަމުގައި ނިސާ ސީދީއަށް ވިސްނައިދިނެވެ. ސީދީ ވެސް އެ ބުނި ބުނުމާ އެއްބަހެވެ. ސިއްރު ސިއްރުން ސީދީއާ އެކު ނިސާ ބާއްވާ ބައްދަލުމުންތަކުގައި، ނިސާގެ މޫޝީޤީ އަޑުން އިއްވާލާ ވާހަކަތަކަކީ، ސީދީއަށް ޓަކައި، ފުދި އިތުރުވާ މިންވަރެއް ކަމުގައި ސީދީ ގަބޫލު ކުރިއެވެ.
ސީދީ އާއި ނިސާއަށް ފާރަލަމުންދާ އެކަކީ ސީދީގެ ބޮޑުބައްތެލީގެ މާލިމީ ހައިދަރެވެ. އޭނާއަކީ ސީދީގެ އަނބި، ކަމަނަގެ ސިއްރު ލޯބިވެރިޔާއެވެ. ސީދީއަށް ދޮންކަޅު ވެސް އަންގައިނުލައި، ހައިދަރު ކަމަނައާ ހިތާވެގެން އުޅޭތާ ދުވަސްގަނޑެއް ވެއްޖެއެވެ. ނިސާ ފަދައިން ހައިދަރަކީ ވެސް ބީރައްޓެއްސެކެވެ. ދަތުރު ނިންމާފައި ބައްތެލި ރަށު ބަދަރުގައި އޮންނަ ނަމަ، ދަން ދެބައިވެ އެންމެން ނިދައި ހިލަން ކެނޑުނީމައި، ކަމަނަ ސިއްރުން ނުކުމެގެން ގޮސް ހައިދަރާ ބައްދަލު ކުރެއެވެ. ލޯބީގެ މާފޮޅުވައި، ސީދީގެ ވިޔަފާރީން އެތައް ބައިވަރު ފައިސާއެއް ހަދިޔާގެ ގޮތުގައި ކަމަނަ ހައިދަރަށް ދެއެވެ. ހަނދާނެއްގެ ގޮތުން ކަމަނަގެ އުނަގަނޑުގައި އޮތް ރިހި ފައްޓަރުބައި ދިނުމަށް ހައިދަރު އެދުމުން، އެ ވެސް އުނަގަނޑުން ނަގައި ހައިދަރަށް ކަމަނަ ދިނެވެ. ލޯބި ވާތީއެވެ. ހައިދަރު ފަދަ، ޒުވާން ހަށިގަނޑަކުން ކަމަނަ އުފާކޮށްދޭތީއެވެ.
ފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ހައިދަރު ގެއްލެއެވެ. މިހެން ދިމާވާ ކޮންމެ ފަހަރަކު ކަމަނަ މޮޔަވެއެވެ. ގަބުހިލެއެވެ. އެނދު ހުރަސް ބަލި ޖެހެއެވެ. ނުކައެވެ. ނުބޮއެވެ. ފެނެއް ނުވަރައެވެ. އަލުން އެނބުރި ހައިދަރު އައުމާ އެކު އާ ދިރުމަކުން ކަމަނަ ދިރެއެވެ. ހީނހީނފައި އުޅެން ފަށައެވެ. އެހެން ހައިދަރު އެ އުޅެނީ ކަމަނަ ތަޅުވާންކަން ކަމަނައަށް ކަށަވަރެވެ. އެކަމަކު ވެސް ހަމަ އެހެން މޮޔަ ވެވެނީއެވެ. ވާގޮތެއް ނޭނގި، އަމުދުން ސިދީއަށް ނުއަންގާ ހައިދަރު ފެނި ގެއްލޭތީ، ސީދީ ހުންނަނީ އިންތިހާއަށް ނުރުހިފައެވެ. އެހެނަސް ހައިދަރަށް އޮންނަ ޔަގީން ކަމަކީ، އޭނާގެ އެ ވަޒީފާ އޭނާއަތުން ނަގަން ކެރޭވަރުގެ މީހަކު ބޮޑުގޭގައި ނޫޅޭނެކަމެވެ.
އުފަލާއި މަޖަލުގައި ނާޗަރަންގީތަކުން އުފާކުރަމުން، ބޮޑުގޭގެ މައި ދެތަނބު ހިންގާ ސިއްރު ކުޅިވަރު ހަގީގަތުގައި ވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިއުމުގެ ތެރެއިން އައި ދުވަހެކެވެ. މަސް އޮޑި ލެފި ތަނުން ހައެއްކަ ރާގޮނޑި ގޮނަކަށް ލައިގެން އައިސް ބަދިގޭގެ އަންހެން ވެރިންނަށް ގޮވާފައި، މަސްތައް ބަހައްޓާފައި ބަނޑޭރި ހިނގައްޖެއެވެ. އޭގެ އިރުގަނޑެއް ފަހުން، ކަމަނަގެ ޒީލަގަދަ އަޑު ބަނޑޭރީގެ ކަންފަތުގައި ޖެހުނެވެ.
"ބަނޑޭރި! މަސްތަކަށް އެހެރީ ކިހިނެއް ހަދާފަ؟ ކަރުއެޅި ސާމާނެއް ވިއްޔާ ގޮނުތެރޭގައި ބަހައްޓާފަ. ބަދިގެ ކުދިންނަކަށް އެކަމަށް ޖަވާބެއް ނުދެވުނު. އަދި އެތާނގައި ނެތޭ، ލޯ ހަމައަށް ހުރި، ބަނޑައިދޫ ވީދާ ނުލައި އެންމެ ރާގޮނޑިއެއް ވެސް"
"އަޅުގަނޑު އެ މަސްތައް ގެނައި އިރު އެއިން އެއް ވެސް މަހަކަށް ގެއްލުމެއް ވެފައެއް ނެތް. ކަރު އަޅާފައެއް ވެސް ނުހުންނާނެ. މީގެ ކުރިން ވެސް ކަރުއަޅައި މަސް ކަނޑަނީ ބަދިގެ ކުދިންނޭނުންތޯ؟" މަޑުމޮޅިކަމާއެކު ބަނޑޭރި ޖަވާބު ދިނެވެ.
"ދެން އެންމެ ރަނގަޅު. މީގެ ފަހުން މަސް ގެނެސް ބަދިގެ މަންޖެއަކު އެއާ ހަވާލު ނުވަނީސް ބަޑޭރި ގޮސްގެން ނުވާނެ" ކަމަނަގެ ބަސް، އަމުރުވެރި ރާގުގައި ބަނޑޭރިއަށް އިއްވުމުން އާއެކޭ ބުނުމުގެ ގޮތުން ބަނޑޭރި ބޯ ޖަހައިލިއެވެ. އެވަގުތު ކަމަނަ ބަދިގެއިން ކުއްޖަކަށް ގޮވައި މަސްކަނޑައި ކައްކަން އެންގިއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ރައިވެރި އަހަންމާބޭ ފިކުރު ބޮޑުވެފައިވާ މޫނަކައިގެން އައިސް ކަމަނައަށް ކޮވައިލިއެވެ. ކަމަނާއެވެ! ސީދީ އެބަ އުޅުއްވާތޯއެވެ؟ އަހަންމާބޭގެ މޫނުގެ ކުލަވަރު ފެނިފައި ކަމަނަ ހައިރާން ކަމާއެކު ސުވާލުކުރިއެވެ. ވީ ކީއްހެއްޔެވެ؟ ވީކަމެއް އިހަށް އަހަރެން ގާތު ބުނެބަލާށެވެ! އެހެން ބުނުމާއެކު ކަމަނަގެ ގާތަށް ލެފިލާފައި ކޮނޑުގައި އޮތް ރާދަނޑީގައި އަޅުވާފައިވާ ރާބަދިތަކުން ރާ ބައްޖެއްގެ މަތި ނަގައި ދައްކައިލަމުން އަހަންމާބެ ބުނެފިއެވެ. ބައްލަވާށެވެ! އަދު ރުއްތަކުން ބޭލި ރަލުގައި މިހުރީ ލޭ ކުލައެވެ. ފޮނު ހުރީ އެހެންޏާ ހުންނަ ޒާތަކަށް ނޫނެވެ. ލިބުނު ޚަބަރާއެކު ކަމަނަ ވެސް ކަންބޮޑުވެ ހުރެ ސުވާލު ކުރިއެވެ. އެހެންވިއްޔާ، އަހަންމާބެ އެތް މަންނަން ރާވަޅި ހިންގާލީމަ ވެސް، ތިޔަ ކުލަ ފޭއްދޭ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުހުރެއެވެ. ޔަގީންކަމާއެކު އަހަންމާބެ ޖަވާބު ދިނެވެ. އެހެންވިއްޔާ، އެކުން ބާރަށް ތިޔަ ވާހަކަ ނުދައްކައްޗެވެ! އަމުދުން ސީދީއަށް އިވޭފަށުގައި ތިޔަހެން ނުކިޔައްޗެވެ! މިއަދުގެ ތިޔަ ބައި، ވަރުވާން ފަށާފައި ހުރި ބަޔާ އެއްކޮށްލާށެވެ! ކޮންމެ ތެއްޔަކަށްވެސް ވަކި މިންވަރަކަށް އަޅާށެވެ! މިކަންކުރާނީ އަހަންމާބޭގެ އަތުންނެވެ. ރާ ވަރުކުރާ މަންޖެމެންނާ ބައްސައިގެން ނުވާނެއެވެ! އަންގައިގެންވެސް ނުވާނެއެވެ! ވައި އަޑުން ކަމަނަ އިރުޝާދު ދިނެވެ.
އެ ރޭގެ އިރާދަމުގެ ވަގުތެވެ. ދަނޑު ހައްދަން އުޅޭ ބަކުރުބެ އައިސް، ބޮޑުގެ ފެންޑާ ބޭރުގައި ކަރު އެލިފައި ހުރެ ސަލާމް ގޮވައިލިއެވެ. ބަކުރުބޭގެ އަޑު ޖެހުމާއެކު ކަމަނަ ނުކުމެ އަހައިލިއެވެ. ބަކުރުބޭއެވެ! ހާދަ ވަރަކަށް ދާހިއްލާ ހުރެ ތިޔަ އައީ ކީކޭ ކިޔަން ހެއްޔެވެ؟ މި ހަފުތާ ވެސް ގެއަށް ދާންވީ ހެއްޔެވެ؟ އެހެން ކަމަނަ އެ ބުނީ ދަނޑު ހައްދާ މީހުންނަށް އެމީހުންގެ އާއިލާ ގާތަށް ދެވޭނީ މަހަކު ދެ ދުވަހަށެވެ. ގޭތެރެއިން މީހަކު މާބޮޑަށް ބަލިވެ އުޅެންޏާ، އޮންނަ އުސޫލުން ފޮނުވައެވެ. ކަމަނަ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނޫނެކޭ ބުނަން ބޯ ހޫރާލަމުން ބަކުރުބޭ ބުނެލިއެވެ. އިރާދަ ކުރެއްވީތީ އަޅުގަނޑު ގޭގައި ތިބި ތިންމައިން ތިބީ ގަދަވެ، ހެޔޮ ހާލުގައެވެ. އެހެންވިއްޔާ ދެން ތިޔަ އައީ ކީކޭ ބުނަން ހެއްޔެވެ؟ ކަމަނަ ސުވާލު ތަކުރާރު ކުރިއެވެ. ނަންގަންނަން ތޯއެވެ؟ ފަތިހުގެ މުލަހާލާއެކު، އަޅުގަނޑުމެން ދަނޑަށް ދިޔައިރު، ބިންބި ދަނޑާއި ކުދިބަތް ދަނޑު އޮތީ ރޯކޮށް ހުލި ކޮށްލާފައެވެ. ބޭނުން ކުރެވޭ ކަހަލަ އެންމެ ކުރާ ގަނޑެއް ވެސް ނެތެވެ. މޭވާ އާއި ތަރުކާރީ ދަނޑުތައް އޮތީ މިލައި މޯޅިވެފައެވެ. އެކަން ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން ހުރިހާ ކުދިން، ލައްކަ މަސައްކަތް ކުރީމެވެ. އަސުރުން ތިރިވާންދެން ދަނޑުތަކަށް ފެންޖަހައި ހެދީމެވެ. ނަމަވެސް ރަނގަޅުވާގޮތެއް ނުވިއެވެ.
ލިބުނު މާޔޫސްކަން ރުޅިއަށް ބަދަލުވެ، ކަމަނަގެ މޫނުން ދިލަކަނި ބުރައިގެން ދިޔައެވެ. ކަމަނަގެ ދުލުން ބޭރުވާ ކޮންމެ ލަފުޒެއްގައި ވަނީ ގަދަ ރުޅިއެވެ. އަނގުރު އަލިފާނެވެ. އެހެން ހުރެ ބަކުރުބެއާ ދިމާއަށް ހެއްދެވި ނުހެއްދެވި ގޮވައި، ހަޅޭލަވައި ތުހުމަތުތައް ކުރާއަޑަށް ސީދީ ނުކުމެ ގޮވައިލިއެވެ. ކަމަނާއެވެ! ކޮންފަދަ މުސީބާތެއް ކަލޭގެ މައްޗަށް އައީ ހެއްޔެވެ؟ ތިޔަ ދޫ، މައިތިރިކޮށްފައި ވީ ގޮތެއް ކިޔައިދޭން ތާކު އިށީންނަން އާދެބަލާށެވެ! ސީދީ އެހެން ބުނި ރާގުން ކަމަނަގެ ރުޅިގަނޑު އިމުން ނެއްޓުނެވެ. އަދި ކުރިން ވެސް އޭނާ ގޮވި ގޮވެލިފަތި ގޮވަން ފެއްޓިއެވެ. ލިބުނު މާސިންގާ ހިތްދަތި ޚަބަރުން، ސީދީ ހުރިތަނަށް ތިރާ ވެއްޖެއެވެ. އެހެންވާނޭ ނޫންހެއްޔެވެ؟ ގޮވާން ގަސްތައް ހެދިފައި ހުރީ ތިޔަހެނެއް ނޫނެވެ. ގަސްތަކުގައި ކޮޅި ޖަހައިފައިވަނީ އިންތިހާއަށެވެ. އެ ހުރިހާ ކުރާގަނޑުތަކަށް ފުށްއަރައި ފައްކާވެ، ކުރާ ކަނޑަން އޮތީ އަދުނޫން މާދަމާއަށް ވެފައެވެ. ދަނޑު ތަކުގައި މޭވާ އާއި ތަރުކާރީތައް ހުރީ ދޮންވެ، ފައްކާވެފައެވެ. ދަނޑު ހައްދާ ކުދިން އިންތިޒާރުގައި އެތިބީ މާލެ ދަތުރުކުރާ އޮޑީކުދިން ބުނަންދެނެވެ. އުޅަނދުތައް ނުފުރި ތިބީ މާނަކަތު ކޮޅިގަނޑުގެ ވަރު ފައިބާންދެނެވެ. އެވަރުވެފައި ހުރި، އެ ހުރިހާ ދަނޑު ބިމެއް، މިބުނި ހިނދުން ހަނާވެ ދިއުމަކީ، ސިކުނޑީގައި ވިންދެއް ހުރި އެކަކަށް ވެސް ހިންދައި ލެވޭނެ ކަމެއް ހެއްޔެވެ؟ އެހެންވީމާ، ސީދީއެއް ކަމަކު ކެތް ވާނެހެއްޔެވެ؟
ބޮޑުފެންޑާގެ އުނދޯލީގައި ދެމަފިރިން ތިބީ ހިމޭން ވެފައެވެ. މީގެކުރިން، އަލިވެ، ބަބުޅާ ބޮޑުގޭގައި ދިއްލާފައިވަނީ އެންމެ ފާނޫޒުގަނޑެކެވެ. އެ ގެ ހީވަނީ ދެންމެއަކު ސަންދޯކެއް ނެރެފައިވާ ގެއެއް ހެނެވެ. މައްސަލަ ހައްލު ކުރާނެ ބުއްދިއެއް ދެމަފިރިންކުރެ އެކަކަށް ވެސް ނުވިއެވެ. އެހެން އިރުގަނޑަކު ތިބުމަށްފަހުން، އިސް މަގާމުތަކުގައި ތިބި މީހުން، ސީދީގެ އަމުރަށް ބޮޑުފެންޑާއަށް އެއްކޮށްފިއެވެ. އަދި މިކަން ހައްލުކުރުމަށް އެމީހުންގެ ހިކުމަތަކީ ކޮބައިތޯ ސީދީ އެހިއެވެ. އެހިނދު ހައިދަރު މާލިމީ ވާހަކަ ދެއްކިއެވެ.
"އަޅުގަނޑަށް ފެންނަނީ ވީކަމެއް އެ އޮތް ގޮތަކަށް ބާއްވާފައި ޞަދަޤާތެއް ކުރުމަށްފަހު، އަލުން އާ ފެށުމަކުން ފަށަން. ޞަދަޤާތުގެ ގޮތުގައި ކާޑު ގުދަނުން ފަންސާހަކަށް ބަސްތާ ކާނޑު ރަށު ރައްޔިތުންނަށް ބަހައިލުން ކިހިނެއްވާނެތޯ؟"
"މިހެން އަޑިއަޅާލި ދަނޑިވަޅެއްގައި، ތިޔަ ކަމެއް ތިޔަހެނެއް ނުކުރެވޭނެ. ޞަދަޤާތުގެ ގޮތުގައި އިރުމަތީކޮޅު ހަނޑޫ ގުދަން ސާފުކޮށްފައި، އެތަނުން ނެރޭ ފަޑުއްކަ ހަނޑުލުން ކޮންމެ ގެއަކަށް މުއްދެއްގެ މިންވަރު ބަހާ". ރުންކުރު ގޮތަކަށް ސީދީ ޖަވާބު ދިނީ ބަނޑޭރިއަށް އެކަން އެގޮތަށް ކުރުމަށް ނިތުން އިޝާރާތް ކުރަމުންނެވެ. ސީދީގެ އެ ނިންމުމާމެދު ބަނޑޭރި ކިތަންމެ ހިންހަމަ ނުޖެހުނަސް، އެކަމާ ވިއްދާ ބަހެއް ބުނަން ބަނޑޭރިއަކަށް ނުކެރުނެވެ.
އޭގެ ފަހުން ދުވަސްތަކެއް ފާއިތުވެ ހިނގައްޖެއެވެ. ދަނޑުތަކުގައި އަލުން މުޑުވައްކޮށް، ގޮވާން ކުރިކަމުގައި ވިޔަސް، އާލާވާ ގޮތެއް ނުވިއެވެ. އޮށުން މަލަސް ނިކުތުމާއެކު މަރުވެއެވެ. ކުރިން، އުންކާރަ ކަނޑަމުން ދަނޑުތަކުން ނެރޭ ބިންބި އާއި ކުދިބަތް ބަސްތާތައް، މެދުމިނުގެ ގޮނުތަކަށް އަޅައިލެވޭހައި މަދެވެ. ކަރަކަރައަށް ދަތުރުކުރާ އުނޅަދުތަކަށް އަރުވާނޭ މުދާ ނެތި ނުފުރިގެން ފަޅުގައި އޮންނަން ޖެހޭ ދުވަސްތައް ގިނަވެއްޖެއެވެ. ރުކުމަޑީގެ ދުއްޕާން ޖެހި މަތިވަރު ނެތި ގޮސްފިއެވެ. ލޭކުލަ ހުރި ރާތަކުން ހަކުރު ހިލައި ވިއްކި ފަހުން، ބޮޑުގެއިން ހަކުރު ގަންނާނެ މީހަކު ވެސް ނުވެއެވެ. ރުނބާތައް ހުރެ ކަނިވާ އިރު ވެސް، އަޑުބައެއްގެ މިންވަރު ވެސް ނުވިކެއެވެ. މުސީބާތަކަށް ފަހު، މުސީބާތެއް ކުރިމަތިވެ، ކުރިން ވަފާތެރިވަމުން އައި މީސްމީހުން ސީދީއަށް ވެސް ނޭނގި، އޭނާގެ ތަނަވަސްކަން ކަޅާ ކޮށްލައިފިއެވެ. ކުރެވޭން އޮތް ކަމެއްވިއްޔާ ކޮށް، މުޅޯއްޓަށް އަޅައިލައިފިއެވެ. އުތުރު ހަޅަ ޖެހި ދުވަސްވަރު، ސީދީގެ މަހަށް ފުރާ ހުރިހާ އުޅަދެއްގެ ހިންމިތަކުން ދިޔަވެ، އެއްގަމަށް ލާން ޖެހިއްޖެއެވެ. މިހެންވުމުން، އެ އުޅަދުތަކުގައި ތިބި ފަޅުވެރިން ފައިބައިގެން އެކިއެކި ވަޒީފާތަކަށް ގޮސް، މުޅި ބޮޑުގެ ފަޅު ވެއްޖެއެވެ. މި ދުވަސްވަރު އެއަތޮޅު ރަށެއްގައި މީހެއްގެ ތަނަވަސްކަން މާބޮޑަށް އުފުލި، އޭނާގެ ވާހަކަ އަތޮޅު ތެރޭގައި މަޝްހޫރު ވެއްޖެއެވެ. ޖާސޫސޫން ފޮނުވައިގެން އެނގުނުހާ ވެސް މިންވަރަކީ، އެއީ އުމުރުން ދުވަސްވީ އަންހެނެއްކަމާއި، ސީދީގެ ވަޒީފާތައް ދޫކޮށްފައިދާ މީހުން ވަންނަނީ، އެ އަންހެން މީހާގެ ވަޒީފާތަކަށް ކަމެވެ.
މިލަމުން މޯޅިވަމުން ދިޔަ، ސީދީ ދެމަފިރިންގެ ކައިރީގައި ތިބި ހައެއްކަ މުއައްޒަފުންގެ ތެރޭގައި އެ ދެމަފިރިންގެ ސިއްރު ލޯބިވެރިން ހިމެނެވެ. ފިކުރާ ވާތީއެކޭ ބުނެވޭކަށް ނެތެވެ. އެހެނީ، ރުހުމާއެކު ނިސާ ސީދީއަށް ބަލައިލާ ފަހަރެއް ނާދެއެވެ. ލޯބިން އަނގައިން ބުނާ ވަގުތެއް އަމުދުން ނެތެވެ. ހައިދަރު ވެސް ކަމަނައާ މެދު ކަންކުރަނީ އެހާމެ ގަދަރު ކުޑަ ގޮތަކަށެވެ. ހައިދަރު ކަމަނައަށް ބަވާލާ ގޮތުން އެދެމެދުގައި އޮތީ ސަހަލު ގުޅުމެއް ނޫންކަން ޔަގީންވެ، ސީދީ އާއި ކަމަނަގެ ޒުވާބު، ބޮޑުގެ ތެރޭގައި ސިލްސިލާވާން ފެށިއެވެ. ހައިދަރާއި ކަމަނަ، ލައިދީ ކިޔައި އުޅޭތީ، ސީދީ ބުނާ އެއްޗަކަށް އެއްޗެއް ކަމަނަ ވެސް، ސީދީއާ ދިމާއަށް ބުނެއެވެ. ވަށްބަހުން ޖަހައެވެ. ކިތަންމެ ސިއްރުން އުޅުނަސް ސީދީގެ ހިތް ނިސާއާ މެދު އޮތްގޮތް ކަމަނަ ދުއްޓެވެ. ނަމަވެސް ކަމަނައަކީ ވެސް، ވަފާތެރިއަކަށް ނުވާތީ އެކަމާ އަޅައިނުލައި އިނީ ސީދީއަށް ވުރެ ކަމަނަގެ ހިތުގައި ހައިދަރުގެ ލޯބި ބިންވަޅު ނެގިފައި ވާލެއް ބޮޑު ކަމުންނެވެ. އަމުދުން ސީދީގެ ފަތިފުށް ކަމަނައަށް އެނގޭތީއެވެ.
އެއްދުވަހެއްގެ ހަވީރެވެ. ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ހީނހީނފައި އެކަކު އަނެކަކާ ސަމާސާ ކުރަން ނިސާ އާއި ހައިދަރު ތިއްބެވެ. މިތަން ދެކޭން ސީދީ އާއި ކަމަނަ ވެސް މުޅިން ދެ ދިމާއެއްގައި ތިއްބެވެ. ދެރަވެފައެވެ. ހިތްކުޑާ ވެފައެވެ. އަރުބެދޭ ފަހަރުތައް ގިނަވެފައެވެ. އެހެން ހުރެފައި ގަޔަށް ލާން ގެންގުޅޭ ގަންޖުފަރާހެއް ދިނުމަށް އެދި، ސީދީ ކަމަނައަށް ގޮވައިލިއެވެ. ކިތަންމެ ނުރުހިފައި ހުރެ ވެސް ގަންޖުފަރާސް ގެނެސް ދިއްކޮށްލުމާއެކު އޭގައި ހިފައި، ހައްޓަށް މަހައިލި ވަގުތު، މޭމައްޗާދިމާ ހާމަޔަށް މިލަގަނޑެއް އިންތައް ދެކެފައި، ސީދީގެ ރުޅިގަނޑު ފާޅުވިއެވެ. ހަގީގަތުގައި އެއީ މީހަކު ރުޅި އަންނަ ޖެހޭވަރުގެ ކަމެއް ވެސް ނޫންތާއެވެ. ނަމަވެސް އެހެން އެކަންވީ ސީދީ ހިތްދަތިވެފައިވާލެއް ބޮޑުކަމުން، އެ ކަން ރުޅިއަށް ފުރޮޅި ގަތުމުންނެވެ.
ސީދީގެ އެ ރުޅިވެރިކަމާއެކު ކަމަނަގެ ނުރުހުން ބޮޑުވެ، އެ ދެމަފިރިންގެ މެދުގައި އެދުވަހު ވެސް ޒުވާބު ފެށުނެވެ. ޒުވާބުގެ އަޑު ގަދަވެ، ހިސާބުގަނޑު މީހުން އެ ގޭދޮށަށް އެއްވެ ކަންބަލައި ސިމިސިމި ޖަހަން ތިއްބެވެ. ސީދީ ކަމަނައަށް ތުހުމަތުތަކާއި އިލްޒާމުތައް އަޅުވަމުން ދިޔައީ ޝައްކުތައް މުޖައްރިބަށްވިކަން އިޢުލާނު ކުރަމުންނެވެ. އެންމެ ފަހުން ކަމަނަގެ ދޫ ހިމޭނަކުން ނޯތެވެ. ދިރިއުޅުމުގެ ސިއްރުތައް ބޭޒާރުކުރަން ފަށައިފިއެވެ. ކުދިކުދި ކަންކަމުން ފެށިގެން ގޮސް މީހުން ހައިރާންވާވަރުގެ ބޮޑެތި ކަންކަމުގެ ވާހަކަތަކެވެ. އެންމެ ފަހުން، ބޮޑުޖާޑި ވެސް ތަޅައިލީއެވެ. ސީދީގެ އެ މުއްސަނދިކަމުގެ ހަޤީގަތަކީ ކޮބައިކަން ރައްޔިތުންގެ ކުރިމަތީގައި ބޭޒާރު ކޮށްލީ، އެކަން ސިއްރު ކުރާންކަމަށް ސީދީ ކަމަނަ ލައްވާ އަތާއަތާ ޖަހުވައި ހުވާ ކުރުވާފައި އޮއްވައެވެ.
އެންމެންގެ ހާޒިރުގައި ކަމަނަ ގޮވަންފެށިއެވެ. މިހިރަ ނުލަފާ މީހާއެވެ. ތިޔަ މުއްސަނދި ކަމަކީ މާވަހަރެއް ހޮވިގެން ކަލެއަށް ލެއްގި މުއްސަނދި ކަމެއް ނޫނެވެ. މާވަހަރުގެ ވާހަކައަކީ ކަލޭ ގަސްތުގައި މީސްތަކުންގެ ދޫމައްޗަށް ލައިދިން ވާހަކައެކެވެ. ތިޔައީ، ދެމަފިރިއަކު ނުހަނު ބުރަ މަސައްކަތުން އާރާސްތު ކުރި ދިރިއުޅުމެއްގެ ތެރެއިން، ކަލޭގެ ހިންތާއިން އެމީހުންގެ އަތުން އައްސުން ޖަހައިގެން ތަނަވަސް ކަމެކެވެ. އެ ދެމަފިރިންކުރެ އަންހެން މީހާއަށް އޭނާގެ މައިފުށުން ވާރުތަވި މުދަލުން، އެދެމަފިރިން އެކުގައި މަސައްކަތްކޮށް އިތުރުކޮށް ތަނަވަސްކަމުގައި އުޅެމުން ދިޔަ، އެ ދިރިއުޅުމުގެ ތެރެއަށް ކަލޭ ފުންމާލީ، އެރަށަށް ބޭސްފަރުވާއަށް ދިޔަ ދަތުރުވަރިއެއްގައި އެގެއަށް ފައިބާހުރެއެވެ. އެ ދެމަފިރިންކުރެ އަންހެން މީހާއަކީ މަންމަނެކެވެ. އެހެނަސް، އެ އަންހެންމީހާ ދެކެ އޭނާގެ ފިރިމީހާ ނުލާހިކު ލޯބިވެއެވެ. ފިރިމީހާ އިސްވެ ހުރެ ބަލަހައްޓަމުން ދިޔަ އެ ބޮޑު ދިރިއުޅުމުގައި ދެ މަސްއޮޑި އާއި ފިހާރައެއް ހުއްޓެވެ. އަންހެން މީހާއަށް ކަލޭ ސިއްރު ސިއްރުން ހިންގި ގުޅުން ތަކުގެ ސަބަބުން، ދެމަފިރިންގެ ގުޅުން ހީނަރު ވީ، ކަލޭއާ ހެދި އެ އަންހެން މީހާ ދީވާނާ ވުމުންނެވެ. ގޭގައި ހުރިއްޔާ ހުރި މުދަލަކާއި ގަހަނާ އާއި ފައިސާއެއް ވެސް ހޯދީ ހައްޤަކާ ނުލައެވެ. އެ އަންހެން މީހާގެ އުނަގަނޑުގައި އޮތް ފައްޓަރުބައި ވެސް ކަލޭ ޖަހައިގަތީ ހީލަތުންނެވެ. އެ ގެނެސް އަހަރެންގެ އުނަގަނޑުގައި އަޅުވަން ކަލޭ ހެދީ ދޮގުކަން އަހަރެންނަށް އެނގެއެވެ. އެ ގެއިން ނުކުމެގެން ކަލޭ އައީ ފައި ޖެހުނުތާ ވެލިކޮޅު ވެސް ހިފައިގެންނެވެ. އެންމެ ފަހުން އެ ދިރިއުޅުން ދޯހަޅިވެ، ފިރިހެންމީހާ ދުނިޔޭން މޮޔަވެފައިވާ ހާލު ދުނިޔެއިން ނިމި ދިޔައީއެވެ. އަންހެންމީހާ ހަރަކާތް ހުއްޓި ގާވީއެވެ. އެ ދެމަފިރިންގެ ތުއްތު ދެބެން ޔަތީމުވެ، ބިމުހުރި ވެއްޔަށްވީއެވެ. އެ ހުރިހާ ޖަރީމާ އަކަށްފަހު، ކަލޭ ރަށަށް އައިސް ދިރިއުޅުން ފެށީ، ކަލޭގެ ހަގީގަތް މީހުނަށް ބޭޒާރު ނުވާނޭ ހައި މޮޅަށް ކަންކަން ފޮރުވައިގެންނެވެ.
ކަމަނަގެ ވާހަކަތައް އަޑުއަހަން ސީދީ ހުރިއިރު، އޭނާގެ މޫނުމައްޗެކޭ ކަނދިމަހު ކެއްކި ކަނދި ތާހެއްގެ އަނގަމައްޗެކޭ ވަކި ތަފާތެއް ނެތެވެ. ކަމަނަ ހުއްޓުވޭނެ ލަޔާޤަތެއް ސީދީއަކަށް ނުލިބުނެވެ. އެންމެ ފަހުން އަތް އިސްކުރީއެވެ. ހުރާގޭ ތަފާލެއް ކަމަނަގެ ބުރަކައްޓަށް އަރުވާލީއެވެ.
ހަމަ އެހިނދުން ފުންމައިގެން ތެދުވެ، އެދެމީހުންގެ ކުރިމަތީގައި އަތްތިލަބަޑި ޖަހައި ނަށައިގަންނަމުން ނިސާ ގޮވައިލިއެވެ. "އަދަކީ އަހަރެމެންނަށް ނަސްރު ލިބުނު ދުވަސް. ބޭނުންވި ގޮތަށް، ތިޔަ ދެ މަކަރުވެރިން މިތިބަ އެންމެންގެ ކުރިމަތީގައި ބޭޒާރުވެއްޖެ. މިތަނަށް އެއްވެ މިތިބަ މީސްތަކުންނޭ! މި ދެ ހީލަތްތެރިންގެ ވާހަކަ ނިކަން އަހައިލަން ހިނގާ! އިތުރު ޚަބަރުތައް މަވެސް އިއްވާނަން! ކަމަނަ އެބުނާ ދެމަފިރިންނަކީ އަހަރެންގެ ނިޔަނެތި މަންމަ އާއި ބައްޕަ. އެބުނި ތުއްތު ދެކުދިންނަކީ އަހަރެންނާއި އަހަރެންގެ މިހިރަ ބޭބެ ހައިދަރު. މިއީ އޭރު ތިޔަ ސީދީގެ އުނގަށް އަރައި ކުޅެ އުޅުނު ދޮން ތުއްތާއި ކުޑަ ކަނބުލޮ. އެއީ އަހަރެމެންގެ ބައްޕަ، ލޯބިން އަހަރެމެންނަށް ކިޔައި އުޅުނު ނަން. ގޭތެރޭގައި ހިނގި އެ ހުރިހާ ކަމެއް، އަޑު ނެތް، ކުލަ ފަނޑު މަންޒަރުތަކެއް ގޮތުގައި އަހަރެންނަށް ހިސާބަކަށް ސިފަކުރެވޭ. ބޮޑުވަމުން އައި ވަރަކަށް ދިރިއުޅުމުގެ ފަކީރުކަމާއި ހާންތިކަން، ކަމުގެ ހަގީގަތް ހޯދަން މަޖުބޫރުކުރުވީ. އެކަނިވެ، ބިތްޖެހިފައި އިން މަންމަގެ ހަނދާނަށް އެވާހަކަތައް އައިސް، އަހަރެމެންނަށް އިޝާރާތުގެ ބަހުން މަންމަ ކިޔައިދިނީ. އެހެންކަމުން އަހަރެމެން ދެބެން އެއްބަސް ކިޔައި، ސީދީގެ ދިރިއުޅުމުގެ ތެރެއަށް މި އައީ އަވަށްޓެރި ރަށެއްގައި އިން މަންމަގެ ދުރުތާ ތިމާގެ މީހަކާ، މަންމަ ބެލެހެއްޓުމުގެ ކަންކަން ހަވާލުކުރުމަށްފަހު، މަންމަގެ ދިރިއުޅުން އެރަށަށް ބަދަލުކޮށްފަ. މިކަން ކުރުމަށް އަހަރެމެން ވެސް ސީދީ ފަދައިން އިސްކުރީ ހީލަތްތެރިކަން. ދަގަނޑު ކެނޑޭނީ ދަގަނޑުންކަމަށް ވާތީ. ސީދީ އާއެކު އަހަރެން އަދި ކަމަނަ އާއެކު އަހަރެންގެ ބޭބެ މި އުޅުނީކީ، ކަލޭމެން ދެކެ މޮޔަވެގެނެއް ނޫން. އަހަރެމެނަށް ހައްގުވާ މިންވަރު ހޯދަން. " ނިސާ ވާހަކަދައްކަމުން ދިޔައިރު، ސީދީއާއި ކަމަނަ ހުރީ ލަދުން ހުރިތަކުން ގުޑިލަންވެސް ނުކެރިފައެވެ. ނިސާގެ ވާހަކަތައް ފިސާރި ކެރިގެން ހުރެ ކުރިއަށް ގެންދިޔައެވެ.
"އެދުވަހު ބަނޑޭރި ގެނައި މަސްތައް ކަރު އަޅައި ހަލާކު ކުރީ، ރުއްތަކުގައި ހުރި ރާ ބަދި ތަކަށް ލޭ އަޅަން. ރުކުރަލަށް މަހުލޭ އަޅައި، އެ ތަޣައްޔަރުކުރީ އަހަރެންގެ ބަހަށް ބޭބެ. ހަކުރު ވިޔަފާރީގެ އަގު ވައްޓާލަން. އެކަން ފިސާރި މޮޅަށް ކާމިޔާބުވި. ދަނޑުތަކަށް ގެއްލުން ދިނީ ވެސް ހަމަ އަހަރެމެން ދެބެން. އޮޑިދޯނި ފަހަރަށް އަހަރެމެން ގެއްލުން ނުދެނީސް، މާތްރަސްކަލާންގެ ރަޙުމަތުން އެ އޮޑިތައް ހަލާކުގެ ތެރެއަށް ގެންދެވީ. ކަލޭމެން ރައްކާކުރާ ފައިސާއިން އަހަރެމެން މި ހޯދީ ސީދީ އަހަރެމެންގެ މަންމަގެ ބޯ ކައިލައިގެން އަހަރެމެންގެ ގެއިން ފޭރިގެން މިންވަރު. މަންމަގެ އުނަގަނޑުގައި އޮތް ފައްޓަރުބައި މަންމަގެ އަތުން ސީދީ ހޯދި ގޮތަށް، ކަމަނަގެ އަތުން ބޭބެ ވެސް އެ ހޯދައިފި. ރައްކާ ކޮށްފައިވާ ފައިސާއިން އެކަކު އަނެކަކަށް ނޭނގި ވަގަށް ނަގައިގެން ގެނެސް، އަހަރެމެން ދެބެންނަށް ތިޔަ ޚަރަދުކުރީ ކޯއްޗެއް ލިބޭނެކަމަށްތަ؟ މީދާ ވެސް އޭތި އޮންނަ ރުކެއް ނުކައި. އެކަމަކު ކަލޭމެން ދެމީހުން އަމިއްލަ ގެއިން ވެސް ވައްކަން ކުރީ!"
މަލާމާތާއި ރުޅިވެރިކަމުގެ ރާގުގައި ނިސާ ވާހަކަދައްކަމުންދިޔަ އިރު، ހައިދަރު ވެސް ޒާތަކަށް ހިނިއައިސްފައި ހުއްޓެވެ. މޫނުމަތިން ފާޅު ކޮށްދެނީ ބަދަލު ހިފިއްޖެ ކަމުގެ ހިންހަމަޖެހުމެވެ. އެހެންހުރެ ސީދީއަށާއި ކަމަނައަށް ނިތް އެއްލަމުން ލަދު ގަންނަވާލާ ކަހަލަ ރާގެއްގައި ހައިދަރު ވާހަކަ ދެއްކިއެވެ. އަހަރެމެން މާދަމާ ފުރާނަމެވެ. އަދިވެސް ބުނަން ހެއްޔެވެ؟ ޖާސޫސުން ފޮނުވައިގެން ހޯދަން އުޅުނު، މި އަތޮޅުގައި ކުރިއަރަމުން އަންނަ ވުނަދަންކާރައަކީ އަހަރެމެން ދެބެންގެ މަންމައެވެ. ކަލޭމެން ފޮނުވި ޖާސޫސުން ވެސް މައުލޫމާތު ނުލިބުނު ކަމަށް ބުނެ އެހެދީ ދޮގެވެ. އެމީހުން އެ ދިން ޖަވާބުތަކަކީ އަހަރެމެން ދެބެންގެ ބަހެވެ. ކަލޭމެން ފަދައިން އެމީހުންނަކީ ވެސް ދަހިވެތި ފެންސިރުންނެވެ. މިތާ އުޅުނު އިރު އަހަރެން، އެކިފަހަރުމަތިން، ފުރަފުރައިގެން ދިޔައީ އަހަރެމެންގެ މަންމައަށް، މަންމަގެ ވިޔަފާރި އަލުން ފަށައިދޭށެވެ.
ޚިޔާލުތަކުގެ ތެރެއަށް ގެނބެމުންދިޔަ ސީދީ ހޭލައްވާލީ ބަނޑޭރި އަނގައިން ބުނި އަޑަށެވެ. ބަނޑޭރި އައިސް ސީދީއަށް ރުކުރާ ތަށްޓެއް ދިއްކޮށްލަމުން ބުނެލިއެވެ. ސީދީއެވެ. މިއީ އަޅުގަނޑުގެ ގޭގައި ހުރި ރުކަކުން، އަދު އަލަށް ބޭލި ރުކުރަލުން ގެނައި ރާފޮދެކެވެ. މި އައީ ކަމަނައަށް ވެސް ދީފައެވެ. އޮތް ޖޯލިން މަޑުމަޑުން ތެދުވެ، އިސް އޮބައިގެން އިނދެ، ސީދީ އެ ރާ ތަށީގައި ހިފީ ބަނޑޭރިއަށް ޝުކުރުވެރިވާ ހާލުގައެވެ. ކުރެވުނު ވިޔާނުދާ އަމަލުތަކުގެ ސަބަބުން ސީދީ އަބަދު ވެސް ހުންނަނީ ކުށްވެރިކަން އިހުސާސް ކޮށްކޮށެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަން ކިރިޔާ ވެސް ކުޑަވަނީ ނަމާދަށްފަހު، ﷲއަށް ކުށްތަންވެ ކުރާ ދުޢާ ތަކުންނެވެ.
-ނިމުނީ-