ފޯނު އެލާމުވި އަޑާއެކު އަހަރެން އެނދުން ތެދުވެ އަވަސްވެ ގަތީ ނަމާދު ކޮށްލުމަށެވެ. އެނދުން ތެދުވިއިރުވެސް އަހަރެންގެ ބޮލުގައި މަޑު މަޑު ރިހުމަކާއެކު ބަރު ކަމެއް ހުއްޓެވެ. އެހެނަސް އަހަރެން ސަމާލުކަންދިނީ އެވަގުތުގެ ވާޖިބު އަދާކުރުމަށެވެ. އެއީ ކޮންމެ ދުވަހަކުވެސް ދުވަސް ފެށުމުގެ ގޮތުން އަހަރެން އާދަވެ ކުރާ ކަމަކަށް ވާތީއެވެ. ބޮލުގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލުމަށްފަހު އަހަރެން ފާޚާނާއަށް ވަދެ ދަތް އުނގުޅާ މޫނު ދޮވެ ވުޟޫކޮށްލީމެވެ. އަދި ނިދާ ހެދުން ބަދަލު ކުރުމަށްފަހު މުސައްލަ ފަތުރާ ނަމާދު ކުރަން ފެށީމެވެ. ނަމާދަށް ސަލާމް ދިނުމަށްފަހު އަހަރެންގެ ހިތުގެ ހަމަޖެހުން ކަމުގައިވާ ތުއްތު ދަރިފުޅަށް ހެޔޮގޮތް މިންވަރު ކުރެއްވުމަށާއި އެ ދަރިފުޅުގެ ބައްޕައަށް ހެޔޮ ރަހްމަތް ލެއްވުމަށް އަހަރެން ތަކުރާރުކޮށް ދުޢާކުރަމުން ދިޔައީމެވެ. މިގޮތުގައި އަހަރެން އިން އިރު މާޒީގެ ހަނދާންތައް އަހަރެން ވަށައި ލަމުން ގެންދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ.
އެއީ މީގެ 10 އަހަރު ކުރިއެވެ. އެއްދުވަހެއްގެ މެންދުރު ކުރީގެ ވަގުތެވެ. އަތިރިމަތީ ހުރި އުނދޯއްޔެއްގައި އަހަރެން އޮތީ ހިތްހަމަ ޖައްސާލުމަށެވެ. ޖެހޭ ފިނި ފިނި ވައިރޯޅި ތަކުން އަހަރެންގެ ހިތައް ހަމަ ޖެހުން ލިބެމުން ދިޔައެވެ. ގިނަބައެއްގެ މިސްރާބު ހުރީ ސުކޫލާ ދިމާއަށެވެ. މެންދުރު ދަންފަޅިއަށް ސުކޫލަށްދާ ކުދިން ގޮވައިގެންނެވެ. އެމަންޒަރު ބަލަން އޮތް އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ލޯބިވާ މަންމަ އަހަރެންނަށް ގޮވާލުމުންނެވެ. ޖެހިގެން ހުރި ޖޯލީގައި އިށީންދެލަމުން ކޮން ޚިޔާލެއްގައި ތޯ މަންމަ ސުވާލު ކުރީ އޯގާތެރިކަމާއެކުގައެވެ. އަހަރެންވެސް މަންމަގެ ސުވާލަށް ޖަވާބު ދިނީ ނުހަނު މަޑުންނެވެ. މި ވިސްނަނީ މުސްތަޤުބަލާ ދޭތެރޭ. އަހަރެން ކުރިއަށް ދާނެ ދާއިރާއެއް ނުވިސްނޭ. ކުޑަކުދިންނަށް ކިޔަވައި ދޭ މުދައްރިސަކަށް ވެސް ވާހިތްވޭ. އެކަމަކު އެއީ ހާދަ ބުރަ ކަމެކޭ ދޯ! ވަރަށް ކިޔަވަންވެސް ޖެހޭނެ. މަށަކަށް އެހާ މަސައްކަތެއް ނުކުރެވޭނެ."
އޭލެވެލް ނިންމާލުމަށްފަހު ރަށުގައި މަޑުކޮށްގެން ހުރި އަހަރެންގެ ވާހަކަ އަޑު އެހުމަށްފަހު ކޮންމެވެސް ރަނގަޅު ކަމެއް ކުރަންވާނެ ކަމުގައި މަންމަ ބުންޏެވެ. އަހަރެންވެސް ވަރަށް ވިސްނުމަށްފަހު، ކައުންސިލުން އިއުލާން ކޮށްފައިވާ ވަޒީފާއަށް ކުރިމަރި ލުމަށް ނިންމީމެވެ. އެއާއެކު ޖެހިގެންއައި ދުވަހު އެކަމުގެ މަސައްކަތް ފެށީ ނުހަނު ފޮނި ހުވަފެންތަކެއް ދެކެމުންނެވެ.
ހަފްތާއެއް ފަހެވެ. މިހާރު އަހަރެންނަކީ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް އަދާކުރަމުންދާ ޒިންމާދާރު މީހަކީމެވެ. އޮފީހުގެ މަސައްކަތްތައް އަހަރެން އަދާކުރަނީ ނުހަނު ޝައުޤުވެރިކަމާއެކުގައެވެ. ނަތީޖާއަކަށް ވީ އަހަރެންނަކީ އޮފީހުގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ އެއްމުވައްޒަފަށް ވުމެވެ. އޮފީހުގެ ވެރިންނާއި އިސް މުވައްޒަފުންގެ ލޯތްބާ އިތުބާރު އަހަރެންނަށް ލިބުމެވެ. އޮފީސް ދަތުރުތަކާއި އެތަނުން އިންތިޒާމްކުރާ އެހެނިހެން ކަންތައްތަކުގެ އިސް މީހަކަސް އަހަރެން ހަމަޖެއްސުމެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އަހަރެންނަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާއަޑަށެވެ. މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ ދޮރު ހުޅުވީމެވެ. ކުރިމަރީގައި ހުރީ އަހަރެންގެ ލޯބިވާ މަންމައެވެ. މަންމަގެ މޫނު މަތިން ހާސް ކަމުގެ އަސަރު ފެންނަން ހުއްޓެވެ. އަދި އަހަރެންގެ ކޮލުގައި އަތް ޖައްސާލުމަށްފަހު، ދަރިފުޅު ބަލީތޯ؟ މިއަދު އޮފީހަށް ނުދަނީތޯ މަންމަ އަހަރެންނާ ސުވާލު ކުރިއެވެ. މަންމަގެ ސުވާލާ ވިދިގެން އަހަރެންނަށްވެސް ކުރެވުނީ ސުވާލެކެވެ. ގަޑިން ކިހާވަރެއްތޯ އަހާލުމަށްފަހު އަހަރެންނަށް އަހަރެންގެ ފޯނަށް ބަލާލެވުނެވެ. އަދި ވަރަށް އަވަސްކޮށްލައިގެން މި ދަނީ ކަމުގައި ބުނެ ކޮޓަރީގެ ދޮރު ލެއްޕީމެވެ. މަންމަގެ ބަހަށް ހެދުންތައް އިސްތިރިކޮށްފައި ބެހެއްޓޭކަމީ ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ. އޮފީހަށް ދާން ތައްޔާރުވެގެން އަހަރެން ކޮޓަރިން ނުކުތް އިރު 7:50 ވެ ބޮޑުވެއްޖެއެވެ. އަވަސް އަވަހަށް ގެއިން ނުކުންނަމުން މިއަދު މާލޭގެ އިސް ފަރާތްތަކެއް އޮފީހަށް އަންނާތީ ވަރަށް ބުރަވާނެ ކަމަށާ އަހަރެންނަށް އިންތިޒާރު ނުކޮށް މަންމަ ސައިބޮއެގެން އިނުމަށް އަހަރެން ބުނީމެވެ.
އަހަރެންނަށް ގެއަށް އާދެވުނު އިރު މެންދުރުފަހު 1:30ވެ ބޮޑުވެއްޖެއެވެ. މައިގެ ތެރެއަށް ވަދެގެން ދިޔައިރު ސަރަންފީގައި ޤުރުއާން ކިޔަވަން އިން މަންމަ ފެނުމާއެކު އަހަރެން މަންމަ ގާތަށް ދިޔައީމެވެ. އަދި މިއަދު އޮފީހުން ދިމާވި ކަންކަން ހިއްސާކުރަން ފެށީމެވެ. ރަށަށް އައި ވަފުދުގެ ވާހަކައާއި އެ ވަފުދުގައި ހިމެނެނީ އެންމެ އަންހެން ކުއްޖެއް ކަމުގައި ބުނީމެވެ. އެއާއެކު މަންމަ އަހަރެންނާ ސަމާސާކޮއްލި އެވެ. މިރަށުން ރަށްރަށަށް ދާ ވަފުދުތަކުގައިވެސް ހިމެނެނީ ހަމައެކަނި ދަރިފުޅުކަމަށާ، ކޮންމެ ތަނެއްގައިވެސް ފަރުވާތެރި ކަމާއެކު މަސައްކަތް ކުރާ ކުއްޖަކަށް ކުރިއަށް ދެވޭނެ ވާހަކަ މަންމަ ބުންޏެވެ. އެއާއެކު ލަސް ނުކޮށް ނަމާދުކޮއްލުމަށް މަންމަ ބުންޏެވެ. މަންމަ އެހެން ބުނުމާއެކު އަހަރެންވެސް ދިޔައީ ނަމާދުކޮށްލުމަށެވެ.
ފާޚާނާއަށް ވަދެ، ވުޟޫކޮށްގެން އަހަރެން ނުކުމެ، މުސައްލަ ފަތުރާލީމެވެ. އަދި ނަމާދު ދޮޅި އަޅާ ނަމާދަށް ފެށުމަށް ތައްޔާރުވިތަނާ އަހަރެންގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އެކަމަށް ސަމާލުކަން ނުދީ އަހަރެން ބެލީ ނަމާދު ކުރެވޭތޯ އެވެ. ނަމާދު ނިމިގެން ފޭބި ވަގުތެވެ. އަނެއްކާވެސް އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. އަހަރެން ފޯނު ނަގާ ބަލައިލީމެވެ. މެސެޖު ކޮށްފައިވަނީ ނުދަންނަ ނަންބަރަކުން ކަމަށް ވާތީ އަހަރެން އަޅައެއް ނުލަމެވެ. ފޯނު އެނދުމަތީ ބޭއްވި ތަނާ އަނެއްކާވެސް އަހަރެންނަށް މެސެޖެއް އައެވެ. ރަނގަޅަށް މެސެޖު ކިޔާ ނުލެވެނީސް އެނަންބަރުން އަހަރެންނަށް ގުޅިއެވެ. އަހަރެންނަށް ފޯނު ނަގާކަށް ނުކެރުނެވެ. ވާނީވެސް އެހެންތާއެވެ. މިއީ ސުކޭމް ކޯލުތައްވެސް އިންތިހާއަށް ގިނަ ޒަމާނެކެވެ. ފައިސާ ހޯދުމާއި، މަކަރުވެރިންގެ މަޅިގައި މީހުން ޖެއްސުމަށްޓަކައި ކޮންމެ ފަދަ ނަންބަރަކުންވެސް ގުޅާފާނެއެވެ. އަހަރެން އެ ފޯނަކަށް ޖަވާބެއް ނުދެމެވެ. ރޭޑިޔޯތަކާއި ޓީވީތަކުން އަބަދުމެ ގޮވާ ގޮވެލީގެ އަޑު އަހަރެންނަށްވެސް އިވޭވިއްޔާއެވެ.
ބުރޭކަށް ލިބުނު ވަގުތު ހަމަވާންވާއިރަށް އަހަރެން ބެލީ އޮފީހަށް ވަދެވޭތޯއެވެ. ކާޑު ޖައްސާލުމަށްފަހު އަހަރެން އަހަރެން، އަހަރެންގެ މަސައްކަތާއިގެން އެނބުރުނީމެވެ. ކެބިންގެ ދޮރުންއެތެރެއަށް ވަތް އަހަރެންގެ ލޮލުގައި އަޅައިގަތީ މޭޒުމަތީ ބާއްވާފައިއޮތް ފިޔާތޮށި ކުލައިގެ ފިނިފެންމަލެވެ. އެއާއެކު އެތަނުގައި ނޯޓުކޮޅެއްވެސް ބާއްވާފައި އޮތެވެ. "އަހަރެންނަށް ޙިމާ ވަރަށް ކަމުދޭ! އަހަރެންނާ ގުޅެންކެރޭނެތަ؟ - އާދަމް- " މި ހެން ލިޔެފައިވާ ނޯޓުކޮޅުގައި އޭނާގެ ފޯނު ނަންބަރުވެސް ޖަހާފައި އޮތެވެ. އަހަރެންނަށް ކޮންމެވެސް ތާކުން ފެނުނު ނަންބަރެއްހެން ހީވިއެވެ. ފޯނުނަގާ އެ ނަންބަރު ޖަހާލީމެވެ. އެއީ މިއަދު އަހަރެންނަށް ގުޅާ މެސެޖުވެސް ކޮށްފައިވާ ނަންބަރެވެ. އަހަރެން ހިތަށް އެރިއެވެ.މެސެޖަށް ޖަބާދު ދޭންވީބާވައެވެ. ނުވަރަ އަޅާނުލާ އިންނާނީ ބާވައެވެ. ދުވަހުގެ ބާކީ ހުރި މަސައްކަތްތަކަކަށް އަހަރެންނަކަށް ސަމާލުކަން ދިނުމަށް އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އެ މެސެޖުތަކާއި ފިނިފެންމަލާ ފޮނުވި މީހަކީ ކާކުތޯއާއި ކޮންރަށެއްގެ މީހެއްތޯ ބެލުމުގެ ޝަޢުޤުވެރިކަން ހުރީތީ ކަންނޭނެގެއެވެ. އަހަރެންގެ މަސައްކަތަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެވުނެވެ.
އޮފީސް ނިންމާފައި އަހަރެން ދިޔައީ ގެއަށެވެ. މަޑު ހިނގުމެއްގައި ހިނގަމުން ހިނގަމުން ގޮސް ގެއަށް ވަނީމެވެ. އަނބުގަހުގައި އެލުވާފައި ހުރި، އުނދޯލީގައި އަހަރެންގެ މަންމަ އޮތީ ފޯނު ބަލާލާށެވެ. އަހަރެން މަޑު ހިނގުމެއްގައި ގޮސް އެތަނުގައި ހުރި ޖޯލިފަތީގައި އިށީންނީމެވެ. އަދި މިއަދު ކަންތައްވީ ގޮތް މަންމައަށް ކިޔައި ދިނީމެވެ. މަންމަގެ މޫނު މައްޗަށްވެރިވީ ހިނިތުންވުމެކެވެ. އަދި މަންމަވެސް ވާހަކަ ދައްކަން ފެށިއެވެ.
"ދަރިފުޅާ! އެއްކަލަ މަނިކުގޯތީ އާދަމް މިއަދު މިގެއަށް އައި، ބުނި ކިޔަވާ ނިމިގެންނޯ މި އައީ. ދަރިފުޅުގެ ވާހަކަ ވަރަށް އެހި. ބުނި ސަލާމް ބުނެދެއްޗޭވެސް. އަދި އަންނާނަމޭ ކިޔާފަ ދިޔައީ." ހާދަ ރަނގަޅު ކުއްޖެކޭ އެއީ ދޯ! ރަށު ސުކޫލުގައި ކިޔެވި އިރުވެސް އަޚުލާޤީ އެއްވެސް މައްސަލައެއްގެ އަޑެއް ނީވޭނެ. ވިޔާނުދާ އެއްވެސް ޢަމަލެއް ކުރި ވާހަކަ އަޑެއް ނާހަން. މަންމަގެ މި ދަރިފުޅަކީވެސް ހަމަ އެކަހަލަ ކުއްޖެއް ދޯ. މަންމަ ވަރަށް އުފާވޭ ދަރިފުޅު ރަނގަޅު ކުއްޖަކަށް ވީމަ." އަހަރެންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުންޏެވެ.
"މަންމާ އަހަރެން މެންދުރު ބުރޭކް ނިންމާފަ އޮފީހަށް ދިޔައިރު މޭޒުމަތީގައި އޮތް ފިނިފެންމަލެއް. އޭގައި ނޯޓުކޮޅެއްވެސް ހަރުކޮށަފައި ހުރި. ކޮންމެސް އާދަމެއްގެ ނަމުގައި އޮތް ނޯޓުކޮޅެއް އެއީ. އަހަރެން އެކަމަކާ ނުވަން. އެކަމަކު އެއީ ކާކުތޯ ބަލާލާ ހިތްވޭ!" އަހަރެން މަންމަގެ ގާތުގައި ބުނީމެވެ. އެއާއެކު އެއީ މިއަދު މިގެއަށް އެއައި އާދަމްތޯވެސް އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.
ޖެހިގެން އައި ހުކުރު ދުވަހެވެ. އަހަރެން އުޅުނީ ގޭތެރެ ސާފުކޮށްލާށެވެ. މަންމަ ދިޔައީ ކައިރި ގެއަކަށް ގޮސްލާފައި އަންނާށެވެ. މަސައްކަތގައި އަހަރެން އުޅެނިކޮށް ސަލާމްގޮވާއަޑު އިވުނެވެ. ސަލާމަށް ޖަވާބު ދެމުން އަހަރެން ގޯތި ތެރެއަށް ނުކުތީމެވެ. އިސްކޮޅާއި ރޫފަ އެއްވަރު ސާދާ ޒުވާނެކެވެ. މޫނުމަތިން ފެންނަން ހުރީ ހިތްހެޔޮ ކަމުގެ އަސަރެވެ. ހިނިތުންވެލާފައި މަންމަ މިވަގުތު ގޭގައި ނޫޅޭކަމަށާއި މަންމަ ދުރުވަންދެން އިށީންދެލުމަށް ބުނެ އަހަރެން ގޮނޑި ދެއްކީމެވެ. އެއާއެކު އެ ޒުވާނާ އަހަރެންނާ މުޚާތަބުކޮށް ބުންޏެވެ. ޙިމާ އަދިވެސް އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުދެމެއްނު. އަހަރެން އެބަ ޙިމާގެ ޖަވާބަކަށް އިންތިޒާރު ކުރަން. އަހަރެން ބޭނުން ޙިމާއާ ގުޅިގެން ރަނގަޅު ސާދާ ދިރިއުޅުމެއް އުޅެލަން.. މިހާރު އަހަރެންގެ ކިޔެވުންވެސް ނިމިއްޖެ. ޙިމާވެސް ތިޔަހުރީ ހަރުދަނާ ރަނގަޅު ވަޒީފާއެއްގަ. ޙިމާ ބޭނުންވާނަމަ އިތުރަށް ކިޔަވަން ފުރުސަތުވެސް އަހަރެން ފަހި ކޮށް ދޭނަން. ވަރަށް ލޯބިން އުމުރަށް ގެންގުޅޭނަން. ޙިމާ އަހަރެންނާ ގުޅެން ކެރޭނެތަ؟ އެވަގުތު އަހަރެންގެ މަންމަ ވެސް ގެއަށް ވަދެގެން އައެވެ. އަހަރެން ވަރަށް ލަދު ގަތެވެ. އާދަމް ދެއްކި ވާހަކަތައް މަންމައަށް އަޑު އިވުނީ ކަން ނޭންގެއެވެ. މަންމަގެ މޫނު މަތިން ވެސް ހިނިތުންވުމެއް ފެންނަން ހުއްޓެވެ.
އެ ނޯޓުކޮޅަކީ އާދަމް ދިން ފޯނު ކޮޅެއްތަ؟ އެހެން ނޭންގޭނެއްނު.. އަހަރެން ވިސްލާފައި ޖަބާވެއް ދޭނަން އިންޝާ ﷲ. އަހަރެން ބުނީމެވެ. އެހެން ބުނުމާއެކު އެންމެ ރަނގަޅު ކަމުގައި ބުނަމުން އާދަމް ވެސް ދިޔައެވެ. އޭނާ ދިޔުމުންވެސް އަހަރެންނަށް އިނދެވުނީ އެވެ. އެހެން އިންދާ މަންމަ އައިސް ކައިރީގައި އިށީންނިއެވެ. އެއާއެކު އަހަރެން ވާހަކަ ދައްކަން ފެށީމެވެ. މަންމާ އޭނާ އަކީ ކޮންކަހަލަ ކުއްޖެއްތޯ ބަލައިލަ ދޭންވީނު. އަހަރެން ބޭނުމެއްނޫން މަންމަ އުޅުނު ޙާލުގައި އުޅޭކަށް. އަހަރެންބޭނުންވަނީ އަބުރުވެރި ރީތި ދިރިއުޅުމެއް އުޅެން. އާދަމްއާ ދޭތެރޭ އަހަރެންނަށް ވަރަށް ވިސްނޭ. އަހަރެން އޭނާ އާ ކައިވެނި ކުރަން ނިންމާނީ އިސްތިހާރާ ކުރުމަށްފަހު. އަހަރެން އަބަދުވެސް ވަކީލު ކުރަނީ ﷲ އަށް. މިކަމުގައިވެސް އަހަރެން ވަކީލު ކުރާނީ ﷲ އަށް.
ދުވަސްތައް ފާއިތުވަމުންގޮސް މިއަދަކީ އަހަރެންނާ އާދަމްގެ ކައިވެނި ކުރެވޭ ދުވަހެވެ. ކާވެނީގެ މަޖިލިސް ނިންމާލުމަށްފަހު އަހަރެމެން ދެމީހުން ގެއަށް އައީ ހިތްހަމަ ޖެހުމައެކުގައެވެ. އާދަމް ކަހަލަ ރަނގަޅު ކުއްޖަކު އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް ވީތީ އަހަރެން ވަރަށް އުފާ ވިއެވެ. ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވަމުން ދަނީ ހަލުވި ކަމާއެކީގައެވެ. އަހަރެންނާއި އާދަމްގެ ކައިވެންޏަށް މިހާރު 7 އަހަރު ފާއިތުވެއްޖެއެވެ. އަދިވެސް އަހަރެމެންގެ އުނގު ފަޅު ފިލުވާލަދޭނެ ދަރިއަކު ނުލިބެއެވެ. އަހަރެންގެ މާޔޫސްކަން އިތުރު ވަމުން ދިޔައެވެ. މިހާރު އެތަށް ފަހަރަކު ޑޮކްޓަރަށް ދެއްކިއްޖެއެވެ. 7 ފަހަރު ރާއްޖޭން ބޭރަށްވެސް ދެވިއްޖެއެވެ. ދެމީހުންކުރެ އެކެއްގެވެސް އެއްވެސް މައްސަލައެއް ހުރިކަމަކަށް ނުވިއެވެ. އަހަރެމެންނަށް ކުދިން ނުލިބޭތީ ރަށުރެތޭގައި ވެސް ފާޑު ފާޑުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އެއްބަޔަކު އެއީ އާދަމްގެ މައްސަލައެއްކަމަށް ބުނާއިރު، އަނެއްބަޔަކު އެއީ އަހަރެންގެ މައްސަލައެއްކަމަށް ކިޔައެވެ. އަހަރެންނަށް އެކަލާ އިންތިހާއަށް ހިތާމަ ކުރެވެއެވެ. ހިތަށް ވަރަށް އަސަރު ކުރެއެވެ. ގިސްލާ ރޮވޭ ކޮންމެފަހަރަކު އާދަމްގެ އޯގާތެރި ހިތްވަރުގެ ބަސްތަކާއި، ފިރުމުންތަކުން އަހަރެން ހަމަޖައްސައިދެވޭތޯ ބަލައެވެ. އަދި ކޮންމެ ފަހަރަކު އަހަރެންނަށް ކެތްތެރިކަމާއެކު ދުޢާކޮށް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލާ އިޙްސާންތެރިކަމާއެކު މަސައްކަތް ކުރުމަށް ހިތްވަރު ދެމުން ދިޔައެވެ. އަބަދުވެސް ﷲ ގެ ރަޙަމަތް ވަނީ އެންމެ ގާތުގައި ކަމުގައި ބުނަމުން ދިޔައެވެ. އަދި ﷲ އެކި އަޅުން އިމްތިހާން ކުރައްވާނީ އެކި ގޮތަށް ކަމަށާއި މިއީވެސް އެކަލާންގެ އިމްތިހާއެއް ކަމުގައި ބުނަމުން ދިޔައެވެ. އަދި ދަރިއަކު ލިބުން އެއީ އާދަމްވެސް އެދޭ ގޮތް ކަމަށާއި ދަރިއަކު ނުލިބުނަށް އަހަރެންދެކެ ވާ ލޯތްބަށް ބަދަލެއް ނާންނާނެ ކަމުގައި ބުނަމުން ދިޔައެވެ. އަދި ކޮންމެ ކަމަކީ ވެސް ތަޤްދީރު ކަމަށާއި، އެކަލާންގެ ނިޔާ ފުޅާ އެއްގޮތަށް ކޮންމެ ކަމެއްވެސް ނިންމަވާ ދެއްވާނެ ކަމަށް ބުނެއެވެ. އެ ފިރުމުންތަކުން ވަގުތީ ހިތްހަމަ ޖެހުނެއް ލިބުނު ކަމަކު އަހަރެންގެ ހިރުގައިވާ ޒަޚަމްތައް ދަނީ ފުންވަމުންނެވެ. މިރޭން ފެށިގެން ދެމީހުން އެއްކޮށް ދަމު ނަމާދުކޮށް އެކަލާންގެއަށް ކުރަމުން މިދާ ދުޢާ އިތުރުކުރަން ވާނެ ކަމުގައި ބުނެ، ކެތްތެރިކަމާއެކު ދެމީހުންވެސް މިކަމަށް މަސައްކަތް ކުރާނީ ކަމުގައި ބުނެދީ އަހަރެންގެ ނިތްކުރީގައި ބޮސް ދިނެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އެއްދުވަހެއްގެ ހެނދުނެވެ. ހުކުރު ދުވަސްކަމުން އާދަމް ވެސް އޮތީ ނިދާފައެވެ. ހެނދުނު ތެދުވި އިރު އަހަރެންގެ ބޮލުގައި މަޑު ރިހުމެއް ހުއްޓެވެ. ފާޚާނާއަށް ވަދެ ދަތް އުނގުޅާ މޫނު ދޮވެލައިގެން އަހަރެން ނުކުތީ ހެނދުނު ސައިބޯނެ އެއްޗެއް ތައްޔާރު ކުރާށެވެ. ބަދިގެއަށް ދިޔައިރު މަންމަ ހުރީ ކަނޑުމަސްކޮޅެއް ކޮށާފައެވެ. އަހަރެން ފެނުމާއެކު މިއުޅެނީ ދަރިފުޅު އަންނަން ވާއިރަށް ކުޅިމަސްކޮޅެއް ހަދާލެވޭތޯކަމުގައި މަންމަ ބުންޏެވެ. އެއާއެކު މިއަދު ކުޅިމަސް ހަދާނީ އަހަރެން ކަމުގައި ބުނެ މަންމަ އަތުން ކޮށާގައިހުރި ފިޔާތަށި އަތުލީމެވެ. އަދި ގަހުން ރާނބާފަތެއް ބިނދެގެން އައިސް ފިޔާކޮޅު ރަތްކޮށްލުމަށް އުދީމެވެ. އުނދުން ރޯކޮށްލުމަށްފަހު އަހަރެން އުޅުނީ ފިޔާކޮޅު ރަތް ކޮށްލާށެވެ. ދުވި ނުބައި ވަހެއްގެ ސަބަބުން އަހަރެން އުނދުން ނިއްވާލީމެވެ. ދުވެފައި ބަދިގެއިން ބޭރަށް ދެވުނީ ކިރިޔާއެވެ. އަހަރެންނަށް ހޮޑު ލެވުނެވެ. ދެންވީގޮތެއް ނޭންގުނެވެ.
އަހަރެންނަށް ހޭވެރިކަން ވީ އިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. ކަންބޮޑުވެފައި އަހަރެންގެ ފިރިމީހާ އާދަމް ގެ އިތުރުން އަހަރެންގެ މަންމައާއި ޑޮކްޓަރާއި ނަރުހަކުވެސް ހުއްޓެވެ. އަހަރެން ތެދުވަން އުޅުނީމެވެ. ނަމަވެސް އެންމެންވެސް އެކަމަށް އިންކާރުކުރިއެވެ. އަދި އަރާމް ކޮށްލުމަށް ބުންޏެވެ. އެނަރުސް ކުއްޖާ އަހަރެންގެ ލޭގެ ޕްރެޝަރު ބަލާލިއެވެ. ޓެސްޓެއް ހަދާލުމަށް ކަމަށް ބުނެ އަތުން ލޭފޮދެއް ނެގުމަށްފަހު އެއްޗެއް ކާލުމަށްފަހު އަރާމް ކޮށްލުމަށް ބުނެފައި ނަރުސް ކުއްޖާވެސް ދިޔައީއެވެ. އަހަރެން އަދަމްއާ ސުވާލު ކުރީމެވެ. އަދި ގެއަށްދާން ބޭނުން ކަމުގައި އަހަރެން ބުނުމުން ރީތިކޮށް އަރާމު ކޮށްލުމަށް އާދަމް ބުންޏެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބުމުން ގެއަށް ދެވޭނެ ވާހަކަވެސް އޭނާ ބުންޏެވެ. އަހަރެން ކައިރީގައި އަރާމް ކޮއްލުމަށް ބުނުމަށްފަހު މަންމަވެސް ދިޔައީ ސައިބޯނެ އެއްޗެއް ބަލައެވެ.
އަހަރެން އޮތީ ފޫހިވެފައެވެ. ގެއަށް ދާން ބޭނުން ވެފައެވެ. ފޯނުން ވައިބަރ އަށް ވަދެ އައިސްފައި ހުރި މެސެޖްތައް ބަލާލަން އޮތް އަހަރެން ސިއްސައިގެން ދިޔައީ، ޑޮކްޓަރާއި ނަރުސް ކުއްޖާ އައިސް ސަލާމް ގޮވާލި އަޑަށެވެ. ސަލާމަށް ޖަވާބު ދެމުން އަހަރެން އެނދުން ތެދުވެލީމެވެ. އެއިރުވެސް ކޮންމެވެސް ވަރަކަށް ބޮލަށް އެނބުރުން އަރައެވެ. ނަމަވެސް ގަދަކަމުން މޫނު މައްޗަށް ހިނިތުންވުމެއް ގެނުވަމުން އަހަރެން އެނދުގައި އިށީންދެލީމެވެ. ޑޮކްޓަރު ނަތީޖާ ބަލާލުމަށްފަހު އަހަރެން އިނީ ބަލިވެ ކަމުގައި ބުނެދީ މަރުހަބާ އޭ ބުނެލިއެވެ. އަހަރެންނަށް ޤަބޫލު ކުރަން އުނދަގޫވިއެވެ. އަދި ތަކުރާރުކޮށް ސުވާލު ކުރެވުނެވެ. ނަތީޖާ ފެނުމުން ޑޮކްޓަރުވެސް ހުރީ އަޖައިބުވެފައެވެ. ވާނީވެސް އެހެންތާއެވެ. މި ކަމަށްޓަކައި އެތަށް ފަހަރަކު ބޭރަށް ދެވިއްޖެއެވެ. އެތަށް ޑޮކްޓަރުންނަކަށް ދެއްކިއްޖެ އެވެ. ހަ ފަހަރު އައިވީއެފް ވެސް ހެދިއްޖެ އެވެ. ކޮންމެ ފަރަކަރުވެސް ވީ ނާކަމިޔާބެވެ. އަހަރެމެން ތަކުރާކުކޮށް ﷲ އަށް ޙަމްދު ކުރީމެވެ. އަދި މި އަމާނާތަށް ސަމާލުވެގެން އެންމެ ރަނގަޅު ތަރުބިއްޔަތެއް ދޭން އަޒުމުކަނޑައެޅީމެވެ.
އާދަމް އަހަރެންނަށް ވަރަށް ހެވެވެ.އިންތިހާ އަށް ލޯބިވެއެވެ. ދަތި އެއްވެސް ކަމެއް އޮތަކަ ނުދެއެވެ. އަބަދުވެސް މޭވާ އާއި ތަރުކާރީ ގެނެސްދީފައި ހުރެއެވެ. ހުކުރު ދުވަހުގެ ރޭ އިރާކޮޅެވެ. އަހަރެން އުޅުނީ ދޮވެފައި ހުރި ބައެއް އަންނައުނު އިސްތިރިކުރާށެވެ. އާދަމް ވީ ބޯޅަކުޅެން ގޮހެވެ. ރޭޑިޔޯއިން އަންނަމުން ދިޔަ "ދުޅަހެޔޮ" ޕްރޮގްރާމް އަޑު އަހަން އިން އަހަރެންގެ ސަމާލުކަން ބަރުގޮނު އަޅަމުން ދިޔަ ސައިކަލުތަކެއްގެ އަޑަށް ފަހު އިވިގެންދިޔަ އެމްބިއުލާންސްގެ ސައިރެންގެ އަޑެވެ. އަހަރެންވެސް ދޯރާށި ކައިރިއަށް ނުކުމެލީމެވެ. އަދި އެހެން ދިޔަ ބަޔަކާ ވެގެން އުޅޭގޮތް އިނގޭތޯ ސުވާލު ކުރީމެވެ. އަދި އާދަމް ކުޅެން އުޅެނިކޮށް ވުއްޓުނީ ކަމަށާއި މިހާރު އެ ގެންދިޔައީ ހޮސްޕިޓަލަށް ކަމުގައި ބުނުމުން އަހަރެންވެސް އެތަނަށް ދިޔުމަށް ހިނގައިގަތީމެވެ. 7 މަހުގެ ބަނޑާއެކު މާބާރަށް ނުދެވުނަސް އަހަރެންނަށް ދެވުނު އެންމެ ބާރަށް ހިނގަމުން ގޮސް ހޮސްޕިޓަލަށް ދިޔައިރު އާދަމްވީ އިމެޖެންސީއަށް ވައްދާފައެވެ. އަހަރެންނަށް ރޮވުނެވެ. ޑޮކްޓަރާއި ނަރުސް ކުދިންގެ އިތުރުން، އާންމުންވެސް އަހަރެންނަށް ވަރަށް ހިތްވަރު ދިނެވެ. އިރުކޮޅެއް ފަހުން އާދަމް އަހަރެންނަށް ގޮވާ ކަމުގައި ބުނުމުން އަހަރެން އޭނާގެ ކައިރި އަށް ދިޔައީމެވެ. އޭނާ އޮތީ އޮކްސިޖަން ގުޅާފައެވެ. ނަމަވެސް ވާހަކަ ދައްކަން މަސައްކަތް ކުރަމުން ދިޔައެވެ. އަހަރެންގެ ދަރިފުޅަށް ވަރަށް ރަނގަޅު ތަރުބިއްޔަތެއްދީ އެ ދަރިފުޅު ވަރަށް ލޯބިން ގެންގުޅެދެއްޗޭ. އެއީ އަހަރެމެންގެ ލޯބީގެ ނިޝާން. އެ އަމާނާތަށް ރައްކާތެރިވެދޭތި. ވަރަށް ޙާލުން އޭނާ ބުންޏެވެ. އެއާއެކު އޭނާ ނޭވާ ހާސް ވިއެވެ.މެޝިނުން އިވެން ފެށި އަޑާއެކު ނަރުސް ކުދިން އަވަސްވެގަތީ އާދަމްއަށް ފަރުވާއެއް ދެވޭތޯއެވެ. އިސާހިތަކު އަހަރެން އެ ތަނުން ބޭރަށް ނެރުނެވެ. އަދި ފަރުދާ ދަމާލުމަށްފަހު އެމީހުންގެ މަސައްކަތާއިގެން އަވަސްވެގަތެވެ.
ގާތްގަނޑަކަށް ބައި ގަޑިއެއް ހާއިރު ފަހެވެ. އެމެޖެންސީގެ ތެރެއިން ނުކުމެގެން އައި ޑޮކްޓަރު އަހަރެންނާ ބައްދަލު ކުރިއެވެ. އަދި ކެތްތެރި ވުމަށާއި މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްކަމުގައި ބުނެދިނެވެ. އާއެކެވެ. އާދަމް މި ފަނާވެ ދަނިވި ދުނިޔެއާ އަލްވަދާޢު ކީއެވެ. އަހަރެންނާއި އަހަރެންގެ ދަރިފުޅު އެކަނިކޮށްފައެވެ. އަހަރެމެން ބިނާކުރަމުން ދިޔަ ޚިޔާލީ ގަނޑުވަރު ފުނޑު ފުނޑު ކޮށްފައެވެ. އަހަރެމެންގެ ދަރިފުޅުގެ ގައިގައި ބީހިނުލެވި އެވެ. އެ ދަރިފުޅާއެކު މަޖާ ކޮށްލާ، ސަކަރާތް ޖަހާލުމުގެ ފުރުސަރު ނުލިބިއެވެ. ކުރާނެ ކަމެއް ނެތެވެ. މިއީ ތަޤްދީރުގެ ނިޔާއެވެ.
އަހަރެންގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ފޮހެލައި ދިނީ އަހަރެންގެ 2 އަހަރުގެ ތުއްތު ދަރިފުޅެވެ. މިއަދު އެއީ އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. ދިރިހުރުމުގެ އުއްމީދެވެ. އަހަރެންނާ އާދަމްގެ ލޯބީގެ ނިޝާނެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މި ދަރިފުޅުގެ ލޯބި އަޑު އަހާލާ ފަރި ހަރަކާތްތައް ބަލައިލާކަށް މިއަދަކު އާދަމް އެއް ނެތެވެ. ކުރާނީ ކީއްހެއްޔެވެ. މިއީ ތަޤްދީރުގެ ނިޔާއެވެ.
- ނިމުނީ -